ޖަރުމަނުގެ ކްލެސިކޯ، ޑާ ކްލަސިކާގައި ރެފްރީކަން ކުރި ފެލިޒް ވޭވާ އާ ގުޅޭ ގޮތުން އިންގްލެންޑްގެ ޒުވާން ތަރި ޖޫޑް ބެލިންހަމް ދައްކާފައިވާ ވާހަކަތައް ބަލައި، ޖަރުމަނު އެފްއޭއިން އޭނާ ޖޫރިމަނާ ކޮށްފިއެވެ.
އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ބެލިންހަމް ޖޫރިމަނާ ކުރަން އެފްއޭއިން ނިންމާފައި ވަނީ 40،000 ޔޫރޯއިންނެވެ. އެފްއޭއިން ބެލިންހަމް ޖޫރިމަނާ ކޮށްފައި ވަނީ "ކުޅިވަރުގެ ރޫހާ" ހިލާފުވެގެން ކަމަށް އަންގާފައިވެއެވެ.
މިދިޔަ ހަފުތާގައި ބަޔާން މިއުނިކާ ދެކޮޅަށް ޑޯޓުމަންޑުން ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެފްރީ ނިންމި ނިންމުންތަކާ ގުޅިގެން އިނގިރޭސި މިޑްފީލްޑަރު ބެލިންހަމް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ބެލިންހަމް ވަނީ ވޭވާއަކީ މެޗު ވިއްކާ ރެފްރީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ވާހަކަތައް ބެލިންހަމް ދައްކާފައި ވަނީ 2005 ވަނަ އަހަރު ވޭވާ މެޗެއް ވިއްކާލިކަން ސާބިތުވެ، ހަ މަހުގެ ސަސްޕެންޝަނެއް އައިސްފައި އޮތުމުންނެވެ.
"ޖަރުމަނު ފުޓުބޯޅައިގެ އެންމެ ބޮޑު މެޗަށް މި އަރުވަނީ ކުރިން މެޗު ފިކްސް ކޮށްފައި ހުންނަ ރެފްރީއެއް. މިއަށް ޖަވާބު ލިބެން ޖެހޭ. ޕެނަލްޓީ އެކަންޏެއް ނޫން. މެޗަށް ރަނގަޅަށް ބަލައިލީމަ ފެންނާނެ ވަރަށް ގިނަ ކަންތައްތަކެއް،" ބަޔާން މެޗަށްފަހު ބެލިންހަމް ބުންޏެވެ.
ބަޔާންއާ ދެކޮޅަށް ޑޯޓުމަންޑުން ކުޅުނު މެޗުގައި ވޭވާ ވަނީ ޑޯޓުމަންޑުން ވަރަށް ބޮޑަށް ޝަކުވާ ކުރި ޕެނަލްޓީއެއް ނުދީ، މެޓްސް ހުމަލްސް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ބަޔާންއަށް ފަސޭހަ ޕެނަލްޓީއެއް ދީފައެވެ. ބެލިންހަމް މެޗަށްފަހު ބުނީ ހުމަލްސް ބޯޅައިން ރެކި، އަތް ނުލަން މަސައްކަތް ކުރި ގަޑީގައި އަތުގައި ބޯޅަ ޖެހިލުމުން ދިން ޕެނަލްޓީ އަކީ މިހާރު ފުޓުބޯޅައިގައި ނުދެވޭނެ ޕެނަލްޓީއެއް ކަމަށެވެ.
ބެލިންހަމް ދެއްކި ވާހަކައަށް ޖަވާބުދާރީވާން އިއްޔެ އެފްއޭއިން އެންގި އިރު، ޑޯޓުމަންޑުން ބުނެފައި ވަނީ ކްލަބުން ތިބީ ބެލިންހަމްއާ އެކުގައި ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު