ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުހޯދައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ ފަރާތުން ފުލުހުންނަށް މައްސަލައެއް ހުށަހަޅައިފިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ދީފައިވާ ކަމަށް ބުނެ މާލޭ ސިޓީ ކައުންސިލުން ވަނީ އެޗްޑީސީއަށް ސިޓީއެއް ފޮނުވައިފައެވެ. ނަމަވެސް އެޗްޑީސީން ބުނެފައިވަނީ، އެ ހުއްދަ ސިޓީ ކައުންސިލަށް ނުދެވޭނެ ކަމަށެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.
ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފައެވެ. ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ބައްލަވައިދެއްވުމަށެވެ.
ޚަބަރު
ޚަބަރު