އިސްލާމްދީނާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ އެ މަރުކަޒަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ދީފިއެވެ.

މިނިސްޓްރީން މިގޮތަށް އިންޒާރުދީފައި މިވަނީ މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ސްންޓްރަލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގައި ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލައެއް ފެންމަތިވުމާ ގުޅިގެންނެވެ.

ހަޔާ އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިފަދަ ކަންކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ހަވަނަ މާއްދާގައިވާ ގޮތުން މަނާކަމެއް ކަމަށެވެ.

މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތެއް އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެ މަތިން ހިންގުމަކީ ލާޒިމުކަމެއް ކަމަށެވެ. އަދި އެ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުތަކަށް ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

"އިސްލާމްދީނާއި ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާ ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެ މަރުކަޒަކާ މެދު ފިޔަވަޅު އެޅޭނެ،" ބަޔާނުގައިވެއެވެ.

ނަސާރާދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައި ވަނީ ކްލިކް ކޮލެޖުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިންނެވެ.

އެކަމާ ގުޅިގެން ކްލިކް ކޮލެޖުން ބުނެފައިވަނީ ނަސާރާ ދީނުގެ ލަވަ ޖެހީ ގަސްދުގައި ނޫން ކަމަށާއި އެ ލަވަ ޖެހުނީ އޮޅުމަކުން ކަމަށެވެ. އަދި އެ ލަވަ ޖެހުނުކަން ސައުންޑާ ހަވާލުވެގެން ތިބި މީހުންނަށް އެންގުމުން ލަވަ ބަދަލުކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ އިސްލާމިކް މިނިސްޓްރީންނާއި ރައްޔިތުންގެ އިއްތިހާދުން ވެސް ވަނީ ފުލުހަށް ހުށަހަޅައިފައެވެ.