ޓެރަރިޒަމާއި ހަރުކަށި ފިކުރު ހުއްޓުވުމަށް ޖޮއިންޓް އިންޓަ އޭޖެންސީ އޮޕަރޭޝަން ސެންޓަރު (ޖަޔޮކް)ގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ.
ބަންޑާރަ ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސެންޓަރު ހުޅުއްވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. މި ސެންޓަރަކީ، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް ޕޮލިސީ"ގެ ދަށުން ޓެރަރިރަމް ގާނޫނަށް ގެނައި އިސްލާހުގައިވާ ކަންކަން ތަންފީޒުކުރަން ގާއިމުކުރި ސެންޓަރެވެ.
މި ސެންޓަރު ވެގެންދާނީ، ޓެރަރިޒަމްގެ ހަމަލާތައް ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކުގައި ގައުމީ ފެންވަރުގެ ހުރިހާ މުއައްސަސާއެއް ގުޅުވައިދޭ މައި ހަބަށެވެ. ޖަޔޮކްގެ މަސައްކަތަކީ، ޓެރަރިޒަމްގެ ހަމަލާތައް ފަދަ ނުރައްކާތެރި ހާލަތްތަކާ ކުރިމަތިލުމަށް ރާވަންޖެހޭ ރޭވުންތައް ރާވައި ޕްލޭންތައް ފަރުމާކޮށް، އޮޕަރޭޝަންތައް ހިންގުމެވެ.
ޖަޔޮކް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޑިފެންސް މިނިސްޓްރީގެ އިސް ބޭފުޅުންނާއި ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓެރަރިޒަމާއި ހަރުކަށި ފިކުރު ހުއްޓުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއްވެސް ވަނީ އެކުލަވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު