ޖަރުމަނުގެ ކްލެސިކޯ، ޑާ ކްލަސިކާގައި ރެފްރީކަން ކުރި ފެލިޒް ވޭވާ އާ ގުޅޭ ގޮތުން އިންގްލެންޑްގެ ޒުވާން ތަރި ޖޫޑް ބެލިންހަމް ދައްކާފައިވާ ވާހަކަތައް ޖަރުމަނު އެފްއޭއިން ތަހުގީގުކުރަން ފަށައިފިއެވެ.
މިދިޔަ ހަފުތާގައި ބަޔާން މިއުނިކާ ދެކޮޅަށް ޑޯޓުމަންޑުން ކުޅުނު މެޗު ބަޔާންއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ރެފްރީ ނިންމި ނިންމުންތަކާ ގުޅިގެން އުމުރުން 18 އަހަރުގެ ބެލިންހަމް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ބެލިންހަމް ވަނީ ވޭވާއަކީ މެޗު ވިއްކާލައި ރެފްރީއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ ވާހަކަތައް ބެލިންހަމް ދައްކާފައި ވަނީ 2005 ވަނަ އަހަރު ވޭވާ މެޗެއް ވިއްކާލިކަން ސާބިތުވެ، ހަ މަހުގެ ސަސްޕެންޝަނެއް އައިސްފައި އޮތުމުންނެވެ.
"ޖަރުމަނު ފުޓުބޯޅައިގެ އެންމެ ބޮޑު މެޗަށް މި އަރުވަނީ ކުރިން މެޗު ފިކްސް ކޮށްފައި ހުންނަ ރެފްރީއެއް. މިއަށް ޖަވާބު ލިބެން ޖެހޭ. ޕެނަލްޓީ އެކަންޏެއް ނޫން. މެޗަށް ރަނގަޅަށް ބަލައިލީމަ ފެންނާނެ ވަރަށް ގިނަ ކަންތައްތަކެއް،" ބަޔާން މެޗަށްފަހު ބެލިންހަމް ބުންޏެވެ.
ބަޔާންއާ ދެކޮޅަށް ޑޯޓުމަންޑުން ކުޅުނު މެޗުގައި ވޭވާ ވަނީ ޑޯޓުމަންޑުން ވަރަށް ބޮޑަށް ޝަކުވާ ކުރި ޕެނަލްޓީއެއް ނުދީ، މެޓްސް ހުމަލްސް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ބަޔާންއަށް ފަސޭހަ ޕެނަލްޓީއެއް ދީފައެވެ. ބެލިންހަމް މެޗަށްފަހު ބުނީ ހުމަލްސް ބޯޅައިން ރެކި، އަތް ނުލަން މަސައްކަތް ކުރި ގަޑީގައި އަތުގައި ބޯޅަ ޖެހިލުމުން ދިން ޕެނަލްޓީ އަކީ މިހާރު ފުޓުބޯޅައިގައި ނުދެވޭނެ ޕެނަލްޓީއެއް ކަމަށެވެ.
ބެލިންހަމް ދެއްކި ވާހަކައަށް ޖަވާބުދާރީ ވާން އެފްއޭއިން އެދިފައިވާ އިރު، ޑޯޓުމަންޑުން ބުނީ ކްލަބު އޮތީ ބެލިންހަމް ފަހަތުގައި ކަމަށެވެ. ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރު މައިކަލް ޒޯކް ބުނެފައި ވަނީ އެ ވަގުތަކީ ބެލިންހަމްއަށް އެމޯޝަނަލް ވަގުތެއް ކަމަށާއި، ދޮގަކާއި ނުލައި ބެލިންހަމް ބުނި ވާހަކައަކީ މައްސަލައަކަށް ވެގެން ނުވާނެ ކަމަށެވެ.
ޑޯޓުމަންޑުގެ ޗީފް ހޭންސް ޔޮކިމް ވަޓްޒްކޭ ވިދާޅުވީ ބެލިންހަމް އެއްވެސް ހާލެއްގައި ދޮގު ވާހަކައެއް ނުދައްކާ ކަމަށާއި، އެއީ ބުނަން ނުޖެހޭ އެއްޗެއް ނަމަވެސް، އެ ވާހަކަ ބުނުމުން ފިޔަވަޅު އެޅެން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު