ޒަމާންތަކަކަށްފަހު ދުނިޔޭގެ އާބާދީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ދަށް ވާން ފަށާނެ ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.
މިވަގުތު ދުނިޔޭގެ އާބާދީގައި 7.8 ބިލިއަން މީހުން ހިމެނޭއިރު 2064 ވަނަ އަހަރު މި އަދަދު ޕީކަށް އަރާނެ ކަމުގައި ''ދަ ލޯންސެޓް'' ގައި ހިމަނާފައިވާ ދިރާސާއެއްގައި ވަނީ ބުނެފައެވެ. ދުނިޔޭގެ އާބާދީ އެންމެ މަތިވާނެކަމަށް ބެލެވެނީ 2064 ވަނަ އަހަރު ކަމަށާއި އެ އަހަރު އާބާދީ 9.7 ބިލިއަން އަށް އަރާނެ ކަމަށް ލަފާކޮށް އެއަށްފަހު މި އަދަދު ތިރިވާން ފަށާނެ ކަމުގައި އެ ދިރާސާގައި ބުނެއެވެ. އަދި 2100 ވަނަ އަހަރާ ހަމައަށް އާބާދީ 8.8 ބިލިއަން އަށް ވެއްޓޭނެ ކަމުގައި ވަނީ ފާހަގަކޮށްފައެވެ.
އިންސްޓިޓިއުޓް އޮފް ހެލްތު މެޓްރިކްސް އެންޑް އިވޭލުއޭޝަން (އައިއެޗްއެމްއީ)ގެ ޕްރޮފެސަރު އޮފް ގްލޯބަލް ހެލްތު ޑރ. ސްޓެއިން އެމިލް ވޮލްސެޓް އިސްވެ ހުންނަވައި ހެދި މިދިރާސާއާ ގުޅިގެން އޭނާ ވިދާޅުވީ މީގެ ކުރީން ދުނިޔޭގެ އާބާދީ ދަށަށް ދިޔަ ކަމަށް ރެކޯޑުކުރެވިފައިވަނީ 14 ވަނަ ގަރުނުގެ މެދު ތެރޭގައި ދުނިޔެ ކުރިމަތިލި ''ބްލެކް ޕްލޭގު' ގެ ސަބަބުން ކަމަށެވެ. މިދިރާސާގެ ނަތީޖާތައް ރަނގަޅު ނަމަ ކުރިއަށް އޮތް ތަނުގައި އާބާދީ ދަށްވުމުގެ ސަބަބެއް ކަމުގައި ފުރަތަމަ ފަހަރަށް ދަރިމައިވުން ދަށްވުން ހިމެނޭނެ ކަމުގައި އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.
އެ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި 23 ގައުމެއްގެ އާބާދީ ދެބައި ކުޅަ އެއްބައި ތިރިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ތެރޭގައި ޖަޕާން، ތައިލެންޑު، ސްޕޭން، އިޓަލީ، ޕޯޗުގަލް އަދި ދެކުނު ކޮރެއާ ހިމެނެއެވެ. އޭގެ އިތުރުން ދުނިޔޭގެ އެންމެ އާބާދީ ބޮޑު ކަމަށް ރެކޯޑުކުރެވިފައިވާ ޗައިނާގެ އާބާދީ މީގެކުރިން 2017 ވަނަ އަހަރު 1.4 ބިލިއަން ގައި ރެކޯޑުކުރެވިފައިވާއިރު މި އަދަދު 2100 ވަނަ އަހަރު 732 މިލިއަން އަށް ތިރިވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.
ވޯލްސެޓް ފާހަގަކުރިގޮތުގައި ދަރިމައި ވާ ރޭޓު ދަށްވުމުގެ ފަހަތުގައި ދޭތެރެ ދުރުކުރުމުގެ ވަސީލަތްތައް ކުރިއަރައިދިއުމާއި ދަރިމައިވުމުގެ ސިއްހަތަށް އަންހެނުންނާއި އަންހެން ކުދީން ހޭލުންތެރިވެފައިވާ މިންވަރު އިތުރުވުން ހިމެނެއެވެ. ދުނިޔޭގެ ދަރިމައިވާ ރޭޓު 2017 ވަނަ އަހަރު 2.37 ގައި ހުރިއިރު މިއަދަދު 2100 ވަނަ އަހަރު 1.66 އަށް ވެއްޓޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. އަދި މިއަދަދަކީ އާބާދީއެއް ދެމެހެއްޓުމަށް ބޭނުންވާ (ކޮންމެ އަންހެނަކު 2.1 ކުދިން އުފަން ކުރުމުގެ) ރޭޓަށްވުރެ ދަށް އަދަދެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ.
''ދަ ލޯންސެޓް''ގެ ޗީފް އެޑިޓަރު ޑރ. ރިޗާޑް ހާޓަން ގެ ބަޔާނެއްގައި ބުނެފައިވަނީ 21ވަނަ ގަރުނުގައި އިންސާނުން ކުރިއަރައި ދިއުމުގައި ދުނިޔެއަށް އާ އިންގިލާބެއް ގެނުވާނެ ކަމަށެވެ. އެފްރިކާ އަދި އަރަބި ގައުމުތަކުން ކުރިއަށް އޮތްތަނުގައި ދުނިޔެ ބައްޓަން ކުރުމުގައި ކުރިއެރުންތައް ހޯދާނެ ކަމަށާއި ހުޅަނގު އަދި އޭޝިއާގެ ގައުމުތަކުގެ ނުފޫޒު ކުޑަވެގެންދާނެކަމަށް ވެސް އެ ބަޔާނުގައި ލަފާކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ