އައްޑޫ ހިތަދޫގައި ހުންނަ ކަސްޓޯޑިއަލްގައި ބަންދުކޮށްފައި ހުރި މީހަކު ދެ ފުލުހެއްގެ މޫނަށް ފާހަނާ ސާފުކުރާ ފުޅިއެއް ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އައްޑޫގެ ކަސްޓޯޑިއަލްގައި ހުރި މީހަކު އެތަނުގައި މަސައްކަތް ކުރާ ދެ ފުލުހެއްގެ މޫނަށް ފާހަނާ ސާފުކުރާ ފުޅިއެއް ޖެހިކަމުގެ މައުލޫމާތު މިއަދު ހަވީރު 4:30 ހާއިރު ލިބިފައިވާ ކަމަށެވެ.

ދެ ފުލުހެއްގެ ލޮލަށް ފާހަނާ ސާފުކުރާ ފުޅިއެއް ޖެހުމުން އެ ދެ ފުލުހުންނަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެ ދެމީހުންގެ ހާލު ސާފުވާގޮތް ވަނީ ނުވެފައެވެ.

ދެ ފުލުހަކަށް ހަމަލާދިނީ ކޮން ކަމަކާ ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ފުލުހުން ބުނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.