ޚަބަރު

ހުނަވަރު ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް އެމްޓީސީސީން ޔޫތު މިނިސްޓްރީއާ އެކު އެއްބަސްވެއްޖެ

ރިފާ ހަލީލު

"ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021" ދަށުން ޒުވާނުން ތަމްރީން ކުރުމަށް ޔޫތު މިނިސްޓްރީ އާއެކު އެމްޓީސީސީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، މި އެއްްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީީއީއޯ އާދަމް އާޒިމެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސއޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

އެމްޓީސީސީން ބުނީ މި އެއްބަސްވުން ތަންފީޒު ކުރެވޭނީ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" މެދުވެރިކޮށް މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑެެވޮލޮޕްމަންޓް އޮތޯރިޓީން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑާޑުގެ މިންގަނޑުތަކާއި ސަރުކާރުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގްރާމުގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށެވެ.

ހުނަަވަރު ޕްރޮގުރާމަކީ މަސައްކަތުގެ މާހުއުލުގައި ފަންނީ ތަމްރީނު ލިބިފައިވާ ދިވެހިން ބިނާ ކުރުމަށް އެމްޓީސީސީން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމްގެ މަގުސަދަކީ ތަމްރީނާއި ތަޖުރިބަ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެކުންފުނީގެ އެކި ވަޒީފާތަކަށް ހޯދުން ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

ހުނަވަރު ޕްރޮގުރާމު ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ މިއަހަރު ޖެނު އަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަަވަރު ލައިސެންސިން ޕްރޮގުރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގުރާމެެވެ.

އެމްޓީސީސީން ބުނީ މިހާރު މިފަށާ ހުނަަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދަަނީ މިއަހަރުން ފެށިގެން ތިން އަހަރުގެ މުއްދަތަށަ ކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ތިން އަހަރު ދުވަހުގެ ތެރޭގައި 100 މީހުން ތަމްރީނު ކުރުން ކަމަށްވެސް އެކުންފުނިން ބުންޏެވެ. މިއަހަރު 30 މީހުން ތަމްރީނު ކުރާނެ ކަމަށްވެސް ބުންޏެވެ.

މި ޕްރޮގުރާމުގެ ދަށުން ވެލްޑިން ކުރުމުގެ މަސައްކަތާއި، ޕްލަމްބަރިން، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް ވަޑާމުގެ މަސައްކަތް އަދި ކޮންސްޓްރަކްޝަން ސައިޓު ސުޕަވައިޒު ކުރުމުގެ ދާއިރާތަކަށް ދިވެހީން ތަމްރީނު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޕްރޮގްރާމުގެ ދަށުން ކޮންމެ ބައިވެރިޔަކަށް ހަ މަސް ދުވަހުގެ ތަންރީނެއް ދޭއިރު 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ދޭނެ ކަމަށް އެކުންފުނިން ބުންޏެވެ. އަދި އޭގެ އިތުރުން ވޯކް ސައިޓު ހުންނަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާނަމަ ހުރުމާއި ކެއުން އަދި އެއްގަމާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ހަރަދު ވެސް ދޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މިއަަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިން ޕްރޮގުރާމުގެ ދަށުން 23 މިހުން ޝޯޓު ލިސްޓު ކުރެވި 15 މީހަކު ވަނީ އެ ތަމްރީނުތައް ފަށާފަ އެވެ. އަދި މި މީހުން މަސައްކަތް ކުރަމުން އަންނަނީ ފުވައްމުލަކާ، ގދ. ތިނަދޫ އާއި އަދި ލ. ފޮނަދޫގަ އެވެ.

މި 15 މީހުންގެ ތެރެއިން 13 މީހަކު ތަމްރީނު ފުރިހަމަކޮށް އެމްޓީސީސީގެ އެކްސްކަވޭޓަ އޮޕަރޭޓު ކުރުމުގެ ވަޒީފާ އަންނަނީ އަދާކުރަމުން ކަމަށް އެ ކުންފުނީން ބުނެއެވެ.