ޚަބަރު

ކޮލެޖުތަކާއި މަތީ ތައުލީމު ދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީ ކުރަން އަންގައިފި

އައިޝަތު ނިއުޝާ

ރާއްޖޭގައި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް އަލުން ރަޖިސްޓްރީ ކުރުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ގަވާއިދާއި ރާއްޖޭގައި ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިންގުމުގެ ގަވައިދުގެ ދަށުން، މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރަން މިހާރު ފަށާފައިވާ ކަމަށެވެ.

އެ ގަވައިދުގައި ވަނީ މިނިސްޓްރީގައި ރަޖިސްޓަރީކޮށް ހިންގަމުންދާ އިންސްޓިޓިއުޓްތަކާއި ކޮލެޖްތައް އަލަށް ގެޒެޓް ކުރި ގަވާއިދުތައް ގެޒެޓްކުރެވުނު ތާރީހު (2 ޑިސެމްބަރުން 2021) އިން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި އެ ތަންތަނުގެ ރަޖިސްޓަރީ އާ ކުރަންޖެހޭ ކަމަށެވެ. އެހެން ނަމަވެސް އަލުން ރީ-ރަޖިސްޓްރީ ކުރަން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

އޭގެ އިތުރުން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ އާ ނުކުރާ ތަންތަން އެ ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ކޮލެޖުތަކާއި އިންސްޓިޓިއުޓްތަކުގެ ދަފުތަރުން އުނިކުރާނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ އެ ގަވާއިދުގެ ދަށުން ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓްރީ އާ ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށެވެ. އަދި މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމާ ގުޅޭ އެންމެހާ ކަންކަމުގައި މިނިސްޓްރީއަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް [email protected] އީމެއިލް ކުރުމަށްވެސް އެދިފައިވެއެވެ.

މަތީ ތައުލީމުގެ ބިލު ފާސްކޮށްފައި ވަނީ މިއަހަރު އޭޕްރިލް މަހުގެ 28 ވަނަ ދުވަހުއެވެ. އެ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފައި ވަނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.