ކޮވިޑް ކޭސްތައް އިތުރުވެ، ދ ކުޑަހުވަދޫ އަނެއްކާވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑް 19 އާ ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ކުޑަހުވަދޫ ކައުންސިލު ރައީސް އިބްރާހިމް ފިކުރީ "ވަން" އަށް މިއަދު ވިދާޅުވީ އެރަށުގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދުތައް އިތުރުވުމާ ގުޅިގެން ރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ފަހުގެ ކްލަސްޓާއަކީ ރަށު ސުކޫލުގެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އުފެދުނު ކްލަސްޓާއެއް ކަމަށެވެ.
ފިކުރީ ވިދާޅުވީ މިހާރުވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްގެންދާއިރު، މިހާތަނަށް 328 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި އޭގެތެރެއިން 72 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު މިހާތަނަށް ޖުމުލަ 72 މީހުން އެ ރަށުގައި ކޮވިޑަށް ޕޮޒިޓިވްވެފައި އެބަ ތިބި ކަމަށެވެ. އޭގެ އިތުރުން 25 ގެ ކަރަންޓީންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ވެސް ފިކުރީ ވިދާޅުވިއެވެ.
"މިހާރު ރަށުގެ ގިނަ މީހުން ބޭނުމެއް ނުވޭ ޑައިރެކްޓް ކޮންޓެކްޓް ވިޔަސް ސާމްޕަލް ދޭކަށްވެސް. އެހެންވީމަ ޕޮޒިޓިވް ވާ މީހުންގެ އަދަދު އިތުރުވަމުން މިދަނީ." ފިކުރީ އިތުރަށް ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ، ވަކި ގޮތެއް އަންގަންދެން އެ ރަށުގައި މިވަގުތު ތިބި މީހަކު ރަށުން ފޭބުމާއި، އެޗްޕީއޭގެ ހުއްދަ ނެތި ރަށަށް އެރުން މަނާކޮށްފައިވާ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ކުޑަހުވަދޫން ވަނީ އެރަށު ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު