އިނާޔަތުގެ ގޮތުގައި ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހުށަހަޅުއްވާފައިވަނީ އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ކުރި ދުވަހުން ފެށިގެން މިނިވަންވުމާ ހަމައަށް ނުދީ ހުރި 2.4 މިލިއަން ރުފިިޔާ ކަމަށް އެމަނިކުފާނުގެ ވަކީލުން ބުނެފިއެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރި މައްސަލައިގައި، ރައީސް ޔާމީނަށް ކުރިމިނަލް ކޯޓުން ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވި ދުވަހުން ފެށިގެން އެމަނިކުފާނު މިނިވަންވުމާ ހަމައަށް، ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތް ހަމަޖައްސައިދޭން އެމަނިކުފާނުގެ ފަރާތްޕުޅުން މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 28 ނޮވެމްބަރު 2019 ގައި ހުކުމް ކުރުމާ ހަމައަށް އެމަނިކުފާނަށް އިޔާޔާތުގެ ގޮތުގައި މަހަކު ލިބެމުން އައީ މާލީ އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާ އާއި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ 50,000 ރުފިޔާއާއެކު ޖުމުލަ 100,000 ރުފިޔާ ކަމަށެވެ.

އެމަނިކުފާނަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީހެއް ހިންގަވާ ފަރާތެއް ކަމަށްނުވާތީ، އޮފީސް ހިންގެވުމުގެ ހަރަދުގެ ގޮތުގައި ގާނޫނުން ކަނޑައަޅާފައިވާ 175,000 ރުފިޔއަކީ މިހާތަނަށް އެއްވެސް އިރަކު އެމަނިކުފާނު ނަންގަވާފައިވާ އިނާޔަތެއް ނޫން ކަމަށް ވަކީލުން ބުންޏެވެ.

ވަކީލުން ބުނީ، ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަމުން އައި 100,000 ރުފިޔާ، އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން ހުކުމް ކުރި ދުވަހުން ފެށިގެން ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ހުކުމް ބާތިލުކުރުމާ ހަމައަށް ހިނގައިދިޔަ 24 މަސް ދުވަހަށް ނުދީ ހިފަހައްޓާފައިވާ ކަމަށާއި އެހެންވެ، އެމަނިކުފާނުގެ ފަރާތްޕުޅުން ހޯއްދެވުމަށް އެދިވަޑައިގެންފައިވަނީ 24 މަހަށް، ކޮންމެ މަހަކަށް ލިބެންޖެހޭ 100,000 ރުފިޔާގެ އިނާޔަތް ކަމަށެވެ. އެއީ ޖުމުލަ 2.4 މިލިއަން ރުފިޔާއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަންގާރަ ދުވަހު ބާތިލު ކުރި ހިސާބުން ކުރީގެ ރައީސުންނަށް ލިބެންޖެހޭ އިނާޔަތާއި ސެކިއުރިޓީ ސަރުކާރުން އަންނަނީ ހަމަޖައްސައިދެމުންނެވެ.

އެއް ދައުރު ވެރިކަން ކޮށްފައިވާ ރައީސުންނަށް އިނާޔަތުގެ ގޮތުގައި، މަހަކަށް 275،000 ރުފިޔާ ލިބޭނެއެވެ. އެއީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000 ރުފިޔާއާއި ދިރިއުޅުއްވާ ތަނުގެ ހަރަދަށް މަހަކު 50،000 ރުފިޔާ އަދި އޮފީސް ހިންގެވުމުގެ ހަރަަދަށް މަހަކު 175،000 ރުފިޔާއެވެ. އޭގެ އިތުރުން ބޭސްފަރުވާގެ ގޮތުގައި އަހަރަކަށް 700،000 ރުފިޔާ ކަނޑައަޅާފައިވެއެވެ.