މިދިޔަ ހުކުރު ދުވަހު ހުޅުމާލޭ ސްންޓްރަލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލެއްގައި ނަސާރާ ދީނުގެ ލަވަ ޖެހި މައްސަލަ އިސްލާމިކް މިނިސްޓްރީން ފުލުހަށް ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ބުނީ ނަސާރާދީނުގެ ލަވައެއް ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް ހަރަކާތެއްގައި ޖެހި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށްޓަކައި ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެފަދަ ކަންކަން ކުރުމަކީ ގާނޫނީ ގޮތުން ފިޔަވަޅު އެޅޭނެ ކަމެއް ކަމަށާއި އެހެންކަމުން ހަރަކާތްތައް ބާއްވާއިރު އެފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެ މައްސަލަ ރައްޔިތުންގެ އިއްތިހާދުން ވެސް ވަނީ ފުލުހަށް ހުށަހަޅައިފައެވެ. ރައްޔިތުންގެ އިއްތިހާދުން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން، އެ ގާނޫނު ތަންފީޒު ކުރުމަށް ހަދާފައިވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައި ދީނީ ތަގުރީރު ކުރުމާއި ދީނީ ވާހަކަ ދެއްކުމުގައި އިސްލާމީ ވަހުދަތު ދެމެހެއްޓުމުގެ ނުކުތާއާ ހިލާފު ބޮޑު ކުށެއް ކަމަށެވެ.
އެހެންކަމުން ކްލިކް ކޮލެޖުގެ މި ހަރަކާތުގެ މައްސަލަ ބަލައިދިނުމުގައި ގާނޫނީގޮތުން ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި އެފަރާތްތަކުގެ މައްޗަށް ދައުވާ އުފުލުމުގެ އެންމެހައި ކަންކަން ނިންމައިދިނުމަށް އެދޭ ކަމަށެވެ.
ނަސާރާދީނަށް ހިތްވަރުދޭ ލަވައެއްގެ ބައެއް ޖަހާފައި ވަނީ ކްލިކް ކޮލެޖުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ސްޕޯޓްސް ފެސްޓިވަލްގެ މާޝަލްއާޓްސް ހަރަކާތުގެ ތެރެއިންނެވެ.
އެކަމާ ގުޅިގެން ކްލިކް ކޮލެޖުން އިއްޔެ ބުނެފައިވަނީ ނަސާރާ ދީނުގެ ލަވަޖެހީ ގަސްދުގައި ނޫން ކަމަށާއި އެ ލަވަ ޖެހުނީ އޮޅުމަކުން ކަމަށެވެ. އަދި އެ ލަވަ ޖެހުނުކަން ސައުންޑާ ހަވާލުވެގެން ތިބި މީހުންނަށް އެންގުމުން ލަވަ ބަދަލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު