ބެޑްމިންޓަން

ޕެރަ ބެޑްމިންޓަން އިވެންޓަކުން ރާއްޖެއިން ހޯދި ފުރަތަމަ މޮޅު އީޝަލް ހޯދައިފި

ޕެރަ ބެޑްމިންޓަން އިވެންޓަކުން ރާއްޖޭގެ އެތުލީޓަކު ހޯދި ފުރަތަމަ މޮޅު، ޖޫނިއާ ބެޑްމިންޓަން ކުޅުންތެރިޔާ ހައްވާ އީޝަލް ރިޔާޒް ހޯދައިފިއެވެ.

އީޝަލް އެ މޮޅު ހޯދީ ބަހުރައިންގައި ކުރިއަށްދާ އޭޝިއަން ޔޫތު ޕެރަ ގޭމްސްގެ ޕެރަ ބެޑްމިންޓަން ސިންގަލްސް އިވެންޓުންނެވެ. އަންހެން ސިންގަލްސް އެސް އެޗް ހައެއްގެ އިވެންޓުގައި އީޝަލް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާ އިރު، މިއަދު މޮޅުވީ ބަންގުލަދޭޝްގެ ޝޮރްމީ މޮޒުމްދާރާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މެޗު ސީދާ ދެ ސެޓުން އީޝަލް ކާމިޔާބުކޮށްފައިވާ އިރު، ސެޓުތައް ގެންދިޔައީ 18-21 އަދި 13-21 އިންނެވެ. މިއަދުގެ މެޗުގެ ކުރިން ދެން އީޝަލް ކުޅުނު ތިން މެޗުން ބަލިވި ނަމަވެސް، ވަރުގަދަ ކުޅުންތެރިންނާ ދެކޮޅަށް އީޝަލް ވަނީ ހިތްވަރާއެކު ކުޅެފައެވެ. ހާއްސަކޮށް ޗައިނީސް ޓައިޕޭއާއި އިންޑިއާ ފަދަ ގައުމުތަކުގެ ކުޅުންތެރިންނާ ދެކޮޅަށް އީޝަލް ވަނީ ހިތްވަރުކޮށްފައެވެ.

އީޝަލްއަކީ ރާއްޖެއިން ޕެރަ ގޭމްސްއަށް ދިޔަ އެންމެ ހަގު އެތުލީޓެވެ. އޭގެ އިތުރުން މިއީ ރާއްޖޭގެ އަންހެން ޕެރަ އެތުލީޓަކު ބައިނަލްއަގުވާމީ މައިދާނުގައި ބެޑްމިންޓަން އިވެންޓަކުން ފެނުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ބަހުރައިންގެ މަނަމާގައި މިއަހަރު ބާއްވާނީ އޭޝިއަން ޔޫތު ޕަރަ ގޭމްސްގެ ހަތަރުވަނަ އެޑިޝަންއެވެ. މިފަހަރުގެ އިވެންޓުގައި ޖުމުލަ ނުވަ ކުޅިވަރެއް ހިމެނޭ އިރު، 33 ގައުމަކުން ވާދަކުރާނެއެވެ. ރާއްޖެއިން ވާދަކުރާނީ ޕެރަ ބެޑްމިންޓަން އަންހެން އިވެންޓުގައި އެކަންޏެވެ.