ސިސްޓަމް އަޕްގްރޭޑިންގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތައް މިދިޔަ ދުވަސްތަކުގައި މެދުކެނޑުނު ނަމަވެސް، އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވެއްޖެއެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓިމް ވިދާޅުވީ ސިސްޓަމް އަޕްގްރޭޑިންގައި ދިމާވި މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި އެކަމުގެ ސަބަބުން ހިދުމަތްތައް ދެން މެދުނުކެނޑޭނެ ކަމަށެވެ. އޭގެ އިތުރުން މައްސަލަ ދިމާވި ސަބަބު ބަލައި ރިވިއުކޮށް، މައްސަލަ އަލުން ތަކުރާރުވިޔަ ނުދޭންވެސް ބަދަލުތަކެއް ގެންނާނެ ކަމަށް ޓިމް ވިދާޅުވިއެވެ.

ހަމަ އެހެންމެ ބީއެމްއެލްގެ ހިދުމަތްތައް މެދުކެނޑުމުގެ ސަބަބުން، ކަސްޓަމަރުންނަށް ދިމާވި ދަތިތަކަށް ޓިމް ވަނީ މައާފަށް އެދިވަޑައިގެންފައެވެ. އަދި ހިދުމަތްތައް މެދުކެނޑުނު ވަގުތު ޓްރާންސެކްޝަންތަކުގައި ދިމާވެފައިވާ މައްސަލަތައް، އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް މެސެޖު ފޮނުވުމަށްވެސް ޓިމް އިލްތިމާސްކުރެއްވިއެވެ.

"ނޮވެމްބަރު 21 ވަނަ ދުވަހު ބޭންކުގެ ކޯ ބޭންކިން ސިސްޓަމްގެ ޓެކްނިކަލް އަޕްގްރޭޑިންގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިލެވުނު. ނަމަވެސް އަޕްގްރޭޑުގެ މަސައްކަތަށް ފަހު ދިމާވި މައްސަލަތަކާ ގުޅިގެން ދޭތެރެ ދޭތެރެއިން ހިދުމަތްތައް މެދުކެނޑުނު. ހުރިހާ ސިސްޓަމެއް ވެސް މިހާރު ސްޓޭބަލްވެފައި ވަނީ. އަދި އަޅުގަނޑުމެންގެ ސްޓާފުން ދަނީ މޮނިޓާ ކުރަމުން. އަޕްގްރޭޑިންގެ ސަބަބުން ދެން ހިދުމަތް މެދުނުކެނޑޭނެ،" އޭނާ ވިދާޅުވިއެވެ.

ޓިމް އިތުރަށް ވިދާޅުވީ މެއިންޓަނެންސްގެ ސަބަބުން ވަކި ވަގުތަކަށް ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި އެހެންނަމަވެސް މެއިންޓަނެންސްގެ މަސައްކަތް ތާވަލުކުރާނަމަ ކުރިއާލައި އެކަން ކަސްޓަމަރުންނަށް އަންގާނެ ކަމަށެވެ. އަދި ސިސްޓަމް އަޕްގްރޭޑު ކުރުމުގެ މަސައްކަތަކީ ފަހުގެ ޓެކްނޮލޮޖީ އާއި ހިދުމަތްތައް ފުރިހަމަކުރުމަށް ދުނިޔޭގެ ހުރިހާ ބޭންކަކުން ވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި މި އަޕްގްރޭޑަށް ފަހު ބޭންކުތަކުގައި ބައެއް ފަހަރު މައްސަލަތައް ދިމާވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.