ޓެންޒޭނިއާގެ ދެބެއިން ކަމަށްވާ ކިލީ ޕޯލް އަދި ނީމާ ޕޯލް ފިލްމު ''ޝޭރްޝާހް''ގެ ލަވަ ''ރަތަން ލަމްބިޔާ'' ލަވަ ލިޕްސްސިންކު ކޮށްފައިވާ ވީޑިއޯއެއް އަންނަނީ އިންޓަނެޓުގައި ސަމާލުކަން ހޯދަމުންނެވެ.

ޝޭރްޝާހްގެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާ އަދި ކިއާރާ އާދްވާނީގެ އިތުރުން މިލަވަ ކިޔައިދީފައިވާ ޖުބިން ނޯޓިޔާލްގެ ސަމާލު ކަމަށް މި ދެބެއިންގެ ވީޑިއޯ އައިސްފައިވާއިރު އަދިވެސް ގިނަ ބަޔަކު އަންނަނީ މި ދެބެއިންގެ ވީޑިއޯތައް ފޮލޯ ކުރަމުންނެވެ. އެންމެ ފަސް ދުވަހުގެ ތެރޭގައި އެ ވީޑިއޯއަށް އެއް މިލިއަން ވިއުސް ލިބިފައިވާ އިރު އަދިވެސް އަންނަނީ މަގުބޫލުކަން ހޯދަމުންނެވެ.

ކިލީ ޕޯލް އަކީ ވީޑިއޯ ކޮންޓެންޓު އުފައްދަމުން އަންނަ އަދި ނެށުމަށް ލޯބިކުރާ މީހެއް ކަމަށް އޭނާގެ އިންސްޓަގުރާމު ޕްރޮފައިލްގައި ބުނެއެވެ. އޭނާއަކީ

1.5 މިލިއަން ފޮލޯވަރުން ތިބި ޓިކް ޓޮކް ތަރިއެއްވެސް މެއެވެ. އޭނާ ބުނާގޮތުގައި މި ވީޑިއޯ އިންސްޓަގުރާމަށް ލީ ފަހުން އެ ވީޑިއޯއަށް މަގުބޫލުކަން ލިބި އަދި ކިއާރާ އާއި ޖުބިން މި ވީޑިއޯ ރީޕޯސްޓު ކުރިފަހުން އިންސްޓަގުރާމުގައި އޭނާގެ ފޮލޯވަރުންގެ އަދަދު 95،000 އިން 135،000 އަށްވުރެ މައްޗަށް ވަނީ ގޮސްފައެވެ. ޓެންޒޭނިއާގެ މި ޒުވާނާގެ އިންސްޓަގްރާމު އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 180،000 އަށް ވުރެ މައްޗަށް އަރާފައެވެ.

https://www.youtube.com/watch?v=kUY9JGNy7Oo

ކިލީ ވަނީ އިންސްޓަގުރާމަށް އޭނާގެ ކޮއްކޮ ނީމާ އާއެކު ލިޕްސްސިންކު ކުރި ވީޑިއޯ ދޫކޮށްލަމުން އޭނާއަށް 100،000 ފޮލޯވަރުން ލިބިއްޖެ ނަމަ ކޮއްކޮއަށް ވަކިން އިންސްޓަގުރާމް އެކައުންޓެއް ހަދައިދޭނެ ކަމަށް ވައުދު ވެފައެވެ. ހީވެސް ނުކުރާ ވަރަށް ކިލީ އަށް ފޮލޯވަރުން ލިބިގެން ދިއުމާއެކު ކިލީ ވަނީ އޭނާ ވި ވައުދު ފުއްދައި ނީމާއަށް އަމިއްލަ އެކައުންޓެއް ހަދައިދީފައެވެ. ނީމާގެ އެކައުންޓު ފޮލޯ ކުރާ މީހުންގެ އަދަދު މިހާރު ވަނީ 2500 އަށް ވުރެ މަތިވެފައެވެ.

މިހާ ބޮޑު މަގުބޫލުކަމެއް ލިބުމާއެކު މި ދެބެއިން ތިބީ ވަރަށް އުފަލުންނެވެ. އަދި އެ ދެބެއިންނަށް ހާއްސަކޮށް އިންޑިއާ މީހުންގެ ފަރާތުން ލިބެމުން އަންނަ ލޯތްބަށް އުފާ ކުރާ ކަމަށާއި، އެމީހުންގެ ހުނަރު އެންމެ ރަނގަޅަށް ބަލައިގަންނަނީ އިންޑިއާ އިން ކަމަށްވާތީ ކުރިއަށް އޮތް ތަނުގައި ގިނަ ކޮންޓެންޓު އުފައްދާނީ އިންޑިއާއަށް ހާއްސަކޮށްގެން ކަމަށް ކިލީ ވަނީ ވަރަށްފަހުން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނެފައެވެ.

މި ދެބެއިންނަށް މިހާރު ބޮލީވުޑް އިން ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށާއި މިއުޒިކް ކޮމްޕޯޒަރުން ފަރާތުން އެދެބެއިންނަށް ހުށަހެޅުންތައް ލިބެން ފަށާފައިވާކަމުގައި ބައެއް މީޑިއާ ހަބަރުތައް ބުނެއެވެ.