ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 252 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 7:10 ގައި މަރުވެފައިވާ ކަމަށެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 252 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 235 ދިވެހީންނާއި 17 ބިދޭސީންނެވެ.

މިދިޔަ ބުދަ ދުވަހު ވެސް ވަނީ ކޮވިޑް ޖެހިގެން މީހަކު މަރުވެފައެވެ. އެއީ ފުވައްމުލަކު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 79 އަހަރުގެ އަންހެނެކެވެ.

މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.

ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.