ދިވެހިރާއްޖެއިން ބަންގުލަދޭޝް ސަރުކާރުގައި ލޯނު އެހީތެރިކަމަށް އެދެފިއެވެ.

ބަންގުލަދޭޝް މީޑީއާތަކުން އެގައުމުގެ ގަވަރުނަރު ފަޒްލޭ ކަބީރާ ހަވާލާދީ ބުނެފައިވަނީ ރާއްޖެއިން ލޯނު އެހީއަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެދުނީ ކިހާ ވަރެއްގެ ލޯނަކަށް ކަން ހާމަކޮށްފައެއް ނުވެއެވެ.

ބިޑްސް ކޮންފަރެންސް އޮން ޑިވެލޮޕްމަންޓުގައި އިއްޔެ ވާހަކަދައްކަވަމުން ބަންގުލަދޭޝް ގަވަރުނަރު ވިދާޅުވީ ރާއްޖެއިން ދިގު މުއްދަތެއްގެ ލޯނަކަށް އެދިފައިވާ ކަމަށާއި އެކަމާ ވަރަށް ބޮޑަށް ވިސްނަމުން އަންނަ ކަމަށެވެ. އަދި ވިސްނުން ހުރީ އެ ލޯނު ދޭ ގޮތަށް ކަމަށްވެސް ވިދާޅުވިއެވެ.

މިއީ ކޮވިޑަށްފަހު ބަންގުލަދޭޝްގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި ދޭ މިފަދަ ދެވަނަ ލޯނެވެ. މީގެ ކުރިން ބަންގުލަދޭޝުން ވަނީ ސްރީލަންކާއަށް 250 މިލިއަން ޑޮލަރުގެ ލޯނު އެހީ ދީފައެވެ.

ރާއްޖެއާއި ބަންގުލަދޭޝްގެ ގުޅުން ވަރުގަދަ ކުރުމުގެ މަސައްކަތުގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ މިދިޔަ މަހު އެގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފައެވެ.