އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަންވީ ވަގުތު ޖެހިއްޖެ ކަމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، ވެރިކަމާ ހަވާލުވާ ބޭފުޅެއްގެ ތަސައްވަރެއް އޮންނަން ޖެހޭނެ ކަމަށާއި ވެރިކަމާ ހަވާލުވާންވާނީ އެކަން ކުރެވޭ ވަރުގެ ބޭފުޅުން ކަމަށެވެ.
މި ސަރުކާރުގެ ކޮންމެ ދިމާލަކަށް ބެލި ނަމަވެސް ފެންނަނީ ފަހަތު ފަޔަށް ބުރަވެ ކަންކަން ކުރާ މަންޒަރުކަން ފާހަގަކުރައްވައި ރައީސް ވަހީދު ވިދާޅުވީ، ގައުމުގެ މިސްރާބެއް ނެތް ކަމަށާއި މިސްރާބަށް ދަތުރުކުރުމުގެ ގާބިލުކަންވެސް ނެތް ކަމަށެވެ.
"މިހާރު ދިވެހިރާއްޖޭގެ ސަރުކާރާ ޕީޕީއެމް، ޕީއެންސީގެ ފަރާތުން މަނިކުފާނު (ރައީސް ޔާމީން) ހަވާލުވާން ވެއްޖެ. ސަބަބުތައް ބައިވަރު،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވަހީދު ވިދާޅުވީ، ރާއްޖެ ވެއްޓިފައި އޮތް އިގުތިސޯދީ ވަޅުގަނޑުން އަރައިގަނެވޭނީ ރައީސް ޔާމީނަށް ކަމަށެވެ. އަދި މި ސަރުކާރުގެ ނިމިދިޔަ ތިން އަހަރަކީ ރައްޔިތުންނަށް ބުރަ ބޮޑު ތިން އަހަރު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވަހީދު އިތުރަށް ވިދާޅުވީ، "ރަހީނު" ވާތަން ދެކުމަކީ ހިތަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ. އަދި އެއްވެސް ގައުމެއްގެ އަޅުވެތިކަމުގެ ދަށަށް ދިއުމަކީ ދިވެހީން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު