އިންޑިއާގެ މަގުބޫލު ޓީވީ ޝޯ ''ކޯން ބަނޭގާ ކްރޯޅުޕަތީ''ގެ 1000 ވަނަ އެޕިސޯޑުގައި އަމީތާބު ބަޗަން ރޮއްވާލާފައިވާއިރު އޭނާ އެ ޝޯ ހޯސްޓުކުރަން ނިންމި ސަބަބު ކިޔައިދީފިއެވެ.
މީގެ 21 އަހަރު ކުރިން އަމީތާބު ގެނެސްދޭން ފެށި ކޭބީސީ މިވަނީ 1000 އެޕިސޯޑު ހަމަކޮށްފައެވެ. އަމީތާބު ބުނިގޮތުގައި 2000 ވަނަ އަހަރު ކޭބީސީ ގެނެސްދޭން ފެށީ އިންޑަސްޓްރީގައި ފިލްމުތައް ލިބުން މަދުވާން ފެށުމުންނެވެ.
ސޮނީ އެންޓަޓެއިންމަންޓް ޓެލެވިޒަން އިން އާއްމުކުރި މި އެޕިސޯޑުގެ ޕްރޮމޯގައި ހާއްސަ މެހެމާނުންގެ ގޮތުގައި އަމީތާބުގެ ދޮށީ ދަރިފުޅު ޝްވެތާ ބަޗަން އަދި ޝްވެތާގެ އަންހެން ދަރިފުޅު ނަވްޔާ ނަވޭލީ ނަންދާ ބައިވެރިވާތަން ފެނިގެން ދެއެވެ. އަދި 1000 ވަނަ އެޕިސޯޑު ހަމަކުރެވުމާއި ގުޅިގެން ކުރެވެނީ ކޮންކަހަލަ އިހުސާސެއްތޯ ބައްޕަ ގާތުގައި ޝްވެތާ އަހާތަން ފެނެއެވެ.
ދަރިފުޅަށް ޖަވާބުދެމުން އަމީތާބު ބުނީ 21 އަހަރު ކުރިން ޓީވީ ޝޯއެއް ހޯސްޓުކުރަން ނިންމި ނިންމުމަށް ގިނަބަޔަކު ފާޑުކިޔައި އެކަމުން އޭނާގެ އިމޭޖަށް ހުތުރު ވާނެ ކަމަށް މީހުން ބުނަމުން ދިޔަ ކަމަށެވެ. ނަމަވެސް އިންޑަސްޓްރީގައި ފިލްމު ލިބެމުން ނުދާތީ އެ ނޫން މަގެއް ނުފެނުނު ކަމަށާއި ޝޯ ގެނެސްދޭން ފެށުމާއެކު ލިބުނު ތަރުހީބުން އޭނާއަށް ދުނިޔެ ބަދަލުވެގެން ދިޔަކަމުގައި އަމީތާބު ބުނެއެވެ. ''އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޝޯގެ ކޮންމެ ބައިވެރިއެއްގެ ފަރާތުންވެސް އަހަންނަށް ކޮންމެ ދުވަހަކު އާ ކަންތައްތަކެއް ދަސްވަމުން ދާކަން.'' އަމީތާބު ބުނެއެވެ.
1000 ވަނަ އެޕިސޯޑުގައި ޝޯ 2000 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދައްކާފައިވާ ހުރިހާ އެޕިސޯޑުތަކުގެ ތަންތަންކޮޅު ހިމަނައިގެން ތައްޔާރުކޮށްފައިވާ ހާއްސަ ވީޑިއޯއެއް ފެންނައިރު އެ ވީޑިއޯ ނިމުމާއެކު އަމީތާބުގެ ލޮލުން ކަރުނަ ހިލިގެން ދާތަން ވެސް ފެނެއެވެ.
ކޭބީސީ އަކީ ބޮލީވުޑްގައި އެތައް ޒަމާނެއް ވަންދެން ވިދަމުން އައިސްފައިވާ އަލިގަދަ ތަރި އަމީތާބުގެ ފުރަތަމަ ޓީވީ ޝޯއެވެ.
މި ހާއްސަ އެޕިސޯޑު މިރޭ ރާއްޖޭ ގަޑީން 8.30 ސޮނީ ޓީވީގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިން އާއްމުކުރި ޕްރޮމޯ ވީޑިއޯގައި ޖަޔާ ބަޗަން ވީޑިއޯ މެދުވެރިކޮށް ބައިވެރިވާތަންވެސް ވަނީ ފެނިގެން ގޮސްފައެވެ.
21 އަހަރު ކުރިން ދައްކަން ފެށި ކޭބީސީގެ މިހާރު ދައްކަމުން އަންނަނީ 13 ވަނަ ސީޒަންގެ ޝޯތައް ކަމަށްވާއިރު ތިންވަނަ ސީޒަން ފިޔަވައި ހުރިހާ ސީޒަނެއްގެ ޝޯތައް ގެނެސްދީފައިވަނީ އަމީތާބު ބަޗަން އެވެ. މި ޝޯގެ ތިންވަނަ ސީޒަން ހޯސްޓުކޮށްދީފައިވަނީ ޝާހްރުކް ހާން އެވެ. ޝޯގެ ފުރަތަމަ ސީޒަނުން ފެށިގެން 6 ވަނަ ސީޒަން އާއި ހަމައަށް އެންމެ ބޮޑު އިނާމެއްގެ ގޮތުގައި 1 ކުރޯޅު އިންޑިއާ ރުޕީސް ކަނޑައެޅިގެން ދިޔައިރު، ސީޒަން 7 އިން ފެށިގެން މިއަދާ ހަމައަށް 7 ކުރޯޅަށް އަގުހުރި ފައިސާގެ އިނާމަށް ވަނީ މަތިކޮށްފައެވެ.
ޓީވީ ޝޯ ކޭބީސީގެ އިތުރުން އަމީތާބުގެ ކުރިއަށް ނުކުންނަން ތައްޔާރުވަމުން އަންނަ ފިލްމުތަކުގެ ތެރޭގައި ''ގުޑްބާއީ'' ''ބްރަހްމަސްތުރާ'' ''ރަންވޭ 34'' ''ޖުންދު'' އަދި ހޮލީވުޑްގެ މަޝްހޫރު ފިލްމު ''ދި އިންޓާން''ގެ ހިންދީ ފިލްމު ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން