އިނގިރޭސިވިލާތުގެ ދެކުނު އައިލްސްގެ އަވަށެއްގައި 1960 ވަނަ އަހަރު ގެއްލުނު ކައިވެނީގެ އަނގޮޓިއެއް ފެނިއްޖެއެވެ.

މީގެ 50 އަހަރު ކުރިން ޕެގީ މެކްސްވީން ދިރިއުޅެމުން ދިޔަ ބެންކިލާގައި އަލުވި ހައްދާ ދަނޑެއްގައި މަސައްކަތްކުރަމުން ދިޔަ އިރު ވަނީ އޭނާގެ އަނގޮޓި ގެއްލިފައެވެ.

ބީބީސީ އަށް ދިން އިންޓަވިއެއްގައި 86 އަހަރުގެ މެކްސްވީން ބުނީ އެ މަސައްކަތް ކުރަމުން ދަނިކޮށް ވެލިގަނޑު ތެރެއަށް ވެއްޓި ގެއްލުނު އަނގޮޓި ދެން ދުވަހަކުވެސް ނުފެންނާނެ ކަމަށް އޭނާ ހުރީ ނިންމައިގެން ކަމަށެވެ. ވަރަށް ފަހުން އޭނާގެ ކައިވެނީގެ އަނގޮޓި ގެއްލުނު ގޮތުގެ ވާހަކަ ރަހުމަތްތެރިއެއް ގާތުގައި ދެއްކި ކަމަށް އޭނާ ބުނެއެވެ.

ޑޮނާލްޑް މެކްފީއަށް މިވާހަކަ އެނގުމުން އޭނާ މެކްސްވީން އަށް އަނގޮޓި އަނބުރާ ހޯދައިދެވޭތޯ މަސައްކަތް ކުރަން ބޭނުންވިއެވެ. އެގޮތުން މެޓަލް ޑިޓެކްޓަރެއްގެ އެހީގައި އެ އަނގޮޓި ފެނޭތޯ މެކްސްވީން ކިޔައިދިން ސަރަހައްދު ހޯދައި ބެލުމުގެ މަސައްކަތް އޭނާ ފެށިއެވެ.

ޑޮނާލް މެކްފީ އަށް އެ އަނގޮޓި ފެނުނީ ޒަމާންތަކެއް ކުރިން އެއް އިރެއްގައި އަލުވި ދަނޑު ހައްދަން ބޭނުންކުރި ސަރަހައްދުން ތިން ދުވަހުގެ މަސައްކަތުންނެވެ. ބެންކިލާގައި ހޮސްޓެލް އެއް ހިންގަމުން އަންނަ މެކްފީއަށް އަނގޮޓި ފެނިފައިވަނީ އެ ސަރަހައްދުގައި 90 ވަޅުގަނޑު ކޮނެ މެޓަލް ޑިޓެކްޓަރުގެ އެހީގައި ދެނެގަނެވުނު ދަގަނޑު ކުނިބުނީގެ ތެރެއިންނެވެ.

''އޭނާ އަހަރެންގެ ގޭގެ ދޮރުމައްޗަށް އައިސްފަ ބުނީ، "އެބަ އޮތޭ ދައްކާލަން ޖެހޭ އެއްޗެއް،"

''އަހަރެންނަށް އެ އަނގޮޓި ދެއްކުމުން ގަބޫލެއްވެސް ނުކުރެވުނު، އަހަރެންގެ ކުރިމަތީ ފެންނަން އެއޮތީ ދުވަހަކުވެސް ނުފެންނާނެ ކަމަށް އަހަރެން ނިންމައިގެން ހުރި އަނގޮޓި.'' މެކްސްވީން އުފަލުން ހުރެ ބީބީސީއަށް ކިޔައިދީފައިވެއެވެ.

މެކްސްވީން ކިޔައިދިންގޮތުގައި އަނގޮޓި ވެއްޓިފައިވަނީ ދަނޑުގެ ވެލިގަނޑު ކޮނެގެން އަލުވިތައް އެއްކުރުމުގެ މަސައްކަތަށްފަހު، އަތަށް ލައްވައިގެން ހުރި އަންގިން ވެލި ފޮޅާލުމަށް ބޭލި ވަގުތުގައެވެ. އަދި އިނގިލީގައި އަނގޮޓި ނެތްކަން އެނގުނީވެސް ގެއަށް ދިޔަފަހުން ކަމުގައި އޭނާ ބުނެއެވެ. އެކަން އެނގުމާއެކު އެ ތަނަށް ދެތިން ބުރަށް ގޮސް އަނގޮޓި ހޯދައި ފެނޭތޯ ވަރަށް ބޮޑަށް ަސައްކަތް ކުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

1958 ވަނަ އަހަރުގެ ޖުލައި މަހު މެކްސްވީން ކައިވެނި ކުރި އޭނާގެ ފިރިމީހާ ޖޯން ވަނީ މިހާރު މަރުވެފައެވެ. ފިރިމީހާއަށް އޭރު އޭނާގެ އަނގޮޓި ގެއްލުނު ކަން އެނގުމުން އަނގޮޓިއެއް ގަނެގެން ގެނެސްދިން ކަމަށާއި ފިރިމީހާ ދިން އާ އަނގޮޓި ލިބެންދެން މެކްސްވީން ބޭނުންކުރަމުން ދިޔައީ މަންމަގެ އަނގޮޓިކަމަށް ވެސް އޭނާ ބުންޏެވެ.