އިސްލާމީ ތާރީޚު

ފޮތެއްގެ ތަޢާރުފު: "އިސްލާމް - ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއް ހެއްޔެވެ؟" 3

އަބްދުﷲ ފާރޫގް ހަސަން

3

(29 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ހަމައެފަދައިން "ޤުރްއާނުގެ މަތިވެރި އުނގަންނައިދެއްވުން" މި މައިގަނޑު ނަމުގައިވެސް ސުވާމީޖީވަނީ ވަރަށްފުރިހަމަ މަޒުމޫނެއް ލިޔުއްވައިފައެވެ. ފޮތުގެ 61 ވަނަ ޞަފްޙާއިން ފެށިގެން 77 ވަނަ ޞަފްޙާގެ ނިޔަލަށެވެ. އެ މަޒުމޫނު ކިޔައިލުމުން އެނގެނީ މުޞަންނިފުވަނީ ކީރިތި ޤުރްއާން ވަރަށް ފުންކޮށް ދިރާސާކުރައްވައިފައިކަމެވެ. އޭނާ ވަނީ އޭނާގެ މަޒުމޫނުގައި ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކެއްގެ ތަރުޖަމާ ހުށަހަޅުއްވައިދެއްވައިފައެވެ. އޭނާ ޞަރީޙަކުރައްވައިފައިވަނީ އިސްލާމްދީނަކީ ހަމައެކަނި ޢަދުލުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެއްކަމުގައި ހިމެނޭ ދީނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އޭނާ ސާބިތުކުރައްވައިފައިވަނީ އިންސާނީ ޙަޔާތުގެ ފަލާޙަށްޓަކައި ޢަމަލުކުރެވޭފަދަ ނަމޫނާއެއް ހުށަހަޅާ ދީނަކީ ހަމައެކަނި އިސްލާމްދީންކަމެވެ. އެގޮތުން އޭނާ އިސްލާމްދީނުގެ އެންމެމަތީ ފެންވަރުގެ ޢަދުލުގެ ނިޒާމާ ބެހޭގޮތުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.

"އިސްލާމީ ޤައުމުތަކުގެ ތެރެއިން އިސްލާމްދީނުގެ މަތިވެރި ޢަދުލުގެ ނިޒާމު ތަންފީޒުކުރެވޭ ޤައުމުތަކުގައި ޤަތުލާއި ފޭރުމާއި ޢިޞްމަތްތެރިކަމަށް އަރައިގަތުމާއި ޒިނޭކުރުމާއި ވައްކަންކުރުމާއި މިފަދަ ޖިނާޔަތްތައް ޢާންމުވެފައިނުވަނީ އެހެންވެގެންނެވެ. ދުބާއީއާއި، އީރާނާއި، ސަޢޫދީ ޢަރަބިޔާއާއި، ކުވައިތުފަދަ ޤައުމުތަކުގައި ހުކުރުނަމާދަށް ބަންގި ގޮވުމާއެކު އެތަކެއް ކުރޯޑު ރުފިޔާއެއްގެ އަގުހުރި ރަނުގެ ގަހަނާތަކާއި ޖަވާހިރުތައް ހާމަޔަށް ބަހައްޓައިފައި ފިހާރަވެރީން އެދަނީ ހުކުރުނަމާދަށެވެ. ދުނިޔޭގެ ޤައުމުތަކުގެ މީހުން އެމަންޒަރު ބަލަނީ ހައިރާންވެ އަންތަރީސްވެ ތިބެއެވެ. ފިހާރައިގައި މީހަކު ނެތަސް ވައްކަމެއް ނުކުރެއެވެ. މިއަދު މުޅި ދުނިޔޭގައިވެސް ޒުވާނުން ގެންދަނީ އަފިހުނުން ތައްޔާރުކޮށްފައިވާ މަސްތުވާ އެއްޗެހީގެ ބާވަތްތަކުގެ ދުންބޮމުންނެވެ. އެކަމަކު އިސްލާމްދީނުގެ ޢަދުލުގެ ނިޒާމުގެ ފުރިހަމަކަމުން އެ ނިޒާމު ތަންފީޒުކުރާ ޤައުމުތައްވަނީ މިފަދަ ނުބައި ސަމާޖީ ކަންތައްތަކުން ސަލާމަތްވެފައެވެ." (ޞަފްޙާ: 73)

ފޮތުގެ ޞަފްޙާ ނަންބަރު 78 ން 80 އަށް އޮންނަ މަޒުމޫނަކީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّــه عليـه وسلّـم ގެ ރަންބަސްފުޅުތަކާއި އިރުޝާދުތަކުގެ މައްޗަށް އަލިއަޅުވައިލާ މަޒުމޫނެކެވެ. ސުވާމީޖީ އެ މަޒުމޫނުގައި ސާބިތުކޮށްދެއްވައިފައިވަނީ އިސްލާމްދީނަކީ ކީރިތި ޤުރްއާނުގެ އުނގަންނައިދެއްވުންތަކާއި އިސްލާމްދީނުގެ ނަބިއްޔާ صلّــى اللّــه عليـه وسلّـم ގެ ބަސްފުޅުތަކާއި ނަސޭހަތްޕުޅުތަކުގެ މަޖްމޫޢާކަމެވެ. ސުވާމީޖީ މިމޭރުމުންވަނީ ބުޚާރީއަށް ޙަވާލާދެއްވައި ވަރަށްގިނަ ޞައްޙަ ޙަދީޘުތައްވެސް ނަކަލުކުރައްވައިފައެވެ. އޭނާ ސާބިތުކުރައްވައިފައިވަނީ އިސްލާމްދީނަކީ ޙައްޤާއި އިންސާނިއްޔަތުކަމުގެ ދީނެއްކަމެވެ. އެދީން ނިރުބަވެރިކަން އުނގަންނައިދީފައި ނުވާކަމެވެ. ނިރުބަވެރިކަމާ އެދީނާ އެއްވެސް ގުޅުމެއް ނުވާކަމެވެ. އޭނާ މި މައުޟޫޢު ނިންމައިލައްވަމުން ލިޔުއްވައިފައިވެއެވެ.

"މި ޙަޤީޤަތްތަކުން އޭގެ އަމިއްލަ ޒާތުގައި ސާބިތުވަނީ އިސްލާމްދީން އެއްވެސްއިރަކު އެއްވެސްކަމަކާ ވިދިގެން ނިރުބަވެރިކަން އުނގަންނައިދީފައި ނުވާކަމެވެ. އަދި ކީއްހެއްޔެވެ؟ އެދީން ނިރުބަވެރިކަމާ ނުހަނު ބޮޑަށް ދެކޮޅުހަދައެވެ. ޖިހާދަކީ އެއްވެސް ޙާލެއްގައި ނިރުބަވެރިކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ. އެއީ އަމިއްލަ ދިފާޢުގައި ނިރުބަވެރިކަމާ ދެކޮޅަށް ކުރެވޭ މަސައްކަތެކެވެ."

އަހަރެންގެ ފޮތެއްކަމުގައިވާ "އިސްލާމިކް އާތިންކުދާދުކާ އިތުހާސް" (އިސްލާމީ ނިރުބަވެރިކަމުގެ ތާރީޚު) ގައި އަހަރެންވަނީ ހިންދީރާޖާއިންނާއި މުސްލިމް ރަސްރަސްކަލުންނާ ދެމެދު ހިނގައިފައިވާ ހަނގުރާމަތަކުގައި އޮހޮރައިލެވިފައިވާ ގެއްލުންހުރި ލެޔާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. މިހާރު އަހަންނަށް ރަނގަޅަށް ވިސްނިފައިވަނީ ލޭއޮހޮރުވިފައިވަނީ ހަނގުރާމައިގެ ތެރޭގައިކަމެވެ. އެއީ ވަކިފަރުދެއްގެ ކަމެއް ނޫނެވެ. އަދި އިސްލާމްދީނާވެސް ބެހޭކަމެއް ނޫނެވެ. ހަނގުރާމައިގެ ތެރޭގައި އެގޮތަށް ލޭއޮހޮރުމަކީ ހުރިހައި ޤައުމުތަކެއްގައިވެސް ހުރިހައި ޒަމާންތަކެއްގައިވެސް ހިނގައިފައިވާ ކަމެކެވެ. ސިކަންދަރުން ފެށިގެން ހިޓްލަރާ ހަމަޔަށް ތާރީޚުން ފެންނަނީ މިޙަޤީޤަތެވެ. ޚުދު އަހަރެމެންގެ އަމިއްލަ ޤައުމުގައި އަމިއްލަ ތާރީޚުގައި އާޝޯކު ކުލިންގު ފަތަޙަކުރެއްވުމުގައި އެއްލައްކަޔަށްވުރެ ގިނަމީހުން ޤަތުލުވިއެވެ. އެ ބިރުވެރި ލޭއޮހޮރުވުމުގެ އިލްޒާމެއް އަހަރެމެން އޭނާގެ ދީނަކަށް ރައްދެއް ނުކުރަމުއެވެ. މުސްލިމު ރަސްރަސްކަލުންނާ ބެހޭގޮތުން ބުނަންޖެހޭނީ މިގޮތަށެވެ." (ޞަފްޙާ: 80)

81 ވަނަ ޞަފްޙާއިން ފެށިގެން 98 ވަނަ ޞަފުޙާޔާ ހަމަޔަށްއޮތް މަޒުމޫނުގެ ޢުންވާނަކީ "ސަންސާތަން ވެދަކު އައުރެ އިސްލާމް" އެވެ. ސުވާމީޖީ އެ މަޒުމޫނުގައި ހިންދޫ ދީނުގެ މުސްކުޅި ފޮތްތަކަށް ޙަވާލާދެއްވައި ލިޔުއްވައިފައިވަނީ ތައުޙީދުގެ މައްސަލައިގައި އިސްލާމްދީނާއި ހިންދޫދީނާ ދެމެދު ޙައިރާންވާފަދަ އެއްގޮތްކަމެއް އެބަހުރިކަމެވެ. މިގޮތުން އޭނާ ސާބިތުކުރައްވަނީ ހިންދޫދީނުގެވެސް އަސްލު އުސޫލަކީ ތައުޙީދުކަމެވެ. އެކަމަކު ޒަމާންތަކާއެކު ތައުޙީދުގެ ބަދަލުގައި ޝަރީކު ކުރުމާއި އެތަކެއް ކަލުންނެއްގެ ކުށް ނަޒަރިއްޔާ ހިންދޫދީނަށް ވަދެފައިވަނީއެވެ.

"މިތާނގައި ފާހަގަކުރާންޖެހޭ ހިތާމަވެރި ޙަޤީޤަތަކީ ތައުޙީދުގެ މި ޙަޤީޤަތް ބަޔާންކުރާ ސަންސާތަން ވެދަކު ދީން މިހާރުވަނީ ހުސްއެކަނި ފޮތްތަކުގެ ޞަފުޙާތަކުގެ ތެރޭގައި ބަންދުވެފައިކަމެވެ. އޭގެބަދަލުގައިވަނީ ޝިރުކާއި އެތަކެއް ކަލުންތަކެއް ގަބޫލުކުރުމުގެ ނަޒަރިއްޔާ އެދީނުގެ ތެރެޔަށް ވެއްދިފައެވެ. ހިންދޫންގެ ތެރޭގައި މިހާރުވެސްދަނީ އައު ދޭވަތާއިންނާއި ކަލާނގެ ވަލިއްޔުން އަލުން އުފެދި އާލާވަމުންނެވެ. ޓީވީ ޕްރޮގްރާމެއްގައި ނުވަތަ ފިލްމެއްގައި އީޝްވަރުގެ އައުތާރެއްގެ ގޮތުގައި މީހަކު ދައްކާއިރަށް މިތާނގެ ޢާންމުން އެމީހަކަށް އަޅުކަންކުރާން ފަށައިގަނެއެވެ. އޭގެތެރެއިން އެތައްބަޔަކު އަމިއްލަޔަށްވެސް ތިމާއަކީ މުޖައްސިމް ކަލެއްކަމަށް ދަޢުވާކުރަމުން ހިނގާންފަށައިގަނެއެވެ. ޢާންމުންގެ އެތައްބަޔަކު އެމީސްމީހުންގެ ފަހަތުން ދުވާންފަށައިގަނެއެވެ. ހިތާމަޔާއި ހިތްދަތިކަމާއެކު ބުނާންޖެހެނީ އަހަރެމެންގެ ތެރޭގައި ބާޠިލާ އެއްކޮޅަށް ކުރިއެރުން ލިބޭގޮތަށް އެހެން އެއްވެސްތަނެއްގައި އެގޮތަށް ކަންހިނގަމުން ނުދާވާހަކައެވެ. ކަލާނގެ އެންމެންނަށްވެސް ސަލާމަތް ބުއްދި ދެއްވާށިއެވެ. އަހަންނަށް ހީވަނީ މިތާނގެ މީހުން އެބައިމީހުންގެ ބުއްދިއާއި ފިކުރު އެއްގޮތަކަށްވެސް ބޭނުންނުކުރާހެންނެވެ." (ޞަފްޙާ: 93)

ޤަދީމީ ހިންދީ ދީނުގެ (ސަންސާތަންދަރަމް) އަސާސީ ފޮތްތައް ވެދާއި، އަޕުންޝަދުއާއި ގީތާގެ ގޮތުގައި މިހާރުވެސް ފެންނާން އެބަހުއްޓެވެ. އެފޮތްތަކުން ތައުޙީދު ތަޞައްވުރު ފެންނާން އެބައޮތެވެ. އެކަމަކު ނުރަނގަޅު އެތައްވާހަކަތަކެއް އެފޮތްތަކުގައި ހިމެނުމުގެ ސަބަބުން އެފޮތްތައް ޤަބޫލުކުރާ މީހުންގެ ތެރޭގައިވެސް ޝިރުކާއި ބުދަށް އަޅުކަންކުރުމާއި އެތަކެއްހާސް ކަލާނގެތަކެއް ޤަބޫލުކުރުމުގެ ތަޞައްވުރުވަނީ ޢާންމުވެފައެވެ. އަދި ކީއްހެއްޔެވެ؟ ހިންދީދީނުގައި އެއްކައުވަންތަ ކަލެއްގެ ތަޞައްވުރު އެކުލެވިފައިވާކަމެއްވެސް ހިންދީދީން ޤަބޫލުކުރާ މީހުންނަކަށް މިހާރަކު ނޭނގެއެވެ. އެހެންކަމުން ސުވާމީޖީގެ މިފޮތަކީ ހިންދީދީނުގެ މީހުންގެވެސް ލޯހުޅުވައިލަދޭ ފޮތެކެވެ. އެބައިމީހުން މުޠާލިޢާކުރާން ރަނގަޅު ފޮތެކެވެ.

ސުވާމީޖީ މިފޮތުގެ 94 ވަނަ ޞަފުޙާއިން ފައްޓަވައިފައިވަނީ "އަހަރެމެން އެންމެންގެ ޒިންމާ" މި މައިގަނޑު ނަމުގައި ލިޔުއްވައިފައިވާ މަޒުމޫނެކެވެ. ސުވާމީޖީ ޞަރީޙުކޮށް ބަޔާންކުރައްވައިފައިވެއެވެ. "އިސްލާމްދީނަކީ ހުސްއެކަނި މުސްލިމުންނަށްޓަކައި އޮތް ދީނެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެއީ އިންސާނިއްޔަތަށްޓަކައި އޮތް ދީނެކެވެ. އިންސާނިއްޔަތުގެ ކާމިޔާބީއާއި ހެވަށްޓަކައި އޮތްދީނެވެ. އެދީނުގައި ނިރުބަވެރިކަމުގެ ކަންފުޅެއްވެސް ނެތެވެ. އެހެންކަމާއެކުވެސް މުސްލިމުންނާ ނިރުބަވެރިކަމާ ގުޅުވުމަށްޓަކައި ނުހަނު ރޭވުންތެރިކަމާއެކު ދަނީ މަސައްކަތް ކުރެވެމުންނެވެ." އަދިވެސް އޭނާ ލިޔުއްވައިފައިވެއެވެ. "މުސްލިމުންނަކީ ނިރުބަވެރީން ކަމުގައިވާނަމަ މުސްލިމުންނަކަށް ނިރުބަވެރި ޙަމަލަތަކެއް އަމާޒެއް ނުވީހެވެ. ޙައިދަރުއާބާދުގެ މައްކާ މަސްޖިދާއި، މާލީގާއޫންގެ (މަހާރާޝްޓަރުގެ) އީދުގާހަށް ޙަމަލައެއް ނުދެވުނީހެވެ." އަދިވެސް ލިޔުއްވައިފައިވެއެވެ.

"މުސްލިމުންގެ މަދަރުސާތަކާއި ދީނީ އަދި އިޖުތިމާޢީ ޖަމާޢަތްތަކާ ބެހޭގޮތުން ޙަޤީޤަތާ ޚިލާފަށް ޕްރޮޕެގެންޑާ ކުރެވެމުންދަނީ އެތަންތަނުން މީހުންނަށް ނިރުބަވެރިކަމަށް ހިތްވަރުދޭކަމުގައެވެ. އެކަމުގެ ޙަޤީޤަތް ހޯދުމަށްޓަކައި އަހަރެންވަނީ މުސްލިމުންގެ މަޝްހޫރު ގާތްގަނޑަކަށް ހުރިހައި ދީނީ ޖަމާޢަތްތަކަކާއި އިޖުތިމާޢީ ޖަމްޢިއްޔާތަކެއް މުޠާލިޢާ ކޮށްފައެވެ. އެކަމަކު އެއިން އެއްވެސްތަނަކުން ނިރުބަވެރިކަމަށް ހިތްވަރުދޭ ނުވަތަ ތާއީދުކުރާކަމުގެ ލިސާނެއް ނުފެނުނެވެ. އަޑުއަރުވަމުންދާގޮތުގައި ނިރުބަވެރީން އުފައްދަނީ މަދަރުސާތަކުންނެވެ. މަދަރުސާތަކުން ތައްޔާރުކުރާކަމަށް އެބުނާ ނިރުބަވެރީން ހޯދުމަށްޓަކައި އަހަރެން ލަކަނޫގެ ހުރިހައި މަދަރުސާތަކަކާއި ކޮލެޖުތަކަކާއި އެނޫންވެސް އެތައް މަދަރުސާތަކަކަށް ދިޔައީމެވެ. އެކަމަކު އެތަންތަނުން ނިރުބަވެރިކަމުގެ ބަދަލުގައި އަހަންނަށް ފެނުނީ އަމާންކަމާއި ސަލާމަތެވެ. ސަމާޙަތެވެ. ފުރިހަމަ އިންތިޒާމާއި ގަވާއިދު ހިފެހެއްޓުމެވެ. ތަހުޒީބެވެ. ދޮށީމީހުންނަށާއި މާތްމީހުންނަށް އިޙްތިރާމް ކުރުމެވެ. އިންސާނިއްޔަތަށްޓަކައި ލޯތްބާއި ހަންހާރަވެތިކަމެވެ. މިފޮތް ލިޔުމުގެ ކުރީން އަހަރެން އިސްލާމީ ވަރަށްގިނަ ޢިލްމުވެރީންނާ ބައްދަލުވީމެވެ. مــولانـا سـيّـدأبــوالحــسن عـلــى الحسنـِى الـنّــدوى (ޢަލީ މިޔާން) ގެ ޒަރީޢާއިން އުފެދިފައިވާ "ފިޔާމެ އިންސާނިއްޔަތު ފޯރަމް" ގެ ފަރާތުން ޤައުމުގެ ތަފާތު ކަންކޮޅުތަކުގައި ސެމިނާރތައް ބާއްވަމުން ގެންދެއެވެ. އިންސާނީވަންތަކަމާ ބެހޭގޮތުން ޚިޔާލު ފާޅުކުރުމަށްޓަކައި އަހަންނަށްވެސް ދަޢުވަތު ދެއެވެ. އޭގެއިތުރަށް ޤައުމުގެ މުސްލިމް އެތަކެއް ޖަމާޢަތްތަކަކުންވެސްވަނީ ޢާންމުންނަށްޓަކައި ހުޅުވައިލެވޭ ޕްރޮގްރާމުތަކުގައި ޚިޔާލުފާޅުކުރަން އަހަންނަށް ފުރުސަތު ދީފައެވެ. އެހުރިހާ ފަހަރަކުވެސް އަހަރެން ތަފާތު ޢިލްމުވެރީންނާ ބައްދަލުކުރީމެވެ. އެބޭކަލުންގެ ސާދާކަމާއި މާތްކަމާއި ހެޔޮލަފާކަމާއި، އެބޭކަލުންގެ ހިތްޕުޅުގައިވާ އިންސާނީ ހަމްދަރުދީގެ ޖަޒުބާތު އެނގިފެނިވުމުން އަހަންނަށް ވަރަށް އަސަރުކުރިއެވެ. މުސްލިމުންގެ ދީނީ ޖަމްޢިއްޔާތަކާއި އިޖުތިމާޢީ ތަންޒީމުތަކާއި މުސްލިމުންގެ ޢިލްމުވެރީންނާ ބައްދަލުވުމުން އަހަންނަށް އެނގުނީ އާންމުންގެ މެދުގައި އިސްލާމްދީން ބަދުނާމުކުރުމަށްޓަކައި ނުބައި ރޭވުންތައް ރާވައި އެއަށް ޢަމަލުކުރަމުން ގެންދާކަމެވެ." (ޞަފްޙާ: 100)

ކޮންމެއަކަސް "އިސްލާމް - ނިރުބަވެރިކަންހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއްހެއްޔެވެ؟" މިފޮތަކީ ފެށުނީއްސުރެ ނިޔަލަށް އެފޮތުގައިވާ ކޮންމެ ޖުމުލަޔަކާމެދުވެސް ކޮންމެ ލަފުޒަކާމެދުވެސް ވިސްނައި ފިކުރުކުރަން ދަޢުވަތުދޭ ފޮތެކެވެ. އެފޮތެއް ކިޔުމަށް ބުއްދި ލާޒިމުކުރާ ފޮތެކެވެ. އެފޮތް ކިޔާންވީ ހަމައެކަނި ޣައިރުމުސްލިމުންނެއް ނޫނެވެ. މުސްލިމުންވެސް އެފޮތް ކިޔާންޖެހެއެވެ. ސުވާމީޖީ އެފޮތް ލިޔުއްވައިފައިވަނީ ވަރަށްބޮޑަށް ތަޙުޤީޤު ކުރައްވައި މަޢުލޫމާތު އެއްކުރައްވައިގެންނެވެ. ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވައިގެންނެވެ. ނުހަނު އިޚްލާޞްތެރިކަމާއި ކުލުނުވެރިކަމާ އެކުގައެވެ. އޭނާވަނީ އޭނާއަށް ކުރެއްވުނު ކުށަށް އިޢުތިރާފުވެވަޑައިގެން މުސްލިމުންގެ ކިބައިން މާފުއެދިވަޑައިގެންފައެވެ. އޭނާ އެފޮތުގެ ޒަރީޢާއިން މުސްލިމުންގެ ހިތްތައް ފަތަޙަކުރެއްވި ފަދައިން އޭނާވަނީ އޭނާއަކީ ތެދުވެރި ސަލާމަތް ފިޠުރަތެއްގެވެރި ހެޔޮލަފާ އިންސާނެއްކަންވެސް ސާބިތުކުރައްވައިފައެވެ. ޝައްކެއްނެތެވެ. މިފޮތް ލިޔުއްވިކަމީ ސުވާމީޖީއަށް ތާރީފުކޮށް މުބާރިކުބާދީ ދެންނެވުން ޙައްޤުކަމެކެވެ.

ނިންމައިލުމުގެކުރީން އަޅުގަނޑުގެ ހިތުގައިވާ ޝުޢޫރެއްވެސް ފާޅުކޮށްލަން ބޭނުންވެއެވެ. ސުވާމީޖީ މިފޮތް ލިޔުއްވައިފައިވާ ފުރިހަމަކަމުން ސާބިތުވަނީ އޭނާ ވަރަށް ފުންކޮށް އިސްލާމްދީން ދިރާސާ ކުރައްވައިފައިވާކަމެވެ. އޭނާވަނީ އިސްލާމްދީނަކީ އާފާޤީ ދީނެއްކަމުގައްޔާއި އިލްހާމީ ދީނެއްކަމަށްވެސް އިޢުތިރާފުވެވަޑައިގެންފައެވެ. އިސްލާމްދީނަކީ އިންސާނިއްޔަތުގެ ސަލާމަތުގެ މަގު ކަމުގައިވެސް ވިދާޅުވެފައެވެ. މިދެންނެވި ފޮޅުވަތްތައް ކިޔަމުންދިޔައިރު ފޮޅުވަތުންނާއި ދެފޮޅުވަތް ދޭތެރެއިން އަޅުގަނޑަށް އެނގުނީ އޭނާގެ ސަލާމަތް ފިޠުރަތު ޝަރީކުކުރުމާއި ބުދުއަޅުކަން ޤަބޫލު ނުކުރައްވާކަމެވެ. އެތަކެއްހާސް ކަލުންނެއް ޤަބޫލުކުރާ ނަޒަރިއްޔާއާ އޭނާގެ ހިތްޕުޅު ނުރުހޭކަމެވެ. އެހެންކަމުން އަޅުގަނޑުގެ ހިތަށް އަރައެވެ. ސުވާމީޖީ އިސްލާމްދީން ޤަބޫލުކުރައްވާނެނަމައެވެ. އޭނާ އީމާންވެވަޑައިގެން ޞާލިޙު ޢަމަލުތަކުގެ ޒަރީޢާއިން އޭނާގެ އުޚުރަވީ އަދި އަބަދީ ޙަޔާތްޕުޅު ކާމިޔާބު ކުރައްވާނެ ނަމައެވެ. އޭނާއަށްޓަކައި ޖަންނަތުލްފިރުދައުސުން ޖާގަ ކަށަވަރުކުރައްވާނެ ނަމައެވެ.

ޝައްކެއްނެތެވެ. ކޮންމެކަމެއްގެވެސް ހެޔޮނިމުން ގުޅިފައިވަނީ އަރަހުށި މާތް اللّـه سبحـانــه وتـعــالــى ގެ ތައުފީޤާއެވެ. އެކަމަކު އަޅާވެސް ޖެހޭނީ އެކަން އަދައިގެން އުޅޭށެވެ. ޙައްޤު ހޯދުމަށާއި ހެޔޮނިމުން އަދައިގެން މަސައްކަތްކުރާށެވެ. އަޅުގަނޑު ދުޢާކުރަމެވެ. އަރަހުށި މާތް اللّـه ސުވާޖީއަކީ ކީރިތި ޤުރްއާނުގެ އަންނަނިވި އާޔަތުގެ މުޞްދާޤެއްކަމުގައި ލައްވާށިއެވެ.

"اللّـه ގެ ތެދުމަގު ދެއްކެވުމަށް އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އިސްލާމްދީނަށް އެމީހެއްގެ ހިތް ތަނަވަސްކޮށްދެއްވަތެވެ." (الأنـعـام: 125)

(ނިމުނީ)