ޚަބަރު

މާފުށީ ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިއްޖެ

މުހައްމަދު އިޝާން

ކ. މާފުށީ ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ، މާފުށީގެ އިރުދެކުނުން ނުވަ މޭލު ބޭރުން އުޅަނދެއްގެ ބައެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހާއްސަ ގޮތެއްގައި ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މިރޭ "ވަން" އަށް ވިދާޅުވީ، އެ އުޅަނދުގެ ބައިތައް އޮޔާދަނިކޮށް ރާއްޖޭގެ އެކި ހިސާބުތަކުން ފެނިފައިވާ ކަމަށެވެ.

އެއީ ހަލާކުވެފައިވާ އުޅަނދެއް ކަމަށާއި، އެ އުޅަނދު އެންމެ ފުރަތަމަ ފެނުނީ ކޯސްޓުގާޑުގެ ސިފައިންނަށް ކަމަށެވެ. އަދި އެ އުޅަނދު އެންމެ ފުރަތަމަ ފެނުނީ ކޮންތަނަކުން ކަމާއި، އެ ނެގުމުގެ މަސައްކަތާ ގުޅޭގޮތުން އޮފިޝަލް މައުލޫމާތެއް ނުދެއްވައެވެ. އަދި އެއީ ރާއްޖޭގެ އުޅަނދެއްތޯ ނޫނީ ނޫންތޯ ވެސް ސާފުވާ ގޮތް ވަނީ ނުވެފައެވެ.

އެމްއެންޑީއެފުން އާންމުކޮށްފައިވާ ފޮޓޯގައި ވަނީ ވަރަށް ބޮޑަށް ހާލުކުވެފައިވާ އުޅަނދެކެވެ.