ހއ. މުރައިދޫގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މުރައިދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށުގައި ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އިފްތިތާހުކޮށްދެއްވީ، އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އާއި، ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފާއި, ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގުގެ އިތުރުން މުރައިދޫ ކައުންސިލުގެ ރައީސް އަލީ ސިނާނެވެ.
އެ މަސައްކަތް ކުރާ އެމްޑަބްލިޔުއެސްސީން ބުނީ، ފެނުގެ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި މުރައިދުއަށް ފޮނުވައި ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ %44 މަސައްކަތް މިހާރު ނިންމާލައިފައިވާ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއުގެ ދަށުން މުރައިދޫގައި 9.1 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުންޏެވެ.
މުރައިދޫގެ ފެނުގެ މަޝްރޫއަކީ 46.85 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.