ވޭތުވެދިޔަ 73 އަހަރު ދުވަހުގެ ތެރޭގައިވެސް ފަލަސްތީނުގެ މައްސަލައަށް ހައްލެއް ހޯދިފައިނުވާ ކަމަށާއި ހަމައެކަނި ބުނެލާ ބަސްތަކެއްގެ ބަދަލުގައި ފަލަސްތީނަށް އެހީވާން އަމަލުން ދައްކަން ޖެހޭ ކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ފަލަސްތީނާ ބެހޭ ސުވާލާއި މެދުއިރުމަތީގެ ހާލަތާ ބެހޭގޮތުން ބޭއްވި އދ. ގެ ޕްރިލިނަރީ ބައްދަލުވުމުގައި އިއްޔެ ޝާހިދު ވިދާޅުވީ 1948 އިން ފެށިގެންވެސް އދ. ގައި ފަލަސްތީނުގެ މައްސަލައަށް ބަހުސް ކުރެވެމުންދާ ކަމަށާއި ނަމަވެސް މިއަދާ ހަމައަށްވެސް މިކަމަށް އެދެވޭ ހައްލެއް ހޯދިފައިނުވާތީ ހިތާމަކުރާ ކަމަށެވެ.
ނަމަވެސް މިކަމުގައި އުންމީދު ނަގާ ނުލައި ކުރިއަށް އޮތް ތަނުގައި ފަލަސްތީނަށް ހަމަޖެހުން ގެނެސްދިނުމުގައި ގުޅުންހުރި ޕާޓީތަކާ މަޝްވަރާކޮށްގެން އަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ހަމައެކަނި އަނގައިން ބުނެލާ ބަހަކަށްވުރެ، އަމަލުން މިކަން ދައްކުވަން އެބަޖެހޭ،" ޝާހިދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކޮންމެ އަހަރަކު ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ވާހަކަތައް ކޮންމެ އަހަރަކު ދެކެވޭ ކަމަށެވެ. ހާއްސަކޮށް ގާޒާއަށް ދެމުންދާ ހަމަލާތަކުގެ ވާހަކަތަކަކީ އަބަދުވެސް ދެކެވެމުންދާ ވާހަކަތައް ކަމަށެވެ. ނަމަވެސް މިއަދު ހަމައެކަނި ބަސްތަކަކުން ނުފުދޭ ކަމަށާއި ފެނަށާއި ކަރަންޓަށާއި އާންމު ދިރިއުޅުމަށް ބޭނުންވާ އަސާސީ ހައްގުތަކުން މަހުރޫމު ވެފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް ބުނެލާ ބަސްތަކަކުން އެކަންކަން ފުރިހަމަ ވެގެން ނުދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ފަލަސްތީނުގެ ރައްޔިތުން ބިންތަކަށް އަރައިގަނެ، ނުހައްގުން އަނިޔާދީ ބަންދުކޮށް، ތަހަންމަލު ކުރަމުންދާ ކަންކަމަށް މިއަދު ހަމައެކަނި ބަސްތަކަކުން ހައްލެއް ނުލިބޭނެ. އެމީހުންގެ ގެތައް ސުންނާފަތި ކުރަމުންދާ މައްސަލަ އާއި އަމިއްލަ ބިމުގެ މިލްކުވެރިކަން ގެއްލިގެންދާ މައްސަލައަށް ހައްލެއް ނުލިބޭނެ ހަމައެކަނި ބުނެލާ ބަސްތަކަކުން. މިކަންކަން ހައްލު ކުރެވެން އޮތީ އަމަލުން ދައްކައިގެން. އެއީ އެހީތެރިކަން ފޯރުކޮށްދީ، ދާހިލީ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށް އެހީތެރިވެގެން،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފަލަސްތީނުގެ މައްސަލައަށް ހައްލު އޮތީ "ޓޫ-ސްޓޭޓް" ވުޖޫދަށް ގެނެސްގެން ކަމަށާއި މިއަދާ ހަމައަށްވެސް ފަލަސްތީނަށް ސްޓޭޓެއްގެ ދަރަޖަ ދެވިފައި ނުވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް ލޯ އާ އެއްގޮތަށް އެކަން ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ފަލަސްތީނުގެ ބިންތައް ނުހައްގުން ހިފައި އެތަންތަނަށް ވެރިވެގަތުން ނުހުއްޓުވެންޏާ، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި އެމީހުންގެ ގެއިން އެމީހުން ބޭރުކޮށް، ރެފިއުޖީންނަށް ހަދަމުންދާނަމަ، މިކަމަށް ދުވަހަކުވެސް ހައްލެއް ލިބިގެން ނުދާނެ،" ޝާހިދު ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ އިންޓަނޭޝަނަލް ކޮމިއުނިޓީގެ އެންމެން އެކަތިގަނޑަކަށްވެ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ޖެހޭ ކަމަށާއި އެންމެން ގުޅިގެން ފަލަސްތީނުގެ ރައްޔިތުން އެދޭ ކަންކަން ފުރިހަމަ ކުރުމަށް އެއްބާރުލުން ދޭން ޖެހޭ ކަމަށެވެ. މެދުއިިރުމަތީގެ އަމާންކަން ގާއިމުކުރެވޭނީ ފަލަސްތީނަށް ހަމަޖެހުން ގެނެވިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު