އިންޑިއާގެ ފުލުހުން ތަހުގީގު ކުރަމުން އަންނަ މަސްތުވާތަކެތީގެ މައްސަލައެއްގައި ތުހުމަތުވާ ދިވެއްސަކު ހޯދަން އިންޓަޕޮލް ރެޑް ނޯޓިސް ނެރެފިއެވެ.
އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި) އިން އެދިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައި ވަނީ އަލީ ރަޝީދު ކިޔާ ދިވެއްސަކު ހޯދުމަށެވެ. އިންޓަޕޯލް ރެޑް ނޯޓިސްގައިވާ ގޮތުން އުމުރުން 31 އަހަރުގެ އެމީހާއަށް އަޒްލީފް މުހައްމަދުވެސް ކިޔައި އުޅެއެވެ. އޭނާއަކީ މާލެއަށް ރަޖިސްޓްރީ އޮންނަ މީހެކެވެ.
އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ ގިނަ އަދަދަކަށް ކެނަބިސް އުފައްދައި އޭގެ ވިޔަފާރި ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.
އަލީ ރަޝީދު ހޯދަން ނެރުނު ނޯޓިސްގައި އިންޑިއާގެ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދެ މާއްދާއަކާ ހަވާލާދީފައިވެއެވެ. ފުރަތަމަ މާއްދާގައިވާ ގޮތުން އިންޑިއާގައި ކެނަބިސް އުފެއްދުމާއި ގެންގުޅުމާއި ވިއްކުމާއި ގަތުމާއި ޓްރެފިކް ކުރުމާއި އެއް ތަނުން އަނެއްތަނަށް އުފުލުމާއި އެކްސްޕޯޓު ކުރުމާއި ބޭނުން ކުރުމަކީ މަނާ ކަމެކެވެ. އަދި އަތުލައިގަނެވޭ ތަކެތީގެ ބަރުދަނަށް ބަލައި ދިހަ އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމަކާ އެކު އެއް ލައްކަ ރުޕީސް އާއި ދެ ލައްކަ ރުޕީސްއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެއެވެ. ދެން ހަވާލާދީފައިވާ މާއްދާއަކީ، ކުށެއް ކުރުމަށް އެހީތެރިވުމާ ގުޅޭ މާއްދާއެވެ.
މީގެ ކުރިން ވެސް އެކިއެކި މައްސަލަތަކުގައި ދިވެހީިން ހޯދަން ރެޑް ނޯޓިސް ނެރެފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލަތައް ވެސް ހިމެނެއެވެ.