އަހަރީ ފީ ނުދައްކައިގެން އުވާލަން ނިންމި ކުންފުނިތަކުގެ ލިސްޓުގައި އައިލެންޑް އޭވިއޭޝަންގެ ނަން އޮތް ނަމަވެސް އެ ފީ ދައްކަން ޖެހޭ މުއްދަތުގައި ދައްކާފައިވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ ކުންފުނި އުވައިލުމަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒް ކަނޑައަޅައި، އުވައިލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދެވަނަ މާއްދާގެ ދަށުން އަހަރީ ފީ ދައްކާފައިނުވާތީ 3967 ކުންފުނި އުވާލަން ނިންމާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އައިލެން އޭވިއޭޝަންވެސް ހިމެނެއެވެ.

އައިލެންޑް އޭވިއޭޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ ‏ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ކަނޑައަޅާފައި އޮންނަ ފައިސާ ދައްކަން އޮންނަ މުއްދަތުގައި އެ ކުންފުނިން ދައްކާފައިވާނެ ކަމަށެވެ. އެކަން އެންމެހާ ކަސްޓަމަރުންނާއި ޕާޓްނަރުންގެ ސަމާލުކަމަށްޓަކައި ދަންނަވާ ކަމަށްވެސް ބުންޏެވެ.

އުވާލަން ނިންމާފައިވާ ލިސްޓުގައި ޗެނަލް 13 ހިންގާ ކުންފުނި، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑާއި ހަވީރު މީޑިއާ ގްރޫޕާއި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ކުންފުނި، އާރްއައިއެކްސް ޕްރައިވެޓް ލިމިޓެޑް އަދި ދި އެފްއެމް ހިންގި ކުންފުނި މޯލްޑިވްސް މީޑިއާ ހިމެނެއެވެ.

މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް ހިންގުމަށް ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަކުރަންޖެހޭ އެންމެހާ އިލްތިމާޒްތައް ފުރިހަމަ ކުރުމަށްފަހު، 31 ޖެނުއަރީގެ ކުރިން ލިޔެކިޔުންތަކާ އެކު ކުންފުނި ހިންގަން ބޭނުންވާކަން އަންގައި، މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

އިއްޔެ ގެޒެޓުގައި އާންމުކުރި މި ލިސްޓު މިހާރު އިކޮނޮމިކް މިނިސްޓްރީން ވަނީ ނަގައިފައެވެ.