ޚަބަރު

އޮކްޓޯބަރު މަހު ޖެންޑާއަށް 222 މައްސަލަ، ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 30 މައްސަލައެއް

އައިޝަތު ނިއުޝާ

މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް ޖުމުލަ 222 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އޭގެ ތެރޭގައި ކުޑަކުދީންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 95 މައްސަލައެއް ހިމެނޭ ކަމަށެވެ. އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތައް ކަމަށާއި އެފަދަ 30 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ޖެންޑާއިން ބުންޏެވެ.

އޭގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައެއް ހުށަހަޅާފައިވާ އިރު، އެފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަ ކަމަށާއި އެފަދަ 13 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ އިތުރުން އޮކްޓޯބަރު މަހު އާއިލީ 24 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ކުދިން ބެލުމުގައި ޖެހޭ 12 ހަޟާނާތުގެ ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 12 މައްސަލަ ހުށަހަޅާފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.

ޖެންޑާ އިން ބުނީ ކުޑަކުދިންގެ އަހުލާގާ ގުޅުންހުރި 20 މައްސަލައެއް ހުށަހަޅާފައިވާ އިރު، އެފަދަ މައްސަލަތަކުގެ ތެރޭގައި ރުޅިގަދަވެގެން އުޅުމުގެ 11 މައްސަލައެއް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުންވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލައެއް އޮކްޓޯބަރު މަހު ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ 13 މައްސަލައެއްގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅާފައިވާ ދެ މައްސަލައެއް ހިމެނޭ ކަމަށް ޖެންޑާ އިން ބުންޏެވެ.

ޖެންޑާ އިން އިތުރަށް ބުނީ، ގާނޫނާއި ގަވައިދާ ހިލާފުވުމުގެ 11 މައްސަލައަކާއި، އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅޭ ހަތް މައްސަލައެއްގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ ހަތަރު މައްސަލައެއް މިދިޔަ އޮކްޓޯބަރު މަހު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ދެ ކުއްޖަކު އާއިލާތަކަކާ ހަވާލުކޮށްފައިވާ އިރު، ފަސް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނަގާފައިވާ ކަމަށް ޖެންޑާ އިން ބުންޏެވެ.

އޮކްޓޯބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ 210 ކުދިންނެވެ.