މުނިފޫހިފިލުވުން

''ފާސްޓް އެންޑް ފިއުރިއަސް''ގެ ލާމަސީލު ދެ އެކުވެރިން، ޕޯލް މަރުވިތާ 8 އަހަރު ފަހުން ވިންގެ އަސަރުގަދަ މެސެޖެއް

''ފާސްޓް އެންޑް ފިއުރިއަސް''ގެ ތަރި ވިން ޑީސެލް ވަނީ އިންސްޓަގުރާމުގައި އޭނާގެ މިތުރު ޕޯލް ވޯކާ މަތިން ހަނދާންކޮށް އަސަރުގަދަ މެސެޖެއް ހިއްސާކޮށްފައެވެ.

ޕޯލްގެ އަންހެން ދަރިފުޅު ކައިވެނިކުރިއިރު ބައްޕައެއްގެ ދައުރު ވިން ވަނީ ދާދި ފަހުން އަދާކޮށްދީފައެވެ. ޕޯލްގެ ދަރިފުޅު މެޑޯގެ ކައިވެނީގެ ފޮޓޯއެއް ހިއްސާކުރަމުން ވިން ވަނީ ދިގު މެސެޖަކުން ފަށާފައެވެ.

''ފާސްޓް އެންޑް ފިއުރިއަސް 4'' ކުޅެމުން ދިޔަ ދުވަސްވަރު ވިން އަލަށް ބައްޕައަކަށް ވާން އުޅޭކަން އެނގުނުކަމަށާއި ޕޯލް އޭނާއަށް އަގުހުރި ނަސޭހަތްކޮޅެއް ދިންކަމުގައި ވިން ގެ މެސެޖުގައި ބުނެއެވެ. އެގޮތުން އަންހެނުން ވިހާއިރު އަންހެނުންގެ އެންމެ ގާތުގައި ހުރުމަށާއި އެއީ ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި ވަގުތުކޮޅަށް ވެގެންދާނެ ކަމަށް ބުނެ ޕޯލް ދިން ނަސޭހަތް އަދިވެސް ހަނދާން ވާ ކަމުގައި ވިން ބުނެއެވެ.

ޕޯލް ކާރު އެކްސިޑެންޓެއްގައި މަރުވިތާ މި ވަނީ 8 އަހަރު ފުރިފައެވެ. ވިން ގެ މެސެޖުގައި އިތުރަށް ބުނެފައި ވަނީ ޕޯލް މަރުވިތާ 8 އަހަރު ވެއްޖެ ކަމަށާއި ނަމަވެސް އެދުވަހާއި ހަމައަށްވެސް އޭނާއަށް އެހާ ރަނގަޅު މިތުރަކު ލެއްވި ކަމަށްޓަކައި އުފާކުރާ ކަމަށެވެ. ހަޔާތުގައި ދިމާވާނެ ކަންކަމަކީ ހުއްޓުވޭނެ ކަންތައްތަކެއް ނޫން ކަމަށާއި، ނަމަވެސް ކޮންމެ ހިތާމައަކަށްފަހު އުފަލެއް އެކުލެވިގެން ވާ ކަމަށް އޭނާގެ މެސެޖުގައި ބުނެއެވެ.

މެޑޯގެ ކައިވެނީގެ މެއިޑް އޮފް އޮނާ އަކަށް ވިންގެ ދަރިފުޅު ހުއްޓިލައިގެން ހުރި ފޮޓޯއަށް އިޝާރާތްކޮށް ޕޯލްގެ ދިގު މެސެޖު ކުރިއަށް ގެންދެއެވެ. ޕޯލްގެ ދަރިފުޅުގެ އެންމެ އުފާވެރި ވަގުތުކޮޅުގައި ބައިވެރިވުމަށް ގާތުގައި ހުއްޓިލައިގެން އެހުރީ ޕޯލްގެ ނިޔަނެތި ނަސޭހަތާއެކު ދުނިޔެއަށް އައި ވިންގެ ދަރިފުޅު ކަމަށް ވިން ފާހަގަކުރެއެވެ. އަދި މެޑޯގެ ގާތުގައި ހުރުމަށް ވިން ގެ ދަރިފުޅު ކައިރިން މެޑޯ އަމިއްލައަށް އެދުނު ކަމުގައިވެސް ވިން އުފަލާއެކު ބުނެއެވެ.

2008ވަނަ އަހަރު ''ފާސްޓް އެންޑް ފިއުރިއަސް'' ސެޓުގައި ދެމީހުންގެ މެދުގައި މި ވާހަކަތައް ދެކެވުނު އިރު މި ދުވަސް އަތުވެދާނެ ކަމަށް ހީވެސް ނުކުރާ ކަމަށާއި ނަމަވެސް ޕޯލް އަށް އެކަން އޭރުވެސް އެނގެނީކަމަށް ވިން އިތުރަށް ބުނެއެވެ.

ވިން ގެ ދަރީން އަބަދުވެސް ޕޯލް، ބައްޕައާއެކު ވާކަމަށް ބުނެ ހިތްވަރު ދީ ހަދާ ކަމަށާއި އަދި އެކަން ގަބޫލުކުރާ ކަމަށް ވިން ވަނީ ބުނެފައެވެ. މެސެޖު ނިންމާލަމުން އަދިވެސް ޕޯލް މަތިން ވަރަށް ހަނދާން ވާ ކަމަށް ޕޯލް ވަނީ ބުނެފައެވެ.

ވިން ޑީސެލްގެ މެސެޖަށް ކޮމެންޓުކޮށް މެޑޯ ވަނީ ވަރަށް ލޯބިވާ ކަމަށާއި އަދި ވިން ގެ އާއިލާއަށް ނިސްބަތްކޮށް ކޮއްކޮ އަދި އާއިލާ ދެކެ ވަރަށް ވަރަށް ބޮޑަށް ލޯބިވާކަމަށް ބުނެފައެވެ.

2013ވަނަ އަހަރު އުމުރުން 40 އަހަރުގައި ޕޯލް ވޯކާ މަރުވެފައިވަނީ ކާރު އެކްސިޑެންޓެއްގައެވެ. އޭނާ މަރުވީ ''ފާސްޓް އެންޑް ފިއުރިއަސް 7'' ގެ މަސައްކަތްތައް ކުރަމުން ދިޔަ ދުވަސްވަރުގައި ކަމުން އެ ފިލްމު ވެގެން ގޮސްފައިވަނީ ޕޯލް ވޯކާގެ އެންމެ ފަހުގެ ފެނިލުމަށެވެ.