ބޮލީވުޑް ތަރި ޝާހިދު ކަޕޫރުގެ އަންހެނުން، މީރާ ކަޕޫރު އަމިއްލަ ޔޫޓިއުބް ޗެނަލެއް ލޯންޗުކޮށްފިއެވެ.
މީރާ އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތް ކުރާ މީހަކަށް ނުވިއަސް އޭނާ އަކީ މީސް މީޑިއާގައި ފާހަގަކޮށްލެވޭ ތަރިއެކެވެ. އިންސްޓަގުރާމުގައި ގިނަ ފޮލޯވަރުން ތިބޭ މީރާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ލޯންޗުކޮށް ފުރަތަމަ ވީޑިއޯ ވަނީ އިއްޔެ ބެލުންތެރިންނާ ހިއްސާކޮށްފައެވެ.
މީރާގެ ޗެނަލް ލޯންޗުކުރުމާއެކު ޝާހިދު ކަޕޫރު ވަނީ އަންހެނުންނަށް ތައުރީފު ކޮށްފައެވެ. މީރާއަށް ލޯބީގެ ބަސްތައް ރައްދުކޮށް ޝާހިދުވަނީ އޭނާގެ އިންސްޓަގުރާމުގައި މީރާގެ ޔޫޓިއުބް ޗެނަލް ޕްރޮމޯޓުވެސް ކޮށްދީފައެވެ.
މީރާގެ ފުރަތަމަ ވީޑިއޯގައި އޭނާ އަމިއްލައަށް ތައާރަފުވަމުން ކުރާ ހިތްވާ ކަންކަމާއި، ހިތާމަ ކުރާ ކަންތައްތައް އަދި ޒުވާން މަންމައަކަށް ވުމުގެ އިހުސާސުތައް ކޮންމެވެސް ވަރަކަށް ވަނީ ހިއްސާކޮށްފައެވެ.
''އަބަދުވެސް ވަރަށް ލިޔާ ހިތްވޭ. އުމުރުން 10 އަހަރުގައި ޕިޔާނޯ ދަސްކުރަން ފަށައި އެކަން ހުއްޓާލެވުނީމަ ހިތާމަކުރަން، އަދި ސޫޓުކޭސް ޕެކް ކުރަން ވަރަށް ފޫހިވޭ.'' ވީޑިއޯ ފަށަމުން އޭނާ ކިޔައިދެއެވެ.
މީރާ ވަނީ އެންމެ ގިނަ މީހުން އޭނާއާ ކުރާ ސުވާލުތައްވެސް ކިޔައިދީފައެވެ. އެގޮތުން ވަރަށް ގިނަ މީހުން އޭނާ ގާތުގައި 25 އަހަރު ނުވަނީސް ދެ ކުދިން ހޯދީ ހަމަ ބޭނުންވެގެންތޯ އަހާ ކަމަށާއި އޭގެ އިތުރުން ދެން އެންމެ ގިނަ މީހުން އޮޅުންފިލުވަން ބޭނުންވަނީ ބޮލީވުޑްގެ ހަބަރުތައް ކަމަށް މީރާ ބުނެއެވެ.
މީރާ ބުނީ އޭނާގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެނަށް ފާޅު ނުކުރާތީ އަސްލު މީރާ އަކީ ކާކުކަން ނޭނގޭ ކަމަށާއި އެކަން އެނގެނީ މަދު ބަޔަކަށް ކަމަށެވެ. ''ބައެއް ކަންތައްތައް އިންސްޓަގްރާމްގައި ހިއްސާކުރާ އެއްޗެހިން އެނގިދާނެ، ބައެއް ކަންކަން އިންޓަވިއުތަކުން، އޭގެ ތެރެއިން ބައެއް އިންޓަވިއުތަކަކީ ނުދެވުނު ނަމައޭ ހިތަށް އަރާ އިންޓަވިއުތައް.'' ވީޑިއޯގައި ބުނެއެވެ.
މީރާ ވަނީ މަންމައެއްގެ ތަޖުރިބާތައްވެސް ހިއްސާކޮށްފައެވެ. ވީޑިއޯ ނިންމާލަމުން މީރާ ބުނަނީ އޭނާގެ ޔޫޓިއުބް ޗެނަލް ހާއްސަ ކުރަނީ މުހިއްމު ކަންތައްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ކަމަށެވެ.
މީރާގެ ޔޫޓިއުބް ލޯންޗުކޮށް ހިއްސާކުރި ފުރަތަމަ ވީޑިއޯއާއެކު އޭނާގެ ފޭނުން ވަނީ މަރުހަބާ ކިޔަން ފަށާފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން