އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަސައްކަތް އެހެން ހަރުފަތަކަށް ގެންދަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މަނީލޯންޑަރިންގެ ކުށުގައި މީގެ ދެ އަހަރު ކުރިން ކުރިމިނަލް ކޯޓުން އިއްވި ޖަލުހުކުމުން ސަލާމަތްވެވަޑައިގެން، ފުރަތަމަ ފަހަރަށް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ޕީޕީއެމް އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ޖަލުން މިނިވަންވީ ރައްޔިތުން ރެއާއި ދުވާލު ކުރި ބުރަ މަސައްކަތުން ކަމަށެވެ.
ޕީޕީއެމްއަކީ ގައުމު އިސްލާހުކުރުމުގެ ގައުމީ ފިކުރުކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް މިހާރު އޮތް ގިއަރަށް ވުރެ މަތީ ގިއަރަކަށް ޖައްސަވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަނެއްކާވެސް އަނެއް ބަންދު ހުރަސް އަންނަންދެން އަޅުގަނޑު ތިބޭފުޅުންނާއެކު ހަރަކާތްތެރިވާނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ރާއްޖޭގައި އެންމެ ދޯދިޔާކޮށް ހިނގަނީ ޝަރުއީ ނިޒާމު ކަމަށާއި އެ ދާއިރާގެ ހުރި ގޯސްތަކުގެ ވާހަކަ ދައްކައިގެން ޖަލަށް ގެންދާނަމަ އަނެއްކާވެސް އެމަނިކުފާނު ޖަލަށް ގެންދަވަންވީ ކަމަށެވެ.
ބަންދު ހުރަސް އަންނަންދެން ރައްޔިތުންނާއެކު ހުންނަވާނެ ކަމަށް ޔާމީން ވިދާޅުވެފައިވާ އިރު، އެމަނިކުފާނުގެ ދެ މައްސަލައެއް ކުރިމިނަލް ކޯޓުގައި މިހާރުވެސް އެބައޮތެވެ. އެއީ ރ. ފުއްގިރި އާއި ވ. އާރަށު މައްސަލައިގައި އުފުލާފައިވާ މަނީލޯންޑަރިން އާއި ރިޝްވަތުގެ ދައުވާތަކެވެ.
ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާކުރީ މީގެ ހަތް ދުވަސް ކުރިންނެވެ. އާރަށުގައި ރިސޯޓެއް ތަރައްގީ ކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރިކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކޮށް ދޭން އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ، ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.
އާރަށު މައްސަލަ ތަހުގީގުކޮށްފައިވަނީ ފުލުހުންނެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި ރިސޯޓެއް ގޮތަށް ތަރައްގީ ކުރުމަށްޓަކައި އާރަށް ބޭރުގެ ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު