ޚަބަރު

އަމީން ދީދީގެ މައްސަލަ ބަލަން ފަށައި، ފުރަތަމަ ބައްދަލުވުން ބާއްވައިފި

އަލީ ޔާމިން

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން 1953 ވަނަ އަހަރު ނިމިގެންދިޔަ ގޮތް ހޯދައި، އެމަނިކުފާނުގެ މައްޗަށް ޚާއިނެއް ކަމަށް ބުނެ އިއްވާފައިވާ ހުކުމް ބާތިލުކުރުމަށް އެދި އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅި މައްސަލަ ބަލަން ފަށައި އެކަމާ ގުޅޭ ފުރަތަމަ ބައްދަލުވުން ބާއްވައިފިއެވެ.

އެ މައްސަލަ ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު ލަބީގް މުހައްމަދު މާހިދެވެ. މައްސަލައިގައި ޖުމުލަ ހަ ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރައީސް އަމީންގެ ވެރިކަން ނިމުނު ގޮތް ސާފުވެފައިނުވުމާއި އެކަމުގެ ހަގީގަތަކީ ކޮބައިކަން ސާފުކުރުން އަދި ރައީސް އަމީންގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދައުވާގެ ސީޣާ ސާފުވެފައި ނެތުމާއި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީ، އެކަމުގެ ހަގީގަތް ސާފުކުރުން ހިމެނެއެވެ.

އޭގެ އިތުރުން ރައީސް އަމީންގެ މައްޗަށް ދިވެހި ދައުލަތުގެ ޝަރީއަތެއްކޮށް، ޚާއިނެތް ކަމަށް ތުންތުންމަތިން ދެކެވޭ ވާހަކަތަކުގެ ސައްހަކަން ކަށަވަރުކުރުމަށާއި އަދި ރައީސް އަމީނަށް ވިހަމަނާފުށީގައި އަނިޔާ ކުރުމަށްފަހު ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް، ބިރުވެރިކަމުގައި ޝަރީއަތް ކޮށްފައިވާތީ އެކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

ހުށަހެޅުމުގައި އިތުރަށް ވަނީ، އަމީނަށް ވިހަމަނާފުށީގައި އަނިޔާކުރި މީހުންނަކީ ކޮބައިކަމާއި މާލޭގައި ހަވަރު އެއްވެ، ހަވަރުގެ ތެރެއިން އަމީންގެ ގައިކޮޅުގައި ތަޅައި އަނިޔާކޮށް ހެދި މީހުންނަށް އެއްވެސް ޝަރީއަތެއް ހިންގާފައިވޭތޯ އާއި އެއީ ކޮން ބައެއްކަން ސާފުކުރުމަށްވެސް އެދިފައެވެ. އަދި ހަވަރަށްލައި ތެޅުވުމުގައި އަމަލީ ގޮތުން ބައިވެރިވީ ކޮން ބައެއް ކަމާއި އެކަން ރާވައި އިންތިޒާމު ކުރުމުގައި ޝާމިލު ވަނީ ކޮން ބައެއްކަން ސާފުކުރުންވެސް ހިމެނެއެވެ.

އިންތިގާލީ އިންސާފުގެ އޮފީހުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރު އައިޝަތު ފަތުހީ "ވަން" އަށް މިއަދު ވިދާޅުވީ، އެ މައްސަލައިގެ ތައާރަފުވުމުގެ ބައްދަލުވުން އިއްޔެ ބާއްވާފައިވާ ކަމަށާއި އެ ބައްދަލުވުމަކީ ތައާރަފު ވެލުމުގެ ގޮތުންނާއި ސާފު ކުރަން ޖެހޭ ކަންކަން ސާފު ކުރުމުގެ ބައްދަލުވުމެއް ކަމަށެވެ.

"އިއްޔެގެ ބައްދަލުވުމުގައި މައްސަލަ ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު މައްސަލަ ހުށަހެޅި ފަރާތަށް ވަނީ އަރުވާފައި،" އައިޝަތު ވިދާޅުވިއެވެ.

އައިޝަތު އިތުރަށް ވިދާޅުވީ، މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް އެ މައްސަލަ ބެލުމަށް ކަމަށެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، ޖެނުއަރީ 1953 އިން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު 17 ނޮވެމްބަރު 2018އާ ދެމެދު ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އޮފީހެވެ.