މާލޭގައި ބުޅާ ފެސިލިޓީއެއް ހަދާނެ ބަޔަކު ހޯދަން ވަރަށް އަވަހަށް އިއުލާނުކުރައްވާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭ ސިޓީ ކައުންސިލުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ ބުޅަލުގެ މައްސަލައަކީ މިހާރު މާލެއަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.
ބުޅަލުގެ ސަބަބުން ބަލިތައް ފެތުރި މާލެ ނަޖިސްވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ހާއްސަކޮށް ވާރޭ ވެހޭ ދުވަސްތަކުގައި އޭގެ އުނދަގުލާއި ނުރައްކާ ބޮޑުކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ ބުޅާ ފެސިލިޓީއެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކުރާނީ އަމިއްލަ ހަރަދުގައި އެކަން ކުރާނެ ބަޔަކު ހޯދުމަށް ކަމަށެވެ.
ބުޅަލަށް ހާއްސަ ފެސިލިޓީއެއް ހަދަން، މީގެ ކުރިން އޮތް ސިޓީ ކައުންސިލުން އެޗްޑީސީއާ މަޝްވަރާކޮށްފައި އޮތް ނަމަވެސް މިހާރުގެ ކައުންސިލަށް އެ މަގު ތަނަވަސްކޮށްދީފައި ނުވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ބުޅަލުގެ މައްސަލައަކީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެއް ކަމުން އަމިއްލަ ހަރަދުގައި އެކަން ކުރާނެ ބަޔަކު ބޭނުންވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަމިއްލަ ހަރަދުގައި ފެސިލިޓީ ހެދުމަށް ބޭނުންވާ މީހުންނަށް މިި ހަފުތާގައި އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު