ދެހާސް ފަނަރަ ވަނަ އަހަރު މާޗު މަހުގެ 21 ވަނަ ދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން މަރުވި ލ. މުންޑޫ، ނޫވިލު އަލީ ޒިޔަދަމް (29އ) މަރުގެ މައްސަލަ އެއް މަސް ދުވަސް ތެރޭގައި ނިންމަން މަސައްކަތް ކުރައްވާނެ ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
ޒިޔަދަމުގެ މަރާ ގުލިގެން ދައުވާކުރަނީ ލ. މުންޑު، ބީޗުވިލާ، އަލީ ޝިފާމް (29އ) އާއި އެ ރަށު ހީނާވިލާ، މުހައްމަދު ޝަނޫން (24އ)އަށެވެ. ޝަނޫން އަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. ޝިފާމަށް ވެސް ކުރަނީ ހަމަ އެ ދައުވާއެވެ.
ޒިޔަދަމުގެ ބޮލަށާއި ބުރަކަށީގެ އިތުރުން ފައިގެ ފަލަމަސްގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު، އޭނާ މުންޑޫ ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް އޭރު ފުލުހުން ވަނީ ބުނެފައެވެ. ޒިޔަދަމަށް ހަމަލާދިނީ ދައުވާ ލިބޭ ދެ މީހުނާއި ޒިޔަދަމުގެ ވެގެން ކެއްކި ބަނގުރާތަކެއް ބެހުމުގެ ތެރެއިން ޖެހުނު މައްސަލައަކާ ގުޅިގެން ކަމަށެވެ. މަރުވި ޒިޔަދަމު އަކީ ވައްކަމާއި މަސްތުވާތަކެތީގެ ކުށުގެ ރެކޯޑްވެސް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ޒިޔަދަމުގެ މަރުގެ މައްސަލައިގައި ޝަރީއަތެއް ބާއްވައިފައެވެ. މިއަދު އޮތީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވުމާ ގުޅިގެން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަން ބޭއްވި އަޑުއެހުމެކެވެ. މި މައްސަލަ މިހާރު ބައްލަވަނީ ގާޒީ އަލީ އާދަމް އެވެ.
މި މައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާ ހެކީންގެ ތެރެއިން ހެކިބަސް ނުނެގި ވަނީ ހަމައެކަނި ޑޮކްޓަރެއްގެ އެވެ. އޭނާގެ ހެކިބަސް ނެގުމަށް މީގެ ކުރިން އަޑުއެހުމެއް ބޭއްވި ނަމަވެސް އެ އަޑުއެހުމަށް އޭނާ ހާޒިރެއް ނުވެއެވެ.
ގާޒީ އަލީ އާދަމު ވިދާޅުވީ، މި މައްސަލައިގެ ދެން އޮތީ އެންމެ ހެކިވެރިއެއްގެ ހެކިބަސް ނެގުން ކަމަށްވުމުން އެއްމަސް ތެރޭގައި މައްސަލަ ނިންމާލެވޭތޯ ބައްލަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު