ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ތަފާތު ހަ ދާއިރާއިރާއަކުން ޒުވާނުން ތަމްރީނުކުރަން މިފްކޯއިން ނިންމައިފިއެވެ.

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޔޫތު މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި މިފްކޯއިން ވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި މިފްކޯއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.

މިފްކޯ އިން މިއަދު ބުނީ މި ޕްރޮގްރާމުގައި އެ ކުންފުނީގެ ފަރާތުން ތަފާތު ހަ ދާއިރާއަކުން ޖުމުލަ 22 ސްލޮޓަށް ޒުވާނުން ތަމްރީނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިވަގުތު އެ ކުންފުންޏަށް އެންމެ ބޭނުންތެރި އަދި މަސައްކަތުގެ ހުނަރު ބޭނުންވާ ދާއިރާތައް ކަމަށްވާ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް، ވެލްޑިން ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓެނަންސް، މެރިން މެކޭނިކް، ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކްގެ އިތުރުން ފިޝް ޕްރޮސެސިން އެންޑް ކޮލިޓީ ކޮންޓްރޯލް ފަދަ ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

މި ޕްރޮގްރާމުގެ ދަށުން ތަމްރީނު ޕްރޮގްރާމުތައް ހިންގާނީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް"ތަކާ އެއްގޮތަށް ކަމަށާއި އެގޮތުން ހަ މަސްދުވަހުގެ މި ޕްރޮގްރާމް ނިމޭ އިރު، ވަޒީފާގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ބައިވެރިންނަށް ދަސްވާނެ ކަމަށް މިފްކޯ އިން ބުންޏެވެ.

މިފްކޯ އިން ބުނީ ޕްރޮގްރާމުގައި އަލަށް ބައިވެރިވާ ޒުވާނުން މަސައްކަތް ދަސްކުރަން މިފްކޯގެ ސެންޓަރުތަކުގައި މަސައްކަތްކުރާ ދުވަސްތަކަށް 3،000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށާއި ތަމްރީން ފުރިހަމަކުރާ ޒުވާނުންނަށް މިފްކޯގައި ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މިފްކޯގައި މިވަގުތު ވަޒީފާ އަދާކުރާ 73 މުވައްޒަފަކަށް ވެސް މި ޕްރޮގްރާމުން ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު، ޕްރޮގްރާމް ނިންމާ ކޮންމެ ބައިވެރިއަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބޭނެ ކަމަށް ވެސް މިފްކޯ އިން މައުލޫމާތުދެއެވެ.