ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަސައްކަތްކުރަނީ ހިތަށް އެރި ގޮތަކަށް ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ކޮމިޝަނަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، ކުރިމިނަލް ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން ތާއީދު ކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް، ރައީސް ޔާމީން މިއަދު މިނިވަންވުމާ ގުޅިގެން އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަށް އިއްވި ހުކުމަކީ ފެށުނީއްސުރެ ބާތިލު ހުކުމެއްކަން މިއަދު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ހިނގިއިރު އެ މައްސަލައިގެ ތެރެއަށް ދައުލަތުން އަތްބާނާފައިވާ ކަމަށާއި އެ މައްސަލަ ވަކި ގޮތަކަށް އަނބުރަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ ދަށު ކޯޓުގެ ފަނޑިޔާރުންތަކެއްގެ އޯޑިއޯތަކެއް ކަމަށްބުނާ އޯޑިއޯތަކެއް ދައުރުވި އިރު، މިއަދާ ހަމައަށްވެސް އެ މައްސަލަ ބެލިފައި ނުވުމާއި މި ސަރުކާރުން ޖޭއެސްސީ އިސްލާހުކުރަން މަސައްކަތް ނުކުރުން ކަމަށެވެ.
ޖޭއެސްސީ އިސްލާހުކުރާނީ ރައީސް ޔާމީންގެ ވެރިކަމެއްގައި ޕީޕީއެމުންކަން ފާހަގަކުރައްވައި ޖަމީލް ވިދާޅުވީ، މި ސަރުކާރަށް ޖޭއެސްސީ އިސްލާހު ނުކުރެވިގެން އުޅެނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ އެކްޓިވިސްޓުން ޖޭއެސްސީގައި ބައިތިއްބައިގެން ޝަރުއީ ދާއިރާއަށް ބިރުދެއްކުމަށްޓަކައި ކަމަށެވެ.
"މިނިވަންކަމާއެކު އިންސާފުވެރިކަމާއެކު ވާހަކަ ދައްކާކަމަށްވަންޏާ، ޖޭއެސްސީ މަސައްކަތްކުރަނީ އަމާ ބުނީމަ ފަރަށް ދާގޮތަށް، ހިތަށް އެރި ގޮތަކަށް އެކަން ކުރަނީ، ވަކިވަކި މީހުންނާ ޖެހުނީމަ ވަކި ފިޔަވަޅުތައް އަޅާފައި އެކި ގޮތްގޮތަށް ކަންތައްތައް ކުރަނީ،" ޖަމީލް ވިދާޅުވިއެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ޝަރޫއީ ނިޒާމުގައި އިސްލާހުކުރަން ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުންވެސް އެކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން، ރައީސް ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ސުޕްރީމް ކޯޓުގެ މިއަދުގެ ހުކުމާއެކު ދެ އަހަރަށް ފަހު ރައީސް ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު