ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތުގެ ދަށުން، ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން މިއަދު ބުނީ ގިރާ ސަރައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ވެލި ނެގުމަށް ޓަކައި ކޮނުމުގެ މަސައްކަތް މިހާރު ފަށަފައިވާ ކަމަށެވެ.
އެމްޓީސީސީ އާ މި މަސައްކަތް ހަވާލުކޮށްފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
އެމްޓީސީސީން ބުނީ ބުރުނީގެ ރަށް ގިރުމުގެ މައްސަލަ ހައްލު ކުރުމަށް ޓަކައި 369 މީޓަރުގެ ބްރޭކްވޯޓާ ތަކާއި 220 މީޓަރުގެ ރިވެޓްމަންޓް ގާއިމުކޮށް، އަދި ބީޗް ރިޕްލެނިޝްކުރުންވެސް ހިމެނޭ ކަމަށެވެ.
ޖުމުލަ 28.8 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.