ކުޅިވަރު

ފްރާންސް ފުޓުބޯޅަ މެގަޒިންގެ އެޑިޓަރު އަހަންނޭ ކިޔައިގެން ބޮޑެތި ދޮގުތަކެއް ހަދައިފި: ރޮނާލްޑޯ

މުޙައްމަދު ޝަމްޢޫން

ބެލޮންޑިއޯ ދޭ ނޫސް، ފްރާންސް ފުޓުބޯޅަ މެގަޒިންގެ ޗީފް އެޑިޓަރު ޕަސްކަލް ފެރޭ "ބޮޑެތި ދޮގުތަކެއް" ހެދި ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޭގެ ބެލޮންޑިއޯ ހަފުލާގެ ކުރިން ޕަސްކަލް ދެއްކި ވާހަކަތަކަށް އަމާޒުކޮށް ރޮނާލްޑޯ ވަނީ ފްރާންސް ފުޓުބޯޅައަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. ރޮނާލްޑޯގެ އިންސްޓާގްރާމް ޕޯސްޓެއްގައި ބުނެފައިވަނީ އޭނާ ބުނިކަމަށް ބުނެ، ބެލޮންޑިއޯގެ ކުރިން ޕަސްކަލް ދެއްކީ މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.

"ޕަސްކަލް މިދިޔަ ހަފުތާގައި ބުނީ އަހަރެން ކެރިއަރުގައި ހާސިލުކުރަން ބޭނުންވާ ހމައެކަނި ކަމަކީ މެސީއަށްވުރެ ގިނައިން ބެލޮންޑިއޯ ހޯދުން އެކަންޏޭ. އަދި އެވާހަކަ އަހަރެން ޕަސްކަލް ކައިރީ ބުނި ކަމަށް އޭނާ ބުނި. ޕަސްކަލް ހެދީ ދޮގު. އޭނާ އަހަރެންގެ ނަން ބޭނުންކޮށްގެން އަމިއްލައަށް ޕްރޮމޯޓް ވެ، ޕަބްލިސިޓީ ހޯދަން އަހަރެންގެ ގަދަރު ކުޑަކުރުމަކީ ދެރަ ކަމެއް. ހާއްސަކޮށް އެފަދަ ޝަރަފުވެރި އެވޯޑެއް ދޭ ނޫހެއްގެ ޗީފް އެޑިޓަރަކު އެފަދަ ވާހަކައެއް ދެއްކުން އެއްގޮތަކަށްވެސް ބަލައެއް ނުގަނެވޭ،" ރޮނާލްޑޯ ބުންޏެވެ.

އޭގެ އިތުރުންވެސް ޕަސްކަލް ވަނީ ރޮނާލްޑޯއާ ގުޅިގެން ވާހަކަތަކެއް ދައްކައިފައެވެ. ރޮނާލްޑޯއަށް ބެލޮންޑިއޯ ނުލިބޭ ނަމަ، އޭނާ ބެލޮންޑިއޯ ހަފުލާތަކަށް ނުދަނީ ވާދަވެރިކަމުގެ ވިސްނުމުގައި ކަމަށް ޕަސްކަލް ބުނެފައިވާ އިރު، ރޮނާލްޑޯ ވަނީ އެވާހަކަތަކަށްވެސް ރައްދު ދީފައެވެ.

"އަހަރެން ބެލޮންޑިއޯ ހަފުލާއަށް ނުދިޔައީ ކަރަންޓީނެއްގައި ހުންނަން ޖެހުމުން. އަހަރެން އަބަދުވެސް މަގާމު ހޯދާ މީހާއަށް މަރުހަބާ ކިޔައި، ސްޕޯޓްސްމަންޝިޕް ދައްކަން. ހާއްސަކޮށް ކުޅިވަރުގެ ފެއާޕްލޭ ހިފަހައްޓަން. އެއީ އަހަރެން ކެރިއަރުގައި ކާމިޔާބު ހޯދަނީ މީހަކާ ވާދަކޮށް، މީހަކު ބަލިކުރަން ކަމަށް ނުވާތީ. އަހަރެން އަބަދުވެސް ކާމިޔާބު ހޯދަނީ އަމިއްލަ ނަފުސަށާއި، އެއިރަކު ކުޅޭ ކްލަބު އަދި ޕޯޗުގަލް ގައުމީ ޓީމަށް ޓަކައި،" ރޮނާލްޑޯ ބުންޏެވެ.

ރޭގެ ބެލޮންޑިއޯ ހަފުލާއަށް ރޮނާލްޑޯ ނުދާކަން ފާހަގަވެފައިވާ އިރު، މީގެ ކުރިންވެސް ދެ ހަފުލާއަކުން ރޮނާލްޑޯ ނުފެނި ގޮސްފައިވެއެވެ. ގިނަ ބަޔަކު ބުނެފައި ވަނީ ރޮނާލްޑޯ އާންމުކޮށް ދަނީ އޭނާއަށް އެވޯޑު ލިބޭ ހަފުލާ ތަކަށް އެކަނި އެކަމަށާއި، ވާދަވެރި ކުޅުންތެރިންނަށް އެވޯޑު ލިބޭ ނަމަ ރޮނާލްޑޯ ބެލޮންޑިއޯ ހަފުލާއަށް ނުދާނެ ކަމަށެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ އެކަން ދޮގު ކޮށްފައެވެ.

ރޭގެ ބެލޮންޑިއޯ ހަފުލާގައި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އާޖެންޓީނާގެ ލިއޮނަލް މެސީ އެވެ. ރޮނާލްޑޯއަށް މިފަހަރުގެ އެވޯޑު ހަފުލާގައި ލިބިފައި ވަނީ ހަވަނައެވެ.