ސާފު ތާހިރުކަން ދަށްވެ "ދޮން ގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފި އެވެ.
އެމްއެފްޑީއޭ އިން އާންމުކުރި ބަޔާނެއްގައި ބުނީ އެ ބްރޭންޑުގެ ތަކެތި އުފައްދަމުން އަންނަ ތަނާ ގުޅިގެން ލިބުނު ޝަކުވާއަކާ އެކު، އެ ބްރޭންޑްގެ ކާބޯތަކެތި އުފައްދަމުން އަންނަ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.
އެ އިންސްޕެކްޝަނުގައި ތަނުގެ ސާފުތާހިރުކަން ވަރަށް ދަށް ކަން ވަނީ ފާހަގަކުރެވިފައިވާ ކަމަށާއި އެހެންކަމުން އެކަން އިސްލާހު ނުކޮށް އުފައްދާ އަދި ބަންދުކުރާ ކާބޯތަކެތި ބޭނުން ކުރުމުން ސިއްހަތަށް ނޭދެވޭ އަސަރު ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އޭގެ އިތުރުން ދޮން ގޮއްޔެ ބްރޭންޑުގެ ކަބޯތަކެތި އުފައްދާ ތަނުގައި ބަންދު ކުރާ އަދި އުފައްދާ ކާބޯތަކެތި ބޭނުންކޮށްފި ނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭ ފަދަ ނުރައްކާތެރި ހާލަތެއް މެދުވެރިވުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފަ އެވެ.
އެހެން ކަމުން، މިހާތަނަށް ބާޒާރަށް ނެރެފައި ހުރި އެ ބްރޭންޑްގެ އުފައްދުންތައް ވިއްކުން މަނާކޮށް، އެތަކެތި ބޭނުން ނުކުރުމަށް އެމްއެފްޑީއޭ އިން ވަނީ އަންގާފަ އެވެ.