އަރަބިއްޔާ ސްކޫލްގެ ތަނބުތަކުގައި ރެނދުލައި، ބޮޑެތި ގެއްލުންތަކެއް ވެފައިވަނީ އެކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ނޫން ކަމަށް އެލްއެފް ކޮންސްޓްރަކްޝަން އިން ބުނެފިއެވެ.
އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް، 29 މިލިއަން ރުފިޔާއަށް ހަދަން އެންމެ ފުރަތަމަ ހަވާލުކުރީ މާލާ ހައި ރައިޒިން ކުންފުންޏާ އެވެ. ނަމަވެސް އިމާރާތުގެ ފައުންޑޭޝަން އެޅުމަށްފަހު މާލާ ހައި ރައިޒިން ކުންފުނިން މަސައްކަތް ހުއްޓާލީ ޑޮލަރުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ބޮޑު ގެއްލުމެއް ވާ ކަމަށް ބުނެއެވެ. ފަހުން ހައުސިން މިނިސްޓްރީން އެ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އެލްއެފް ކޮންސްޓްރަކްޝަން އާ އެވެ.
ހަތް ބުރީގެ އެ އިމާރާތުގެ މަސައްކަތް އެކުންފުނިން ނިންމައި، އިމާރާތް ހުޅުވީ ސެޕްޓެމްބަރު 19، 2013 ގައެވެ. ހުޅުވިތާ އަށް އަހަރު ފަހުން އެ ސްކޫލުގެ ތަނބުތަކުގައި ބޮޑެތި ރެނދުތައް ލައި ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ. އެކަމާ ގުޅިގެން އެ ސްކޫލުގެ ބެލެނިވެރިންނާއި އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އިމާރާތް ކުރި ފަރާތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އެކަމާ ގުޅިގެން އެލްއެފް އިން ނެރުނު ބަޔާނެއްގައި ވަނީ އެކުންފުނީގެ ފަރާތުން މިހާތަނަށް ގިނަ އަދަދެއްގެ ސަރުކާރުގެ އިމާރާތްކުރުމުގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްކޮށް ނިންމާފައިވާ ކަމަށާއި މީގެ ކުރިން މިފަދަ ސްޓްރަކްޗަރަލް މައްސަލައެއް ދިމާވެފައި ނުވާ ކަމަށެވެ
"މިކުންފުނީގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވާނީ އެޕްރޮޖެކްޓަކާ ހަވާލުވެ ހުންނަ ޕްރޮޖެކްޓްގެ އެމްޕްލޯޔާގެ ބެލުމާއި ފެނުމުގެ ތެރެއިން އެޕްރޫވަލް ލިބިގެން. އެހެންކަމުން އަރަބިއްޔާ ސްކޫލް އިމާރާތުގައި ދިމާވެގެން އުޅެނީ މިކުންފުނީގެ މަސައްކަތުގެ ފެންވަރު ދަށްވެގެން ދިމާވެފައިވާ ކަމެއް ނޫންކަން މިކުންފުނިން ފާހަގަކުރަން،" ބަޔާނުގައިވެއެވެ.
އެކުންފުނިން ބުނީ އަރަބިއްޔާ ސްކޫލުގެ އިމާރާތްކުރުމާ ހަވާލުވިއިރު މަސައްކަތުގެ ފައުންޑޭޝަން އެހެން ކުންފުންޏަކުން ނިންމާފައިވާ ކަމަށާއި ފައުންޑޭޝަން އަޅާފައި ހުރީ ކުރެހުމާ އެއްގޮތަށް ނޫން ކަމަށެވެ. އެހެންވެ ޕްރޮޖެކްޓުގެ އެމްޕްލޯޔާ ކަމުގައިވާ އޮފީސް އޮފް ޕްރޮޖެކްޓްސް އެންޑް ޕްރޮގްރާމްސްގެ ސަމާލުކަމަށް އެކަން ގެނެވުނު ކަމަށާއި ފަހުން ޕްރޮޖެކްޓްސް އޮފީސްގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރިއަށް ގެންގޮސްފައިވާނީ އިމާރާތުގެ ކޮލިޓީ ޓެސްޓް ކުރުމަށް ހަދަން ޖެހޭ ޓެސްޓްތައް ހަދައި، ދީފައިވާ ޑިޒައިންއާ އެއްގޮތަށް ކަމަށްވެސް ބަޔާނުގައިވެއެވެ.
"އަރަބިއްޔާ ޕްރޮޖެކްޓަކީ ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ނިންމުމަށް ޕްރެޝާ ކުރަމުން ދިޔަ ޕްރޮޖެކްޓެއް ނަމަވެސް، ޕްރޮޖެކްޓްގެ ކުރެހުމާއި ބީއޯކިއުގެ ބައެއް އައިޓަމްތަކާ ދިމާ ނުވުމާއި އާކިޓެކްޗަރަލް އާއި ސްޓްރަކްޗަރަލް ކުރެހުންތަކުގައި ފުށުއެރުންތަކެއް ހުރުމުގެ ސަބަބުން އެތައް މަސައްކަތްތަކެއް ކުރަމުންދަނިކޮށްވެސް މަޑުޖައްސާލަންވެސް ޖެހުނު. މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ކުރެހުންތަކުގައި ހުރި މައްސަލަތައް ގިނަކަމުން އެކިފަހަރުމަތިން ކުރެހުންތަކަށް ޕްރޮޖެކްޓް އެމްޕްލޯޔާ ބަދަލު ގެނެސްފައިވޭ. މިނޫނަސް އިމާރާތުގެ ޑިޒައިންގައި އެކި ވަރުވަރުގެ މައްސަލަތައް ހުރުމުގެ ސަބަބުން މަސައްކަތް ކުރިޔަށް ގެންގޮސްފައިވާނީ އެކަންތައްތަކަށް ޕްރޮޖެކްޓްގެ އެމްޕްލޯޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން ގަވާއިދާ އެއްގޮތަށް،" ބަޔާނުގައިވެއެވެ.
އަރަބިއްޔާ އިމާރާތުގައި ރެނދުލާފައިވަނީ އިމާރާތުގެ ހަތަރު ވަނަ ފްލޯއިން މަތީގެ ސަރަހައްދެއްގައެވެ. އެހެންވެ އެލްއެފް އިން ވަނީ އިމާރާތްކުރުމަށް ދީފައިވާ ސްޓްރަކްޗަރަލް ކުރެހުން، އިންޑިޕެންޑެންޓް ޕާޓީއެއް މެދުވެރިކޮށް އަލުން ފުރިހަމަ އެނެލިސިސްއެއް ހެދުމަށް އެދިފައެވެ.
"އަރަބިއްޔާ ސްކޫލުގެ ނަމާދު ކޮޓަރި އާއި ފާހާނާގައިވެސް ރެނދުލައި ފެން ލީކުވާ ކަމަށް ފާހަގަކޮށްފައިވާއިރު ޕްރޮޖެކްޓުގެ މަސައްކަތް ނިމި ރިޓެންޝަން މުއްދަތުގައި ކުރަން ޖެހުނު ހުރިހާ މަސައްކަތެއްވެސް މިކުންފުނިން ވަނީ ފުރިހަމަކޮށް ނިންމާފައި. އިމާރާތުގެ ކުރެހުމުގައި ސިޑިގޮޅިތެރެއަށް ވާރޭ ވެހޭނެހެން ބޭރުފާރުތައް ރާނަން ހުރުމާއި ޓެރަސްފުލޯގެ ސިޑިގޮޅީގައި އެއްވެސް ވަރަކަށް ރާނަން ނެތުން ފަދަ ކަންކަމަކީ މަސައްކަތް ކުރަމުންދިޔައިރު ކުރެހުމުގައި ފާހަގަކުރެވުނު ބޮޑެތި މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަތައް. މިފަދަ މައްސަލަތައްވެސް ވާނީ ޕްރޮޖެކްޓްގެ އެމްޕްލޯޔާގެ އިރުޝާދުގެ ދަށުން ރަނގަޅުކުރެވިފަ،" ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ މި ޕްރޮޖެކްޓުގެ ކޮންކްރީޓް ސްޓްރަކްޗާއަށް ބޭނުންކޮށްފައި ވަނީ އެސްޓީއޯއިން ވިއްކާ ލަފާ ބްރޭންޑުގެ ސިމެންތި ކަމަށާއި މި ޕްރޮޖެކްޓްގެ ކޮންކުރީޓް ސްޓްރަކްޗާއަށް ފައިސާ ދޫކޮށްފައިވަނީ ކޮންކްރީޓް އަޅާއިރު ކޮންކުރީޓްގެ ފެންވަރު ބެލުމަށް ހަދާ ކިއުބް ޓެސްޓްގެ ނަތީޖާ ޕްރޮޖެކްޓްސް އޮފީހަށް ހުށަހެޅުމުން ކަމަށެވެ. އަދި ކޮންކްރީޓް ސްޓްރަކްޗާއަށް ބޭނުންވާ އެންމެހާ މެޓީރިއަލްސްއެއް ބޭނުންކޮށްފައި ވަނީ ޕްރޮޖެކްޓްސް އޮފީހުން އެޕްރޫވް ކުރުމުން ކަމަށްވެސް ބަޔާނުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު