ރިޕޯޓް

ވަންގެ ނޫސްވެރީން އައިޖީއެމްއެޗްގައި: ވަށައިގެން ކެމެރާ އާއި ފުލުހުން، ފަންޑުފޮށި ވަގަށްނެގުމަކީ އަރަތެއް

1

މީގެ ކުރިން އަބަދު އަޑު އިވޭ ވާހަކައަކީ އައިޖީއެމްއެޗްގެ ވޯޑުތަކުން ވައްކަން ކުރާ ވާހަކަ އެވެ. ގިނަ ފަހަރު ވައްކަން ކުރަނީ ބަލި މީހުން ބަލަހައްޓަން ގެންނަ މީހުން ކަމަށްވެއެވެ. ބައެއް ފަހަރު ބަލި މީހުންވެސް ވައްކަން ކުރާ ކަމަށް އަޑު އިވެއެވެ.

ވޯޑުތަކުގެ އެތެރޭގައި ކެމެރާ ހަރުކުރުމަކީ ޕްރައިވަސީއަށް އަސަރުކުރާނެ ކަމެކެވެ. ވޯޑު ހިމެނޭ އެހެން ސަރަހައްދުތަކުގައި ކެމެރާ ހުރެ އެވެ. އެހެންކަމުން ވޯޑުތައް ފިޔަވައި މުޅި އައިޖީއެމްއެޗް އެތެރޭގެ ހުރިހާ ތަނެއް ކަހަލަ ގޮތަކަށް ފެންނާނެހެން ކެމެރާތައް ހަރުކުރެވިފައި ހުރެ އެވެ. އެ ކެމެރާތައް ބަލައި ނުރައްކަލެއް އަތުވެދާނެތޯ އާއި ގާނޫނާ ހިލާފު އަމަލެއް އެތަނުގައި ހިނގާތޯ ބަލަން 24 ގަޑިއިރު ސެކިއުރިޓީ ބަލަހައްޓަމުން ދެއެވެ. އެކަމަށް ހާއްސަ ކޮންޓްރޯލް ރޫމަކާއި މުވައްޒަފުންވެސް ތިބެ އެވެ. އައިޖީއެމްއެޗްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު، އައިޖީއެމްއެޗުގެ މެއިން ކައުންޓަރު ކުރިމަތީގައި އެންމެނަށް ފެންނާނެހެން ބަހައްޓާފައި ހުރި ދެ ފޫޓު ބައިގެ ބޮޑު ސިންގާ ފަންޑު ފޮއްޓެއް ވަގަށް ނަގައިިގެން ގެންދިޔައީ ކިހިނެއް ހެއްޔެވެ؟ މި ކަން ކުރި ވަގުން އެއްވެސް ކެމެރާ އަކަށް ނާރަނީ ހެއްޔެވެ؟ ނޫނީ މި ވަގުން ކެމެރާތަކަށް އެރި އިރު ކޮންޓްރޯލް ރޫމުގައި ޑިއުޓީގައި މީހަކު ނެތީ ހެއްޔެވެ؟ ނޫނީ ލޯމެރިފައި ތިބީ ހެއްޔެވެ؟ ނުވަތަ "އެހެންގޮތެއް" ވީ ހެއްޔެވެ؟

މިފަދަ އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން "ވަން" އިން ކުރި މަސައްކަތުން ބައެއް ސުވާލުތަކުގެ ޖަވާބު އައިޖީއެމްއެޗުން ވަނީ ދީފަ އެވެ. އެކަމަކު އެންމެ އެދެވޭ ގޮތަށް ޖަވާބުތައް ނުލިބުމުން "ވަން"ގެ ނޫސްވެރީން ވަނީ އަމއިްލަޔަށްވެސް އައިޖީއެމްއެޗަށް މި ފަންޑު ފޮށި ހުންނަ ތަނާއި ސެކިއުރިޓީ ހުންނަ ގޮތާއި ކަންކަން ބަލައިފަ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނާ ގުޅިގެން ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ކަމަށެވެ. ކޮންޓްރޯލް ރޫމުގައި ހަފުތާގެ ހުރިހާ ދުވަހަކު 24 ގަޑިއިރު މީހުން ތިބޭނެ ކަމަށާއި ވަގަށް ނެގި ރޭގައިވެސް ޑިއުޓީގައި މީހުން ތިބޭނެ ކަމަށެވެ. ނަމަވެސް ފަންޑު ފޮށިި ވަގަށް ނަގައިގެން ދިޔަ ކަމުގެ ހިލަމެއް އެތަނުގައި ތިބި ބަޔަކަށް ނުވީ ކީއްވެތޯ ކުރި ސުވާލަކަށް ޖަވާބެއް ލިބޭނެ ގޮތެއް ނުވި އެވެ.

އެއްބަޔަކު ބުނާ ގޮތުން ނަމަ ފަންޑު ފޮށި ވަގަށް ނެގުމަށްފަހު، އެ ފޮށިި ބަހައްޓާފައި ހުންނަ ސަރަހައްދާ މާދުރު ނޫން ހިސާބެއްގައި ހުންނަ ބޭސް އަޅާ ކޮޓަރި ބަރި ހުންނަތާ ދޮރު މަތީގައި ހުރި ފާހާނަ ބަރީގައި އެ ފޮށި ބަހައްޓައި މަތާލައިގެން ފޮށީގެ މަތިގަނޑު ނަގައިގެން އޭގައި ހުރި ފައިސާތައް ވަގަށް ނެގީ ކަމަށް ބެލެވެއެވެ. އަނެއް ބަޔަކު ބުނީ ފަންޑު ފޮށި ނެގި ބަޔަކު އެ ފޮށި ހިފައިގެން ނުކުމެގެން ދިޔައީ ކަމަށެވެ. ނަމަވެސް މިކަން އެެއްވެސް އިދާރާއަކުން ކަށަވަރުކޮށެއް ނުދެ އެވެ. ފަންޑު ފޮށި ފާހާނާ ތެރޭގައި ހުރިކަންވެސް ނުވަތަ ނެތްކަންވެސް ޔަގީންކޮށެއް ނުދެ އެވެ. ފުލުހުންގެ ޖަވާބަކަށް ވީ މައްސަލަ އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ.

"ވަން"ގެ ނޫސްވެރިން އަމިއްލަ އަށް ހޮސްޕިޓަލަށް ގޮސް ބަލައި ދިރާސާ ކުރުމުން އެނގޭ ގޮތުގައި، ހޮސްޕިޓަލްގެ މެއިން ގޭޓު ކުރިމަތީގައި ދެ ފުލުހުން ތިބެއެވެ. މީގެ ކުރިން އައިޖީއެމްއެޗުގެ މިސްކިތް ހުންނަ ފަޅި، (އުތުރުފަޅި)ގައި ހުންނަ ދޮރުން އާންމުންނަށާއި އެތަނުގެ މުވައްޒަފުންނަށް ވަދެވުނު ނަމަވެސް މިހާރު އެ ދޮރުން އެއްވެސް ބަޔަކަށް ނުވަދެވެ އެވެ. އެކަން އައިޖީއެމްޗުންވެސް ވަނީ ޔަގީންކޮށްދީފަ އެވެ. މިއީ އައިޖީއެމްއެޗުގައި ފުލުހުން ސެކިއުރިިޓީ ބަލަހައްޓަން ނުތިބޭ ހަމައެކަނި ދޮރެވެ. ދެން ހުރީ އިމަޖެންސީ ފަޅި އެވެ. އެ ފަޅީން އެންމެ ފުރަތަމަ ވަންނައިރު ފުލުހުންގެ ޕޯސްޓެއް ބުރުޒު މަގަށްވާ ގޮތަށް މަގުމަތީގައިވެސް ހުރެ އެވެ. އެތެރެއަށް ވަންނަ އިރު ސެކިއުރިޓީ ކެމެރާ ބެލޭނެ ގޮތަށް ހުރި ފުލުހުން ކޮންޓްރޯލް ކުރާ ބޮޑު ރޫމެއްވެސް ހުއްޓެވެ. އެތަނުން އައިޖީއެމްއެޗުގެ މެއިން ގޭޓު ރިސެޕްޝަނުން ފެށިގެން މުޅި އައިޖީއެމްއެޗުގައި ކެމެރާ ހަރުކޮށްފައި ހުރި ހުރިހާ ހިސާބެއް ރީއްޗަށް ފެންނަން ހުއްޓެވެ. ފަންޑު ފޮށި ހުރިތަންވެސް ރީއްޗަށް ފެންނަން ހުއްޓެވެ. އެވަގުތުވެސް އެތަނުގައި ތިން ހަތަރު ފުލުހުންނާއި ކުލަ ހެދުމުގައި ތިބި ބަޔަކުވެސް ތިއްބެވެ. ނަމަވެސް މިއީ އައިޖީއެމްއެޗުގެ މުވައްޒަފުން ކަމެއް ފުލުހުން ކަމެއް ޔަގީނެއް ނޫނެވެ.

ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އަންނަ އެހެން ދެ ދިމާލެއްވެސް ހުއްޓެވެ. އެއީ ކެންޓީނު ފަޅިން ވޯޑަށް ވަންނަތާ ދޮރުމަތީގައްޔާއި އިމަޖެންސީ ދޮރު ކުރިމައްޗެވެ. މި ފުލުހުންގެ ޑިއުޓީގެ ތެރޭގައި ސެކިއުރިޓީ ބެލެހެއްޓުން ހިމެނޭ ނަމަ، ފަންޑު ފޮށި ހިފައިގެން ފަސޭހައިން ދެވޭނެ ގޮތެއް ފެންނާކަށް ނެތެވެ.

ސެކިއުރިޓި ބަލަހައްޓާ ފުލުހުންގެ ދައުރަކީ އެތަނުގެ ސެކިއުރިޓި ބެލެހެއްޓުން އެކަންޏެއް ނޫނެވެ. ތަނަށް ވައްދާ ޝައްކު ކުރެވޭ ނުވަތަ ހޮސްޕިޓަލުގައި ޝައްކު ކުރެވޭ ގޮތަށް އުޅޭ މީހުންނާއި ހޮސްޕިޓަލުގައި އަޑުގަދަކޮށް މާރާމާރީ ހިންގުން ފަދަ ކަންކަން ހުއްޓުވަންވެސް ޖެހެ އެވެ. އެހެން ކަމަށް ވާނަމަ ފަންޑު ފޮށި ހިފައިގެން ވަގުންނަށް ދާން ފުރުސަތު ލިބުނީ ކޮން ގޮތަކުން ކަމާމެދުވެސް ސުވާލު އުފެދެ އެވެ.

އައިޖީއެމްއެޗަކީ 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް ވެފައި މެއިން ކައުންޓަރުގައި އަބަދުވެސް ޑިއުޓީގައި މީހަކު އިނދެއެވެ. އެތަނުގައި ޑިއުޓީގައި މީހަކު ހުރެއްޖެ ނަމަ ފަންޑުފޮށި ގެންދާތަން އެމީހަކަށް މާ ރީއްޗަށް ވެސް އަސްލު ފެންނާން ޖެހޭނެއެވެ. އައިޖީއެމްއެޗުން ބުނީ ފަންޑު ފޮށި ވަގަށް ނެގި ރޭވެސް މީހުން ޑިއުޓީގައި ތިބި ކަމަށެވެ. އެކަމަކު ދެން އުފެދޭ ސުވާލަކީ އެރޭ ޑިއުޓި ޝެޑިއުލްގައި ހިމެނި މީހާ ޑިިއުޓީގައި އިންތޯ ނޫނީ އޭނާ އެރޭ ގޮނޑީގައި އިނދެ ނިދީތޯ ނުވަތަ ޑިއުޓީގައި ނެތީތޯ އެވެ؟ މިކަމާ ސުވާލު ކުރުމުން އައިޖީއެމްއެޗަކުން ޖަވާބެއް ނުދެ އެވެ.

މީގެ ކުރިންވެސް އައިޖީއެމްއެޗުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ވަގަށް ނެގި އެވެ. އެކަމަކު އޭގެ ފަހުން ސެކިއުރިޓީ ހައި ކުރި ކަމަށް އެ ހޮސްޕިޓަލުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އައިޖީއެމްއެޗުގެ ދެ ސަރަހައްދެއްގައި ފަންޑު ފޮށި ބަހައްޓާފައި ހުރެ އެވެ. މިއީ ހެލްތު މިނިސްޓްރީން "ހެލްތު ޓްރަސްޓް" ފަންޑަށް ފައިސާ ހޯދުމަށް ބަހައްޓާފައި ހުންނަ ފޮށްޓެކެވެ. މި ފޮށްޓަކީ ހޮސްޕިޓަލުން ބޭރު ކުރާ އެއްޗެއް ނޫނެވެ. އައިޖީއެމްއެޗުން ބުނީ ކޮންމެ ހަތަރެއް ނުވަތަ ފަސް މަހަކުން ހެލްތު މިނިސްޓްރީން އެ ފަންޑު ފޮށިގައި ހުންނަ ފައިސާ ބަލައި އަންނަ ކަމަށާއި މި ފައިސާ ހަވާލު ކުރަނީ އެ ހޮސްޕިޓަލުގެ ފައިނޭންސް ޑިޕާޓްމަންޓުން ގުނާފައި ކަމަށެވެ.

ވަގުން ސީސީޓީވީ ކެމެރާ އަށް އަރާފައިވާކަން އައިޖީއެމްއެޗުން ޔަގީން ކޮށްދިންނަމަވެސް މި ފުޓޭޖުތައް ފުލުހުންނަށް ލިބުނުކަން ނުވަތަ ނޫންކަންވެސް ޔަގީންކޮށެއް ނުދިނެވެ. ފުލުހުން މިކަމަށްވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އެއީ މައްސަލަ ތަހުގީގުކުރަމުން އަންނަ ވާހަކަ އެވެ.

މި ދައްކަނީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ވާހަކަ އެވެ. މުޅި ހޮސްޕިޓަލުގައި ސެކިއުރިޓީ ކެމެރާ ހުރި ތަނެއްގެ ވާހަކަ އެވެ. ވަށައިގެން ފުލުހުން ތިބި ތަނެއްގެ ވާހަކަ އެވެ. 24 ގަޑިއިރު ކޮންޓްރޯލު ރޫމަކުން ސެކިއުރިޓީ ބަލަމުން އަންނަ ތަނެއްގެ ވާހަކަ އެވެ. 24 ގަޑިއިރު ޑިއުޓީގައި މުވައްޒަފުން ތިބޭ ކައުންޓަރެއްގެ ސީދާ ކުރިމަތީގައި ހުރި ބޮޑު ސިންގާ ފަންޑު ފޮށްޓެއްގެ ވާހަކަ އެވެ.

މި ވަރު އެއްޗެއް ވަގަށް ނަގައިގެން ދިއުމަކީ ފަސޭހަ ކަމެއް ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. ވަށައިގެން ހުރި ސެކިއުރިޓީގެ ހުރިހާ ކަމަކުން ރެކިގެން މި ފޮށި ގެންދެވޭނީ ފިސާރި "އެނގޭ" ބަޔަކަށް ކަމަށް ބުނެވޭނެ ފުރުސަތު އެބަ އޮތެވެ. އެ ބަޔަކު ބުނަނީ މިއީ ހޮސްޕިޓަލުގެ ބަޔަކާ ނުވަތަ ސެކިއުރިޓީ ބަލަހައްޓަން ތިބި ބަޔަކާ ގުޅިގެން ނޫނީ ނުކުރެވޭ ފަދަ ބޮޑު ކަމެއް ކަމަށެވެ. އަދި މި ކަމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ހުރި މިންވަރު ދައްކައިދޭ ކަމެއް ކަމަށާއި މިކަމާ މެދު ފުލުހުން ބަސް ބުނުން ލަސްވެއްޖެ ކަމަށެވެ.

ފަންޑު ފޮށި ވަގަށް ނެގުމާ ގުޅިގެން އިތުރު ފަންޑު ފޮއްޓެއް މިހާރު ބަހައްޓާފައިވާއިރު އެ ފަންޑު ފޮށި ހުރީ، ކުރިން ފަންޑުފޮށި ހުރި ދިމާ ފާރުގައި ހަރުކޮށްފަ އެވެ. އެކަމަކު ކުރީގެ ފަންޑުފޮށި ގެއްލުން މިއޮތީ އަރަތަކަށް ވެފަ އެވެ. މިހާ ހިސާބަށް ކަންތައްތައް ދިއުމުން، އައިޖީއެމްއެޗްގައި އޮންނަ ބަލި މީހަކު ވަގަށް ނަގައިގެން ގެންދިޔަސް ސެކިއުރިޓީއަށް ނުވަތަ ބަލަހައްޓަން ތިބޭ ބަޔަކަށް އެނގޭނެތޯ މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.