ޚަބަރު

ހުރިހާ ފަރުދުންގެ ހައްގުތައް ބަލައިގަތުމަކީ ސުލްޙަ މަސަލަސްކަން ގާއިމުކުރުމުގެ ބިންގާ: ޝާހިދު

އަލީ ޔާމިން

ހުރިހާ ފަރުދުންގެ ހައްގުތައް ބަލައިގަތުމަކީ މިނިވަންކަމާއި އަދުލު އިންސާފާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމުގެ ބިންގާކަމުގައި އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިފަދައިން ވިދާޅުވީ، އެލްޑީސީ/ސިޑްސް ޓްރަސްޓް ފަންޑް ވޯކްޝޮޕް ފޯ އޭޝިއާ ރީޖަންގެ ބައްދަލުވުމުގައި ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ އެންމެންގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަކީ އދ.ގެ 76 ވަނަ އާއްމު މަޖިލީހުގެ ދައުރުގައި އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވައިފައެވެ.

ހިއުމަން ރައިޓްސް ކައުންސިލު (އެޗްއާރުސީ)ގެ ކުރިމަތީގައި ހުރިހާ އަޑުތަކެއް އިއްވައި، ހުރިހާ މެންބަރު ގައުމުތަކަށް ތަމްސީލުކުރުމުގެ ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމަކީ ޒިންމާއެއްކަމުގައި ފާހަގަކުރައްވައި ޝާހިދު ވަނީ، އޭގެ އެންމެ ބޮޑު ހެއްކަކީ އިންސާނީ ހައްގުތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުން އެޗްއާރުސީގެ މުހިންމު ދެ ގަރާރެއް މިއަހަރުގެ ތެރޭގައި ފާސްވެގެން ދިއުން ކަމަށެވެ.

މި ގަރާރުތަކަކީ ކައުންސިލުގައި ހިމެނޭ އެލްޑީސީއާއި ސިޑްސްގެ ގައުމުތަކުގެ އަޑުތަކުން މަންފާ ލިބުނު ގަރާރުތަކެއް ކަމާމެދު ޝައްކު ނުކުރައްވާކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.