ސަރަހައްދީ ބަނދަރުތަކަށް ގެންނަ މުދާ އަގު ބޮޑުވާ މައްސަލަ ހައްލުކުރުމަށް ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން، ބަނދަރުތަކުގެ ގާނޫނެއް، 150 ދުވަހުގެ ތެރޭގައި އެކުލަވައިލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިންޑިއާ އާއި ރާއްޖޭގެ ރަށްތަކާ ދެމެދު ކުރަމުން އަންނަ ފެރީ ދަތުރުތަކުން ނަގަމުން އަންނަ ފީތައް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބޮޑު ކޮށްފައިވާތީ، ދިވެހި ވިޔަފާރިވެރިންނާއި އާންމު ރައްޔިތުންނަށް ލިބެމުން އައި ފައިދާތަކަށް ނޭދެވޭ އަސަރު ފޯރާފައިވާ ކަމަށްބުނެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުއެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އިން ދިރާސާކުރުމަށްފަހު، އެކުލަވައިލި ރިޕޯޓިގައި އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރަން ޖެހޭ ކަންތައްތައް ވަނީ ހިމަނައިފައެވެ.

އަދި ސަރަހައްދީ ބަނދަރުތަލުން ލިބޭ މުދަލުގެ އަގު ބޮޑު ވަނީ ނަގާ ފީތައް ބޮޑުވުމުގެ ސަބަބުން ކަން އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެހެންކަމުން ފްރައިޓްގެ އަގު ބޮޑު ވާން ދިމާ ވަނީ ބަނދަރުތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން ކަމަށްވާތީ، ހިތަދޫ ބަނދަރާއި ކުޅުދުއްފުށި ބަނދަރު ތަރައްގީ ކުރުމަށް އެންޕީއެލް އިން އެކުލަވާލާފައިވާ މާސްޓާ ޕްލޭންގެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިދިނުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމާއި އެ ޕްރޮޖެކްޓަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އަށް ހުށަހަޅަންވެސް ކޮމެޓީން ފާސްކޮށްފައިވެއެވެ.

އެމްޕީއެލް އިން ނަގަމުން އަންނަ ފީތަކުގެ ތެރެއިން ޕައިލޮޓޭޖް ފީ ބޮޑު ކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާއިރު، އެ ފީ ބޮޑުކުރުމުގެ ސަބަބުން މައްސަލަތައް ދިމާވާ އޭރިޔާތައް ދެނެގަތުމަށް ދިރާސާއެއް ކޮށް، ބަދަލު ކުރެވެން ހުރި އޭރިޔާތަކުން އެ ފީ ކުޑަކުރުވުމަށް އެމްޕީއެލް އަށް ދެންނެވުމަށް ވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ.

ހިތަދޫ ބަނދަރުގައި ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް، އެމްޕީއެލް އާ ގުޅިގެން މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަން އަށް ހުށަހެޅުމަށާއި، ރާއްޖޭގެ ބަނދަރުތައް ރެގިއުލޭޓް ކުރުމަށް މެރިޓައިމް އޮތޯރިޓީއެއް އޮންނަން ޖެހޭ ކަމަށް ވެސް ކޮމެޓީން ފާސްކޮށްފައިވެއެވެ.

ކޮމިޓީން ހުށަހެޅި ގޮތަށް މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އެ ރިޕޯޓް ފާސްކޮށްފައެވެ. އެ ރިޕޯޓް ފާސްކޮށްފައިވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 57 މެމްބަރުންގެ ތެރެއިން 55 މެމްބަރުންގެ ވޯޓުންނެވެ.