ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން މަޖިލީހުން ފާސްކޮށްފި

އިބްރާހިމް ޒަކީ

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލަން ރައްޔިތުންގެ މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

އެ އޮތޯރިޓީ އުވާލަން މަޖިލީހުން މިއަދު ފާސްކުރީ، އެ އޮތޯރިޓީގެ ގާނޫނު އުވާލުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްގެންނެވެ.

މިއީ ސަރުކާރުގެ ފަރާތުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. މި ބިލުގައި ބުނެފައި ވަނީ، މިއީ ރާއްޖޭގެ ކަނޑުދަތުރު ކުރުމާއި އެއްގަމު ދަތުރުކުރުމުގެ ކަންކަން ހިންގުން ހަރުދަނާ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައި އެ އޮތޯރިޓީން ކުރަމުން ގެންދިޔަ މަސައްކަތްތައް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެ އޮތޯރިޓީ އުވާލައި އެތަނުގެ މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް މިނިސްޓްރީއަށް ބަދަލުކުރުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ކަނޑައެޅުމާއެކު ގާނޫނު އުވާލުމަށް ހުށަހެޅި ބިލެއް ކަމަށެވެ.

މި ގާނޫނަށް އަމަަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހުނީ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި، ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާ އާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން ޓްރާންސްޕޯޓް އޮތޯރިޓީއަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާ އާއި ގާނޫނީ ގޮތުންނާއި އެއްބަސްވުމުގެ ދަށުން އެ އޮތޯރިޓީއަށް ލިބޭ ހައްގުތަކާއި މަންފާތައްވެސް ޓްރާންސްޕޯޓް މިނިސްޓްރީއަށް ބަދަލުވީ ކަމަށް ވެސް ބުނެފައިވެއެވެ.