ކުޅިވަރު

ނަވާރަ އަހަރުން ދަށުގެ މުބާރާތަށް އަތޮޅު ތެރެއިން ދެޓީމާއެކު ޖުމުލަ 10 ޓީމަށް ފުރުސަތު ދެނީ

އެފްއޭއެމް 19 އަހަރުން ދަށުގެ މުބާރާތަށް 10 ކްލަބަކަށް ފުރުސަތު ދޭން ނިންމައިފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓްމަންޓްގެ ޔޫތު ފުޓްބޯޅައިގައި މަސައްކަތް ކުރަމުން އަންނަ ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) "ވަން"އަށް ވިދާޅުވީ 19 އަހަރުން ދަށުގެ މުބާރާތުގައި ބައިވެރިވާނީ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބުގެ އިތުރުން އަތޮޅު ތެރޭގެ ދެޓީމަކުން ކަމަށެވެ. މިހާރު ކުރަމުން އަންނަ މަސައްކަތަކީ ޓީމުތައް ފައިނަލް ކުރުމުގެ މަސައްކަތް ކަމަށްވެސް ޝާކިއްޓެ ފާހަގަކުރެއްވިއެވެ.

"ޖެނުއަރީ 24 ވަނަ ދުވަހު ފަށާ ގޮތަށް މިއޮތީ މުބާރާތް. ފުރަތަމަ ފުރުސަތު މި ދެނީ ފުރަތަމަ ޑިވިޝަންގެ އަށް ކްލަބަކަށް. އެ ކްލަބުތަކަކީ ކްލަބު ލައިސަންސިން ލިބިފައިވާ ކްލަބުތައް ވީމަ އޮންނަން ޖެހޭނެ ޔޫތު ޓީމެއް، އެހެންވީމަ އެ ކްލަބުތަކަށް ފުރަތަމަ ފުރުސަތު މިދެނީ. އޭގެ އިތުރުން ދެން ފުރުސަތު ދެނީ އަތޮޅު ތެރެއިން ދެޓީމަކަށް،" ޝާކިއްޓެ ވިދާޅުވިއެވެ.

އަތޮޅު ތެރެއިން ޓީމުތައް ނަގާ ގޮތާ ގުޅޭ ގޮތުން ޝާކިއްޓެ ވިދާޅުވީ، އަތޮޅު ތެރެއިން ނަގާނީ ޝައުގުވެރިވާ ޓީމުތަކުގެ ތެރެއިން ދެޓީމެއް ހޮވާލައިގެން ކަމަށެވެ.

"ޝައުގުވެރިކަން ފާޅުކޮށްފައިވާ ޓީމުތައް އެބަހުރި މިހާރުވެސް. އޭގެ ތެރެއިން ބަލާފައި ދެޓީމެއް ނަގަން ވިސްނާފައި ވަނީ. ދެން މީގެ ކަނޑައެޅޭ އުމުރުފުރާ ތަކަކަށް ކުޅެވޭ ގޮތަށް މި އޮންނަނީ. އެއީ އަދި އަންޑަ 16 އާއި އަންޑަ 23 ވެސް ބާއްވަން އޮތީމަ. އެހެންވީމާ އެ އުމުރުފުރާތަކުގެ ޓީމުތައް އަތޮޅު ތެރެއިންވެސް އަންނާނީ،" ޝާކިއްޓެ ވިދާޅުވިއެވެ.

މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި ބައިވެރި ވެވޭނީ 2003، 2004 އަދި 2005 ގައި އުފަންވެފައިވާ ކުދިންނަށް ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅައިފައެވެ. ޓީމުތަކުން މިހާރު ތަމްރީނުތައް ފަށާފައިވާ އިރު، މިއީ 19 އަހަރުން ދަށަށް ސްޕެސިފިކް ކޮށް މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން ދަށަށް ހާއްސަކޮށް ބޭއްވީ 2018 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ގްރީން ސްޓްރީޓްސް އިންނެވެ.