ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ބުރޫ އަރަނީ އެ ބޭންކުގެ އޮޕަރޭޝަން ރަނގަޅު ކުރުމަށާއި ސިސްޓަމް ތަކުގެ ސެކިއުރިޓީ އާއި ޓެކްނޮލޮޖީ ސްޓޭންޑަޑް ދެމެހެއްޓުމަށް ޓަކައި، ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކުރަމުންދާތީ ކަމަށް އެ ބެންކުން ބުނެފި އެވެ.
ބީއެމއެލް އިން މިއަދު ނެރުނު ކުރު ސްޓޭޓްމެންޓެއްގައި ބުނީ މިމަހުގެ 21 ވަނަ ދުވަހު އެ ބޭންކުގެ ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑްގެ ބޮޑު މަސައްކަތެއް ނިންމާލާފައިވާ ކަމަށެވެ.
ކޯ ބޭންކިން ސިސްޓަމްގެ އަޕްގްރޭޑް މަސައްކަތަކީ އުނދަގޫ އަދި އެހާމެ ބޮޑު މަސައްކަތަކަށް ވުމާއެކު މިކަމުގެ ސަބަބުން ހިދުމަތްތައް މެދުކެނޑިގެން ދިޔުމަކީ ދުނިޔޭގެ ކޮންމެ ބޭންކަކަށްވެސް ކުރިމަތިވެދާނެ ކަމެއް ކަމަށް އެ ބޭންކުން ބުންޏެވެ.
މީގެ އިތުރުން ބޭންކަށް އަންދާޒާ ކުރެވުނީ މި އަޕްގްރޭޑްގެ ސަބަބުން ސިސްޓަމްތައް މެދުކެނޑިގެންދާނީ ކުޑަ މިންވަރަކަށް ކަމުގައި ވީ ނަމަވެސް ސިސްޓަމަށް ދިމާވެދާނެ ކަމަކަށް ތައްޔާރުވެ ބޭންކުންވަނީ ކުރިޔާލައި ކަސްޓަމަރުންނަށް މިކަން އަންގާފައި ކަމަށް ބީއެމްއެލް އިން ބުންޏެވެ. ނަމަވެސް އަޕްގްރޭޑުގެ މަސައްކަތަށްފަހު ދޭތެރެދޭތެރެއިން ސިސްޓަމްތައް މެދުކެނޑުމުގެ މައްސަލަ ދިމާވަމުންދާ ކަމަށާއި މި މައްސަލަ ހައްލު ކުރުމަށް ބޭންކުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ބޭންކުން ވަނީ ހިދުމަތަށް ބުރޫއަރާ ކަސްޓަމަރުންނަށް ދިމާވަމުންދާ ދަތިތަކަށް ޓަކައި މައާފަށް އެދިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު