ބެލޮންޑިއޯ ލިބުމަށް އެދެނީ ޓީމް މޭޓް ލިއޮނަލް މެސީއަށް ކަމަށް ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވުމަށް ފްރާންސްގެ ނޫހެއްގެ އިތުރުން ފްރާންސް ފުޓުބޯޅަ އެކުވެގެން ދޭ ބެލޮންޑިއޯ އެވޯޑަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި އިންޑިވިޖުއަލް އެވޯޑެވެ. ކުރިން ފީފާއިންވެސް މޮޅު ކުޅުންތެރިޔާ ހޮވުމަށް ބެލޮންޑިއޯއާ އެންޑޯސް ކޮށްފައި އޮތް ނަމަވެސް، ފީފާއާއެކު ބެލޮންޑިއޯއާ އިން ހަދާފައިވާ ޕާޓްނާޝިޕް 2016 ވަނަ އަހަރު ވަނީ ނިމިފައެވެ. މިހާރު ފީފާއިން ދެނީ ވަކި އެވޯޑެކެވެ. އެއީ ފީފާ ދަ ބެސްޓްގެ އެވޯޑެވެ.
މިދިޔަ އަހަރުގެ ބެލޮންޑިއޯ ކޮވިޑް 19 އާއި ގުޅިގެން ކެންސަލް ކޮށްފައިވާ އިރު، އެންމެފަހުން 2019 ވަނަ އަހަރު ލިބުނީ މެސީއަށެވެ. މިހާތަނަށް ހަ ފަހަރު މެސީ ބެލޮންޑިއޯ ހޯދާފައިވާ އިރު، މެސީއާ އެންމެ ވާދަވެރިކޮށް ގިނަ ދުވަސްތަކެއް ވަންދެން ފެނިފައިވަނީ ރާމޯސްއާއެކު ރެއާލްއަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރާމޯސް ކުރިން ރެއާލްއަށް ކުޅެ، ރޮނާލްޑޯއާއެކު ކާމިޔާބީތަކެއްވެސް ހޯދާފައިވާ އިރު، އޭރު އެންމެ ބޮޑު ވާދަވެރިއޔަކީ މެސީއެވެ. އެ ވާދަވެރިކަން ފަހަނައަޅައި، މިހާރު މެސީއާ ރާމޯސް ކުޅެމުން އަންނަނީ ޕީއެސްޖީއަށެވެ.
"މެސީއަށް ކާމިޔާބީއަށް އަހަރެން އެދެން. އަހަރެން އުންމީދުކުރަނީ އަނެއްކާވެސް އެ ޝަރަފުވެރި އެވޯޑު އަހަރެންގެ ޓީމް މޭޓް މެސީއަށް ލިބޭނެ ކަމަށް. ޔަގީނުންވެސް މިހާރު އަހަރެން އުންމީދު ކުރާނީ މެސީއަށް ލިބޭނެ ކަމަށް. އެއީ އަހަރެންގެ ޓީމް މޭޓެއް ވީމައާވެސް އެކު. މެސީ އަދިވެސް އެހުރީ އެންމެ ރަނގަޅު ފޯމުގައި. އެއީ ޓީމުތަކުގައި ތަފާތު ދައްކާނެ ކުޅުންތެރިއެއް. އެއީ އާދަޔާހިލާފު، ތަފާތު މޮޅު ކުޅުންތެރިއެއް. މެސީއާ އެއް ކްލަބަކަށް ކުޅުމަކީ އަހަންނަށް ލިބޭ ޝަރަފެއް،" ރާމޯސް ބުންޏެވެ.
ލަލީގާގެ އެންމެ ވާދަވެރި ދެ ކްލަބު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ލެޖެންޑަރީ ދަރަޖައިގެ ދެ ކުޅުންތެރިން އެފަދަ ގޮތަކަށް ވާހަކަތައް ދެއްކުމުން އެކަމަށް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް އަމާޒުވެފައިވެއެވެ. ހާއްސަކޮށް ކެރިއަރުގެ ބޮޑު ބައެއްގައި "ރައިވަލްސް"ގެ ގޮތުގައި ފެނުނު މެސީއާއި ރާމޯސް އެފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އެކަމަށް ގިނަ ބައެއް ނަޒަރު ވަނީ ހުއްޓިފައެވެ.