އިސްލާމީ ތާރީޚު

ފޮތެއްގެ ތަޢާރުފު: "އިސްލާމް - ނިރުބަވެރިކަން ހެއްޔެވެ؟ ނުވަތަ ނަމޫނާ ދީނެއް ހެއްޔެވެ؟" 2

އަބްދުﷲ ފާރޫގް ހަސަން

1

(26 ނޮވެމްބަރުގެ އަދަދާ ގުޅޭ)

ކޮންމެ ދީނެއްގައިވެސް އަސާސީ ޢަޤީދާތަކާއި މައިގަނޑު އިރުޝާދުތައް ގަބޫލުކުރާ މީހުންނާއި ގަބޫލު ނުކުރާ މީހުން ވަކިކުރުމަށް އެކިއެކި ޚާއްޞަ ބަސްބަސް ބޭނުންކުރެއެވެ. މިސާލެއްގެގޮތުން ހިންދީ ދީނުގައިވެސް އެދީނުގެ އަހުލުވެރީންކަމުގައި ނުވާމީހުންނަށް ޚާއްޞަ ބަސްތަކެއް ހުރެއެވެ. ނާސްތިކުއާއި އަނާރިއްޔާއާއި، މަލީޗު ފަދަ ބަސްބަހެވެ.

ހަމައެފަދައިން ޖިހާދުގެ ޙަޤީޤަތާމެދުވެސް ސުވާމީޖީ ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާ ލިޔުއްވައިފައިވެއެވެ.

"ޖިހާދަކީ ހުއްޓުމެއްނެތި ގަދައަޅައި މަސައްކަތްކުރުމެވެ. މަޤްޞަދެއް ހާސިލުކުރުމަށް ފުރިހަމަ ބުންވަރާއި ހަކަތަ ހޭދަކުރުމެވެ. ޤުރްއާނުގައި ހަނގުރާމައާ ގުޅޭގޮތުން ޢާންމުކޮށް ބޭނުންކުރައްވައިފައިވަނީ ޤިތާލެވެ. ޖިހާދުގެ މަފްހޫމް ޤިތާލުގެ މާނަޔަށްވުރެ މާތަނަވަހެވެ. ޙައްޤަށް ނަޞްރު ދިނުމަށްޓަކައި ތިމާގެ މުދަލާއި، ތިމާގެ ދުލާއި ގަލަމުގެ ބޭނުންކޮށްގެން މަސައްކަތްކުރުމުގައި ތިމާގެ ހަކަތަ ހޭދަކުރުމަކީވެސް ޖިހާދުކުރުމެވެ. ޙައްޤު ފާޅުކުރުމަށްޓަކައި ހަނގުރާމަކުރަންވެސް ޖެހިދާނެއެވެ. އެކަމަށްޓަކައި ފުރާނަވެސް ޤުރުބާންކުރަން ޖެހިދާނެއެވެ. އެއީވެސް ޖިހާދުގެ ބައެކެވެ. ޖިހާދެއް އިސްލާމީ ޖިހާދަކަށްވަނީ ކަލާނގެ ރަސްކަންފުޅަށްޓަކައި ޖިހާދުކުރުމުންނެވެ. އެކަލާނގެ ހިދާޔަތާ އެއްގޮތަށް ކުރާ ޖިހާދަކަށްވެގެންނެވެ. މުދަލާއި ފައިސާ ހޯދުމަށްޓަކައި ކުރާކަމަކަށް ވެގެންނެއް ނޫނެވެ. (ޞަފްޙާ 7-8)

"ރޭވުންތެރި މަސައްކަތް" މި މައިގަނޑު ނަމުގެ ދަށުން ލިޔެފައިވެއެވެ.

ނިރުބަވެރިކަން މުސްލިމުންނާ ގުޅުވުމުގެ ހަރަކާތް ފެށިގެން އައީ އިންޑިޔާވެސް ހިމެނޭގޮތަށް ދުނިޔޭގެ ކޮންމެތަނެއްގައި ބޮމެއް ގޮވިކަމުގައިވިޔަސް މީހަކު ނުވަތަ ބަޔަކު ޤަތުލުކުރުވުނުކަމުގައިވިޔަސް އެ ހާދިސާއެއްގައި އިއްތިފާޤުންވެސް މުސްލިމަކު ހިމެނިއްޖެކަމުގައިވާނަމަ އެ ހާދިސާ އިސްލާމީ ނިރުބަވެރިކަމުގެ ގޮތުގައި ސިފަކުރުމުންނެވެ.

ވަރަށްކުރު މުއްދަތެއްގެ ތެރޭގައި މީޑިޔާވެސް ހިމެނޭގޮތަށް ބައެއް ބާރުތަކުން އެބައިމީހުންގެ ޒާތީ މަޞްލަޙަތަށްޓަކައިވަނީ އިސްލާމީ ނިރުބަވެރިކަމުގެ އިސްތިލާޙު އުފައްދައިފައެވެ. އެނަން ހަރުކޮށްފައެވެ. މުސްލިމުންގެ ޢަދުއްވުން ރާވައިގެން ކުރިމަސައްކަތުގެ ސަބަބުން މިއަދު ދުނިޔޭގެ ކޮންމެ ކަންކޮޅެއްގައި ބޮމެއް ގޮވިކަމުގައިވިޔަސް އެކަން ވަގުތުން އިސްލާމީ ނިރުބަވެރިކަމާ ގުޅުވައިލެވެއެވެ. އެނާރެހުގައި މުޅިދުނިޔޭގައި ތަފާތު އެތައް ބަސްބަހަކުންވަނީ ފޮތްތައްވެސް ލިޔެ ޝާއިޢުކޮށްފައެވެ. ދުނިޔޭގައި ހިނގާ ހުރިހާ ނިރުބަވެރިކަމެއްގެ މުލަކީ އިސްލާމްދީން ކަމުގައި މީހުންނަށް ވިސްނައިދެވިފައެވެ. އެ ޙަޤީޤަތާ ޚިލާފު އަޑުއެރުވުމުގައި ސާބިތުކޮށްދީފައިވަނީ ޤުރްއާން މަޖީދުގެ އާޔަތްތަކުގައި އެހެނިހެން ދީންތަކުގެ އަހުލުވެރީންނާ ހަނގުރާމަކުރުމަށް މާތް اللّــه މުސްލިމުންނަށް އަމުރުކުރައްވައިފައިވާ ކަމުގައެވެ. އެހެނިހެން ދީންތަކުގެ އަހުލުވެރިން އެއްވެސް ރަޙުމެއްނެތި ޤަތުލުކުރުމަށް އަންގަވައިފައިވާ ކަމުގައެވެ. ނުވަތަ އެބައިމީހުން ބިރުގަންނަވައިގެން އިސްލާމްދީނަށް ވައްދަން އަންގަވައިފައިވާކަމުގައެވެ. އެހެނިހެން ދީންތަކުގެ މީހުންގެ އަޅުކަންކުރާ ތަންތަން މުގުރައި ތަޅައި ސުންނާފަތިކުރުމަށް އަންގަވައިފައިވާ ކަމުގައެވެ. ޖިހާދުކުރުމަކީ އެއީކަމަށާއި، ޖިހާދުކުރާ މީހުންނަށް މާތް اللّــه ސުވަރުގެ ދެއްވާނެކަމުގައެވެ. މިގޮތުން ދުރާލައި ރާވައިގެންވަނީ އިސްލާމްދީނަކީ ކުށެއްނެތް މީހުންގެ ޤާތިލެއްކަމުގައްޔާއި، ނިރުބަވެރި ދީނެއްކަމުގައި ކަނޑައަޅައިފައެވެ. ޖިހާދުގެ މަޠުލަބަކީ ނިރުބަވެރިކަން ކަމަށާއި އިސްލާމްދީނަކީ މީސްތަކުންގެ ޤާތިލެއްކަމުގަޔާއި، އެދީނަކީ ނިރުބަވެރި ދީނެއްކަމުގައި ކަނޑައަޅައިފައެވެ. ޖިހާދުގެ މަޠުލަބަކީ ނިރުބަވެރިކަން ކަމުގައި މީސްތަކުންގެ ހިތްތަކަށް ވައްދައިފައެވެ. (ޞަފްޙާ: 12)

ސުވާމީޖީ އޭނާގެ މައިގަނޑު މައުޟޫޢު ކުރިޔަށް ގެންދަވަމުން އިސްލާމްދީނުގެ އަސާސީ މަރާޖިޢުތައް ކަމުގައިވާ ކީރިތި ޤުރްއާނާއި ކައުސާހިބާ محمّد صلّــى اللّــه عليـه وسلّـم ގެ ސުންނަތާއި ނަބަވީ ސީރަތުގެ އަލީގައި ނުހަނު ޞަރީޙަކޮށް ބަޔާންކުރައްވައިފައިވަނީ ނިރުބަވެރިކަމާ އިސްލާމްދީނާ ކުޑަވެސް ގުޅުމެއްނެތްކަމެވެ. މި މައުޟޫޢުގައި ކީރިތި ޤުރްއާނުން ހެތްކާއި ދަލީލު ދައްކަވަމުން އޭނާ ވަނީ އިސްލާމްދީނުގެ ނަބިއްޔާ محمّد صلّــى اللّــه عليـه وسلّـم ގެ ޙަޔާތްޕުޅުގެ މައްޗަށް ނުހަނު އޮށްޓަރުހުރި ޢިލްމީ ބަޔާނެއްވެސް ލިޔުއްވައިފައެވެ. އެ ބަޔާން ކިޔަމުންދާއިރު އޭނާއަކީ محمّد صلّــى اللّــه عليـه وسلّـم އާމެދު ޒަހަރުން ކަޅިވެފައިވާ ވާހަކަތަކެއް ލިޔުއްވައިފައިވާ ބޭފުޅެއްކަމާއި އިސްލާމްދީނާއި މުސްލިމުންގެ ދާވަނީގައި ނިރުބަވެރިކަމުގެ ލޭބަލް ހަރުކުރެއްވި ބޭފުޅެއްކަމުގެ ހުވަންހިލަންވެސް ނުވެއެވެ. އޭނާ އިތުރު ސާހިބާގެ ސީރަތު ތޭރަ ޞަފްޙާއަށް ފައްތަވައިފައިވަނީ ކޯރެއްގެ ފެން ދޯރަކަށް އެޅުންފަދަ ފުރިހަމަ ގޮތެއްގައެވެ. ސުވާމީޖީ ކައުސާހިބާގެ ޙަޔާތްޕުޅުގެ މައްޗަށް ލިޔުއްވި ބަޔާން ނިންމަވައިފައިވަނީ މިދަންނަވާ ޢިބާރާތުންނެވެ.

"އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ މި ޠާހިރު ސީރަތުން ސާބިތުވާގޮތުގައި އިސްލާމްދީނުގެ އަސްލު މަޤްޞަދަކީ ދުނިޔޭގައި ޙައްޤު ޤާއިމުކުރުމެވެ. އަމަންއަމާންކަން އާއްމުކުރުމެވެ. ނިރުބަވެރިކަމާ ދެކޮޅުހެދުމެވެ. އެހެންކަމުން އިސްލާމްދީނާ ނިރުބަވެރިކަމާ ގުޅުވުމަކީ މީހަކަށް ދެއްކޭނެ އެންމެ ޙަޤީޤަތާ ޚިލާފު ވާހަކައެވެ. ދެކޮޅުވެރިގޮތުގައި ބާރުގެ ބޭނުންކުރުމުގެ ކޮންމެ ހާދިސާއެއް އިސްލާމްދީނާއި އިސްލާމީ އުންމަތާ ގުޅުވޭކަށެއް ނޯންނާނެއެވެ." (ޞަފްޙާ: 26)

ފޮތުގެ ހަތާވީސްވަނަ ޞަފްޙާއިން ފެށިގެން ތެއްތިރީސްވަނަ ޞަފްޙާއާ ހަމަޔަށްވަނީ "އިސްލާމްދީނާއި ނިރުބަވެރިކަން" މި މައިގަނޑު ނަމުގައިވާ ބާބެކެވެ. އެއީވެސް ވަރަށް މަޢުލޫމާތު މުއްސަނދި މަޒުމޫނެކެވެ. ސުވާމީޖީ އެ މަޒުމޫނުގައި މަސައްކަތް ކުރައްވައިފައިވަނީ އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ނޫންކަމާއި މިސާލެއްނެތްފަދަ ފުރިހަމަ ދީނެއްކަން ސާބިތުކުރެއްވުމަށެވެ. މި މައިގަނޑު ނަމުގައި އޭނާ ޤުރްއާނުގެ އެތައް އާޔަތްތަކެއް ހުށަހަޅުއްވައި ސާބިތު ކުރައްވައިފައިވަނީ އިސްލާމްދީނަކީ ނިރުބަވެރިކަމުގެ ދީނެއް ނޫންކަމެވެ. އިސްލާމްދީނަކީ މިސާލެއްނެތްފަދަ ފުރިހަމަ ދީނެއްކަމެވެ. އަމަންއަމާންކަމާއި ޞުލްޙަމަސަލަސްކަމަށް ގޮވައިލާ ދީނެއްކަމެވެ. އެ މަޒުމޫނުގައި އޭނާ ވަނީ ޤުރްއާނުގެ އާޔަތްތަކުގެ ފުރިހަމަ މަފްހޫމް ދެނެގަތުމަށްޓަކައި ކޮންމެހެން ބޭނުންބައެއްކަންކަމަށްވެސް އަލިއަޅުއްވައިފައެވެ. އެކަންކަމަކީ ޤުރްއާނުގެ އާޔަތްތަކުގެ ފަސްމަންޒަރާއި ސަބަބުއްނުޒޫލު އޮޅުންފިލުވައިގެން އެއާޔަތްތައް މުޠާލިޢާ ކުރުމެވެ. މި މައުޟޫޢުގައި އޭނާ ލިޔުއްވައިފައިވެއެވެ.

"ޤުރްއާން މަޖީދު ތަރުޖަމާކުރާއިރު އެއްވެސް އާޔަތެއްގެ މަފްހޫމަށް ކުޑަވެސް ބަދަލެއް އަޔަދީގެން ނުވާނެއެވެ. އެހެނީ އާޔަތެއްގެ މަފްހޫމް ބަދަލުވުމަކީ އެއްވެސް އަގެއްގައި ގަބޫލުކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މުސްލިމުން ދުނިޔޭގެ ތަފާތު ބަސްބަހަށް ޤުރްއާން ތަރުޖަމާކޮށްފައިވާއިރު ކޮންމެ އާޔަތެއްގެ ތަރުޖަމާއިންވެސް ލިބޭނީ އެއް މަފްހޫމެކެވެ. ޣައިރުމުސްލިމް އަޚުންނަށް ޤުރްއާން މަޖީދުގެ ތަރުޖަމާގެ އުނދަގޫ ލަފުޒުތަކުގެ މާނަ ވިސްނައިނުގަނެވިއްޖެނަމަ މައުލާނާ މުޙައްމަދު ފާރޫޤު ޚާން ތަރުޖަމާކުރައްވައިފައިވާ "ޕޫތަރެޤުރްއާން" (ހިންދީ ބަހުގެ ތަރުޖަމާއެއް) ގެ އެހީ ހޯދިދާނެއެވެ." (ޞަފްޙާ: 27)

އިތުރަށް ކުރިޔަށް ގެންދަވަމުން ކީރިތި ޤުރްއާނުގެ އެތަކެއް އާޔަތްތަކަކުން ސާބިތުކޮށްދެއްވަން މަސައްކަތްކުރައްވައިފައިވަނީ محمّد صلّــى اللّــه عليـه وسلّـم ގެ ޢަމަލުފުޅުތަކުންވެސް ކީރިތި ޤުރްއާނުގެ އުނގަންނައިދެއްވުންތަކުންވެސް ނިރުބަވެރިކަމުގެ އަސަރުވެސް ހިޔަނިވެސް ފެންނާން ނެތްކަމެވެ. އާދެ، ސުވާމީޖީ ލިޔުއްވައިފައިވެއެވެ.

"އިސްލާމްދީނުގެ ނަބިއްޔާ (محمّد صلّــى اللّـه عليـه وسلّـم) ގެ ޠާހިރު ސީރަތާއި ކީރިތި ޤުރްއާނުގެ އާޔަތްތައް މުޠާލިޢާކުރުމުން ބަޔާންވެ އެނގެނީ އިތުރު ސާހިބާގެ އެއްވެސް ޢަމަލުފުޅަކުންވެސް ކީރިތި ޤުރްއާނުގެ އެއްވެސް އިރުޝާދަކުންވެސް ނިރުބަވެރިކަމުގެ ވަސްވެސް ކުލަވެސް ފެންނާން ނެތްކަމެވެ. އެކަމުން ސާބިތުވާ އަނެއް ޙަޤީޤަތަކީ އިސްލާމްދީނާއި ނިރުބަވެރިކަމާ (އާތިންކުވާދު) ގުޅުވާ މީހުން އެކަންކުރަނީ މަޢުލޫމާތުގެ ފަގީރުކަމާއި ނޭނގުމުގެ ސަބަބުންކަމެވެ." (ޞަފްޙާ: 33)

ތިރީސްހަތަރުވަނަ ޞަފްޙާއިން ފެށިގެން ފަސްދޮޅަސްވަނަ ޞަފްޙާއާ ހަމަޔަށް ބަޙުޘްކުރައްވައިފައިވަނީ އިސްލާމްދީނުގެ ޢަދުއްވުންގެ ތެރޭގައި ހިމެނޭ ޣައިރުމުސްލިމް ސްކޮލަރުން އިސްލާމްދީނާއި ނިރުބަވެރިކަމާ ގުޅުވަން ދަލީލެއްގެގޮތުން ބޭނުންކުރާ ކީރިތި ޤުރްއާނުގެ ސައުވީސް އާޔަތާ މެދުގައެވެ. ސުވާމީޖީ ވިދާޅުވެފައިވާގޮތުން ޣައިރުމުސްލިމް ސްކޮލަރުން އިސްލާމްދީން ނިރުބަވެރިކަމާ ގުޅުވަން އެ އާޔަތްތައް ބޭނުންކުރަނީ ސިޔަޤާ ގުޅުން ކަނޑުވައިގެންނެވެ. ބައެއްފަހަރު އެބައިމީހުން މުޅި އާޔަތް ނަކަލުވެސް ނުކުރެއެވެ. އާޔަތްތައް މާނަކޮށް ޝަރަޙަކޮށް ހަދަނީވެސް ހިތަށްއެރި ގޮތަކަށެވެ. އެގޮތުން ޢާއްމު ހިންދީންނަށް މަގުއޮޅުވައިލަން މަސައްކަތްކުރެއެވެ.

ފޮތުގެ މުޞަންނިފް ސުވާމީޖީ ވަނީ، ނިރުބަވެރިކަމަށް ބާރުއަޅާކަމަށް ޣައިރުމުސްލިމުން ބުނާ ސައުވީސް އާޔަތް އެއާޔަތްތަކުގެ ސިޔާޤާއި ފަސްމަންޒަރާއެކު އޭނާގެ ފޮތުގައި ގެންނަވައިފައެވެ. އެ އާޔަތްތަކާ ނިރުބަވެރިކަމާ އެއްވެސް ގުޅުމެއްނެތްކަން ސާބިތުކުރައްވައިފައެވެ. މި މައިގަނޑު ނަމުގައި ލިޔުއްވި ލިޔުއްވުމުގައި ސުވާމީޖީ ޚުދު އޭނާގެ މިސާލުވެސް ވަނީ ޖައްސަވައިފައެވެ. އޭނާ ކުރީން ހުންނެވީ ކިހައިބޮޑު ކުށްހީއެއްގައި ހައްޔަރުވެވަޑައިގެންފައިކަން ބަޔާންކުރައްވައިފައެވެ. އާދެ، ސުވާމީޖީ ލިޔުއްވައިފައިވެއެވެ.

"ބައެއްމީހުން އެތައް އަހަރަކުއްސުރެ ގެންދަނީ ޤުރްއާން މަޖީދުގެ ސައުވީސް އާޔަތެއްގެ މައްޗަށް އެކުލެވޭ ޕެންފްލެޓެއް ޤައުމުގެ ކަންކޮޅުތަކުގައި ބަހަމުންނެވެ. އެ ޕެންފްލެޓް އިންޑިޔާގެ ގާތްގަނޑަކަށް ހުރިހައި ސަރަޙައްދީ ކަންކޮޅުތަކެއްގައި ހުރިހައި ބަހުރުވަތަކަކުން ޝާއިޢުކުރަމުން ގެންދެއެވެ. އެ ޕެންފްލެޓުގެ ޢުންވާނަކީ "ޤުރްއާނުގެ ބައެއް އާޔަތްތައް އީމާންކަމުގެ އަހުލުވެރީން (މުސްލިމުން) އެހެން ދީންތަކުގެ އަހުލުވެރީންނާ ދެކޮޅުވެރިވެ ހަނގުރާމަކުރުމަށް އަމުރުކުރެއެވެ." މިފޮތުގެ ފެށުމުގައި "އަހަންނަށް ޙައްޤު އޮޅުންފިލިހިނދު" މި މައިގަނޑު ނަމުގައި އަހަރެން ލިޔެފައިވާ ފަދައިން އެ ޕެންފްލެޓް ކިޔުމުން އަހަންނަށްވެސް މަގުއޮޅޭގޮތްވިއެވެ." (ޞަފްޙާ: 34)

އެއަށްފަހު އޭނާވަނީ އެއާޔަތްތަކަކާ ބެހޭގޮތުން ބަހުސްކުރެވެމުންދާ ސައުވީސް އާޔަތް ޞަރީޙަކޮށް ތަފްސީލުކޮށް ބަޔާންކުރައްވައިފައެވެ. އޭނާގެ ބަޔާން ކުރިޔަށް ގެންދަވަމުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.

"ޢާންމުން މިފަދަ މީހުނާމެދު ހުސިޔާރުވާންޖެހެއެވެ. މިފަދަ މީހުންނަކީ ތިމައުރެންގެ ސިޔާސީ މަޞްލަޙަތަށްޓަކައި ޤައުމުގެ އަމަން ނަގައިލަން ބޭނުންވާ މީހުންނެވެ. ޞުލްޙަމަސަލަސްކަން ނީލަންކިޔަން ފަސްނުޖެހޭ މީހުންނެވެ. އަނެކުންގެ ފަރާތުން ކަމޭހިތުމާއި ޢިއްޒަތް ލިބިގަތުމަށްޓަކައި ތިމާމެންވެސް އަނެކުންނަށް ޢިއްޒަތްތެރިކޮށް ހިތަންޖެހޭނެއެވެ. އެކަމަކު އެފަދަ މީހުން އެކަމެއް ނުދަނެއެވެ. އެފަދަ މީހުން އެންމެފުރަތަމަ ކުރާންވީކަމަކީ އިޚްލާޞްތެރި ހިތަކާއެކު ކީރިތި ޤުރްއާން ރަނގަޅަށް ދިރާސާކުރުމެވެ. އިސްލާމްދީން ދެނެގަތުމެވެ. އިސްލާމްދީނާމެދު ވާހަކަ ދައްކާނަމަ ނުވަތަ ތަންޤީދުކުރާނަމަ އެކަން ކުރާންވާނީ އެއަށްފަހުގައެވެ. (ޞަފްޙާ: 59)

ހަމައެފަދައިން "ޤުރްއާނުގެ މަތިވެރި އުނގަންނައިދެއްވުން" މި މައިގަނޑު ނަމުގައިވެސް ސުވާމީޖީވަނީ ވަރަށްފުރިހަމަ މަޒުމޫނެއް ލިޔުއްވައިފައެވެ. ފޮތުގެ 61 ވަނަ ޞަފްޙާއިން ފެށިގެން 77 ވަނަ ޞަފްޙާގެ ނިޔަލަށެވެ. އެ މަޒުމޫނު ކިޔައިލުމުން އެނގެނީ މުޞަންނިފުވަނީ ކީރިތި ޤުރްއާން ވަރަށް ފުންކޮށް ދިރާސާކުރައްވައިފައިކަމެވެ. އޭނާ ވަނީ އޭނާގެ މަޒުމޫނުގައި ކީރިތި ޤުރްއާނުގެ ވަރަށްގިނަ އާޔަތްތަކެއްގެ ތަރުޖަމާ ހުށަހަޅުއްވައިދެއްވައިފައެވެ. އޭނާ ޞަރީޙަކުރައްވައިފައިވަނީ އިސްލާމްދީނަކީ ހަމައެކަނި ޢަދުލުވެރިކަމުގެ އެންމެ ފުރިހަމަ ނަމޫނާއެއްކަމުގައި ހިމެނޭ ދީނެއް ނޫންކަމެވެ. އަދި ކީއްތޯއެވެ؟ އޭނާ ސާބިތުކުރައްވައިފައިވަނީ އިންސާނީ ޙަޔާތުގެ ފަލާޙަށްޓަކައި ޢަމަލުކުރެވޭފަދަ ނަމޫނާއެއް ހުށަހަޅާ ދީނަކީ ހަމައެކަނި އިސްލާމްދީންކަމެވެ. އެގޮތުން އޭނާ އިސްލާމްދީނުގެ އެންމެމަތީ ފެންވަރުގެ ޢަދުލުގެ ނިޒާމާ ބެހޭގޮތުން އެއްތަނެއްގައި ލިޔުއްވައިފައިވެއެވެ.

(ނުނިމޭ)