ދުނިޔެ

އޮމިކްރޯން ވޭރިއަންޓަށް ހާއްސަ ވެކްސިނެއް އަންނަ އަހަރު ކުރީކޮޅު ލިބިދާނެ ކަމަށް މޮޑާނާ އިން ބުނެފި

ދެކުނު އެފްރިކާއިން ފެނި މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުގެ އޮމިކްރޯން ވޭރިއަންޓަށް ހާއްސަކޮށްގެން އުފައްދާ ކޮވިޑް ވެކްސިން އަންނަ އަހަރުގެ ކުރީކޮޅު ލިބިދާނެ ކަމަށް މޮޑާނާ އިން ބުނެފިއެވެ.

މި ވޭރިއަންޓާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ބޯޑަރުތައް ބަންދުކުރަން ފަށާފައެވެ. މި ވޭރިއަންޓުން ދިފާއު ވުމަށް ވެކްސިނަށް ބަދަލު ގެނެސް އާ ވެކްސިނެއް އެންމެ އަވަހަށްވެސް އަންނަ އަހަރުގެ ކުރީކޮޅު ނެރެވިދާނެ ކަމަށް ބީބީސީއަށް މައުލޫމާތު ދެމުން އެމެރިކާގެ މޮޑާނާ ކުންފުނީގެ ޗީފް މެޑިކަލް އޮފިސަރު ޕޯލް ބާޓަން ވަނީ ވިދާޅުވެފަ އެވެ.

ބާޓަން ވިދާޅުވީ މިހާރުވެސް ދެމުން އަންނަ ވެކްސިނުން ކޮވިޑުން ރައްކާތެރިކޮށްދޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި ވީހާވެސް ގިނަބަޔަކު ބަލިން ދިފާއުވުމަށް ވެކްސިން ޖަހަން ޖެހޭ ކަމަށެވެ. މިހާރު ދެމުން އަނަނަ ކޮވިޑު ވެކްސިނުން މިވޭރިއަންޓުން ދިފާއުކޮށްދޭ މިންވަރު އެނގުން މުހިއްމު ކަމަށާއި މިކަން ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދެނެގަނެވިގެން ދާނެ ކަމަށް ވެސް ފާހަގަކުރެއްވި އެވެ.

އޮމިކްރޯން ވޭރިއަންޓު ހަލުވިކަމާއެކު ފެތުރެމުންދާއިރު އެންމެ ފުރަތަމަ މި ވޭރިއަންޓު ފެނުނު ދެކުނު އެފްރިކާގެ ސިއްހީ މާހިރުން ބުނެފައިވަނީ އަދި މިހާތަނަށް ބަލި ޖެހުނު މީހުންގެ ކިބައިން ފެންނަނީ ވަރަށް އާދައިގެ އަލާމާތްތައް ކަމަށެވެ. މި ވޭރިއަންޓުން ދިފާއު ވުމަށް ގައުމުތަކުން ސަމާލުކަން ދިނުމަށާއި މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އާދައިގެ އަލާމާތްތައް ފާހަގަކުރެވެނީ ޒުވާނުންގެ ކިބައިން ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނެއެވެ. ޑަބްލިއުއެޗްއޯ އިން ފާހަގަކުރިގޮތުގައި މި ވޭރިއަންޓުން ނުރައްކާ އޮތް މިންވަރު ކަށަވަރުކުރުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރެވެމުން ކަމަށާއި އެހެނިހެން ވޭރިއަންޓުތަކަށް ވުރެ މި ވޭރިއަންޓުން ބަލީގައި ބޮޑުވަރުވުމުގެ ނުރައްކާ އިތުރުކޮށްދޭ ކަމަށް އަދި ފާހަގަ ނުކުރެވޭ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން އާއްމުކުރި އެންމެފަހުގެ މައުލޫމާތަށް ބަލާއިރު ކޮވިޑު ޓެސްޓުކުރުމަށް ބޭނުންކުރާ ޕީސީއާރް ޓެސްޓުން އޮމިކްރޯން ވޭރިއަންޓު ދެނެގަނެވެއެވެ.