ތ. ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް މި ދައުރުގެ ތެރޭގައި ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހިރިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހިރިލަންދޫ ކައުންސިލާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ ރިޔާސީ ވައުދާ އެއްގޮތަށް އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މިބައްދަލުވުމުގައި ހިރިލަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލާލު ވަނީ އެރަށުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އިތުރުން ސްކޫލް ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލް އިމާރާތުގެ މަސައްކަތް ފެށުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ރައީސާ ހިއްސާކުރައްވައިފައެވެ.
މީގެ އިތުރުން ސިއްހީ ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކުރަން ހުރިކަންކަމާއި ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ފަހިކޮށްދިނުމަށާއި އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ މުހިންމު ކަންކަމާ ގުޅޭގޮތުން ކައުންސިލުން، ރައީސްއާ މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ހިރިލަންދޫގެ ތަރައްގީއަށް ރޭވިފައިވާ މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ކައުންސިލާ ހިއްސާކުރައްވައިފައެވެ. އަދި އެރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާ ބެހޭގޮތުން ކައުންސިލާއެކު ރައީސް ސޯލިހު މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ސްކޫލްގެ ކްލާސްރޫމް އިމާރާތާއި މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ވަރަށް އަވަހަށް ޓެންޑާ ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު