ޖަރުމަނު ބުންޑަސް ލީގާގައި ރޭ ޑޯޓުމަންޑް ކުޅުނު މެޗުގައި ގޯލް ޖަހައި އާލިންގް ހާލަންޑު ލީގުގައި 50 ގޯލު ހަމަކޮށްފިއެވެ.

ޑޯޓުމަންޑުން ރޭ އަވޭގައި ކުޅުނު މެޗުގައި ވުލްވްސްބާގު އަތުން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. އެ މެޗަށް ހާލަންޑް ނުކުތީ އަނިޔާގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހުގައެވެ. އަނިޔާގެ ސަބަބުން ހާލަންޑަށް މުހިއްމު މެޗުތަކެއް ގެއްލިފައިވާ އިރު، ރޭގެ މެޗަށް ނުކުތީވެސް ދެވަނަ ހާފުގެ ތެރެއިންނެވެ. މެޗަށް ނުކުތްތާ 10 ވަރަކަށް މިނެޓު ތެރޭގައި ހާލަންޑް ގޯލު ޖަހާފައިވާ އިރު، އޭނާ ވެފައި ވަނީ ޖަރުމަނު ލީގުގައި 50 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ހާލަންޑް ލީގުގައި 50 ގޯލު ހަމަކުރިއިރު އޭނާގެ އުމުރަކީ 21 އަހަރާއި 129 ދުވަހެވެ.

މެޗުގެ ދެވަނަ މިނެޓުގައި ވޯޓް ވެގޯސްޓްގެ ގޯލާއެކު ވުލްވްސްބާގުން ލީޑު ނެގި ނަމަވެސް ޑޯޓުމަންޑުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެމްރޭ ޗޭންގެ ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށް، ދެވަނަ ހާފަށް ނުކުމެ މާ ގިނައިރެއް ނުވަނީސް ޑޯޓުމަންޑުން ނަތީޖާ އަނބުރާލިއެވެ. ޑޯޓުމަންޑުގެ ދެވަނަ ގޯލު ޖަހައިދިނީ ޑޮންޔެލް މާލެން އެވެ.

ޑޯޓުމަންޑު ޖާޒީގައި ހާލަންޑް ކުޅުނު 50 ވަނަ މިނެޗަށް ނުކުމެ އޭނާ ޖެހި 50 ވަނަ ގޯލަކީ މި ސީޒަންގައި މިހާތަނަށް ކުޅުނު ހަތް މެޗުން އޭނާ ޖެހި 10 ވަނަ ގޯލެވެ. ރޭގެ މެޗަށް ނުކުތީ އޮކްޓޯބަރު މަހު ވި އަނިޔާއަކުން ރަނގަޅުވެގެންނެވެ. ހާލަންޑް ނެތުމުގެ ސަބަބުން ޑޯޓުމަންޑަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނު އިރު، މިދިޔަ ހަފުތާ ތެރޭ އެޓީމު ވަނީ ޗެމްޕިއަންސް ލީގުންވެސް ކަޓައިގެން ގޮސްފައެވެ.

ބުންޑަސްލީގާގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުވެސް އެޓީމުން ކާމިޔާބު ކޮށްފައިވާއިރު، 13 މެޗުން 31 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ބަޔާން އެވެ. ދެވަނައިގައި ޑޯޓުމަންޑް އޮތީ 13 މެޗުން 30 ޕޮއިންޓާ އެކުގައެވެ.